ދުނިޔެ

މިލާން ހިމެނޭގޮތަށް އިޓަލީގެ ހަތަރު ސަރަޙައްދެއް ފުރަބަންދަށް


މިލާން ހިމެނޭގޮތަށް އިޓަލީވިލާތުގެ ހަތަރު ސަރަޙައްދެއް ފުރަބަންދުކޮށްފިއެވެ. އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރު ދުވަސްވަރުގައި ވަރަށް ބޮޑަށް ޙާލަތު ގޯސްވި އިޓަލީވިލާތުގައި މިހާތަނަށް 824،879 މީހުންނަށް ކޯވިޑް-19 ޖެހި 40،192 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ދުވަސްތަކުގައި އެ ޤައުމުގައި ބަލިފެތުރޭ މިންވަރު އިތުރުވެ މިދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް 34،505 މީހުންނަށް ބަލިޖެހި 428 މީހުންވަނީ އެ ޤައުމުގައި މަރުވެފައެވެ.

ކޯވިޑް-19ގެ ސަބަބުން ޙާލަތު ގޯސްވެ އިންޒާރުގެ މިންވަރު ރަތަށް އަރާފައިވާ ހަތަރު ސަރަޙައްދެއް ހުކުރު ދުވަހުން ފެށިގެން ފުރަބަންދުކުރުމަށް ނިންމާފައިވާކަން އިޢުލާނުކުރެއްވީ އިޓަލީވިލާތުގެ ބޮޑުވަޒީރު ގުސެއްޕެ ކޯންތޭއެވެ. ލަމްބާޑީ، ޕީޑްމޮންޓު، ވައްލެ ޑީ އޮސްޓާ އަދި ކެލެބްރިއާ މި ހަތަރު ސަރަޙައްދެއްގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ބޭނުމަކީ ބަލި ފެތުރޭ ހަލުވި މިންވަރު މަޑުޖައްސާ ހަސްފަތާލުތަކަށް ބާރުބޮޑުވިޔަ ނުދިނުމެވެ.

މަދުވެގެން ދެ ހަފުތާގެ މުއްދަތަށް އަޅައި އެ ފިޔަވަޅުތަކުގެ ސަބަބުން އެ ހަތަރު ސަރަޙައްދުގައި ދިރިއުޅޭ 16.5 މިލިއަނަށްވުރެ ގިނަ މީހުންނަށް އަސަރުކުރާނެއެވެ. އިޓަލީވިލާތުގެ އެންމެ ވަރުގަދަ ވިޔަފާރި މަރުކަޒުކަމުގައިވާ މިލާންވެސް ހިމެނެނީ އެ ހަތަރު ސަރަޙައްދުގެ ތެރޭގައެވެ.

ވަރަށް މަދު ޙާލަތެއްގައި މެނުވީ ރަތް ޒޯނުގައި ހިމެނޭ ސަރަޙައްދުތަކަށް ވަދެ ނުކުތުން ދެން މަނާވާނެއެވެ. ވަޒީފާއަށް ދިޔުމަށާއި ކޮންމެހެން ބޭނުންވާ ސާމާނު ގަތުމަށް ނޫނީ އެ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން ގެއިން ބޭރަށް ނުކުތުންވެސް މަނާވާނެއެވެ. އެ ހަތަރު ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ކަސްރަތު ކުރެވޭނީ އެމީހުން ދިރިއުޅޭ ގެ ކައިރީގައި އެކަންޏެވެ. ކަސްރަތު ކުރާ ވަގުތުގައި ވެސް މާސްކު އަޅަންޖެހޭނެއެވެ. ރަތް ޒޯނުގައި ހިމެނޭ ޒަރޫރީ ޚިދުމަތްތައްދޭ ފިހާރަތައް ފިޔަވައި އެހެން ހުރިހާ ފިހާރަތައްވެސް ބަންދުކުރަންޖެހޭނެއެވެ.

ޞިއްޙަތާބެހޭ ވަޒީރު ރޮބާޓޯ ސްޕެރަންޒާ ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގިނަ ކަންތައްތަކެއް ޢާންމުން ގުރުބާންކުރަންޖެހިފައިވާކަން ޤަބޫލުކުރައްވާކަމަށާއި ގިނަ ދަތިތަކަކާއި ކުރިމަތިލާންޖެހޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. ނަމަވެސް މި ޙާލަތުގައި ބަލި ފެތުރޭ މިންވަރު ދަށް ކުރެވެން އޮތް ހަމައެކަނި މަގަކީ އެއީކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ ހާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިއާއި ހަމައަށް ވާސިލްވެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.