ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށްދާ މީހުންނަށް އެ މީހަކާ އެންމެ ކައިރި ޞިއްޙީ މަރުކަޒަކުން އިތުރު އަގަކާ ނުލައި، ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
އެއްވެސް އަގަކާ ނުލައި ވެކްސިން ޖެހުމުގެ އިންތިޒާމު މީގެކުރިން ހަމަޖެހިފައި އޮތީ މާލެ ސިޓީގައި އެކަންޏެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙައްޖުވެރިންނަށް ދެއްވި ޔަޤީންކަމާ އެއްގޮތަށް، ޙައްޖު ކޯޕަރޭޝަނުން މިހާރު މިވަނީ އަންނަ ނޮވެންބަރު ޢުމްރާއިން ފެށިގެން، މާލެ ސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުންވެސް، އިތުރު އަގަކާނުލައި ވެކްސިން ޖެހޭނެ މަގު ފަހިކޮށްދީފައެވެ.
ހައްޖު ކޯޕަރޭޝަނުން ވިދާޅުވީ މާލެ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށް ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ މާފަންނު އަރބަން ޕްރައިމަރީ ހެލްތު ސެންޓަރުގައެވެ. އަދި މާލެ ސިޓީ ފިޔަވައި އަތޮޅުތެރޭގެ ރަށްރަށުން ވެކްސިން ޖަހަން ބޭނުންވާ މީހުން އެމީހަކު ހުރި ސަރަހައްދަކާ އެންމެ ކައިރިން ވެކްސިން ލިބެންހުރި މަރުކަޒަކުން ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވިއެވެ. އަދި ޙައްޖު ކޯޕަރޭޝަންގެ ފަހެލި ޕޯޓަލުން "ވެކްސިން ޖެހުމަށް އެދޭ ލިޔުން" ނަގައިގެން އެންމެ ކައިރީގައިވާ ޞިއްޙީ މަރުކަޒަކަށް ނުވަތަ ހޮސްޕިޓަލަކަށް ދިއުމުން އިތުރު އަގަކާ ނުލައި ވެކްސިން ޖެހުމުގެ އިންތިޒާމު މިއަދުން ފެށިގެން ހަމަޖައްސާފައިވާކަމަށް އެކޯޕަރޭޝަނުން ވިދާޅުވިއެވެ. މީގެ އިތުރުން އެ ލިޔުން ބޭނުންކޮށްގެން، ސްޓޭޓްފާމާގެ ބޭސްފިހާރަތަކުން، އިތުރު އަގަކާނުލައި އިންފްލުއެންޒާ ވެކްސިންވެސް ލިބޭނެކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވިއެވެ.
ޙައްޖާއި ޢުމްރާއަށް ދާ ފަރާތްތަކުން ޖަހަންޖެހޭ ވެކްސިންތަކަކީ އިންފްލުއެންޒާ، މެނިންޖައިޓިސް އަދި ޕޯލިއޯ ވެކްސިނެވެ.
މި ޚިދުމަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ޙައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދަނީ ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި، ސްޓޭޓް ފާމާއާ ގުޅިގެންނެވެ. މިއީ ޢުމްރާވެރިންނާއި ޙައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެޅި މުހިއްމު ފިޔަވަޅެއްކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވިއެވެ.