ޚަބަރު

ޔަހޫދީން ޢުދުވާނަށް 3 އަހަރު ފުރެނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް 2 މަރު


ޔަހޫދީން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ފަލަސްޠީނުގެ އިތުރު ދެ ރައްޔިތުން ޝަހީދުވެއްޖެއެވެ.

ޣައްޒާގެ ޞިއްޙީ އިދާރާތަކުން މަޢުލޫމާތު ދިން ގޮތުގައި ޝަހީދުވި މީހުންގެ ތެރެއިން އެކަކު ޝަހީދުވެފައި ވަނީ ޣައްޒާ ސިޓީގައި ހުންނަ އައް-ޝިފާ ހަސްފަތާލު ކައިރިންނެވެ. ދެވަނަ މީހާ ޝަހީދުވެފައި ވަނީ ހަސްފަތާލާ ކައިރި އެހެން ސަރަޙައްދަކަށް ދިން އެހެން ހަމަލާއެއްގައެވެ.

ޔަހޫދީން ޣައްޒާއަށް އިތުރު ހަމަލާތަކެއް ދީފައި މި ވަނީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ފެށި ޢުދުވާނަށް ތިން އަހަރު ފުރުމަށް އެއް ދުވަހަށް ވެފައި ވަނިކޮށެވެ. ފާއިތުވި ހަފްތާތަކުގައި ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަނީ އިތުރުކޮށްފައެވެ.

ޔަހޫދީން ފެށި ހަނގުރާމަ ދިގު މުއްދަތަކަށް ދެމިގެން ގޮސްފައިވާއިރު، ހަނގުރާމައިގެ ސަބަބުން ޣައްޒާ ވަނީ އެއްކޮށްހެން ސުންނާފަތިވެފައެވެ. މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޔަހޫދީންނާއި ޙަމާސް ޖަމާޢަތާ ދެމެދު ވަނީ ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުމެއްގައި ނަމެއްގައި ސޮއިކޮށްފައެވެ. އެއްބަސްވުމެއް ޤާއިމްކުރި ނަމަވެސް ޔަހޫދީންގެ ޙަމަލާތައް އަދިވެސް ދަނީ ޣައްޒާއަށް ތަކުރާރުކޮށް އަމާޒުވަމުންނެވެ. ހަނގުރާމަ ފެށުނު ފަހުން، އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް ޔަހޫދީން ވަނީ މައުސޫމް ކުޑަކުދިންނާއި ކުށެއް ނެތް އަންހެނުން ހިމެނޭ ގޮތަށް ޣައްޒާގެ 73،400 މީހުން ޝަހީދުކޮށްލައިފައެވެ. ޔަހޫދީންގެ ހަމަލާތަކުގައި 174،300 މީހުންނަށް ޒަޚަމްވެފައިވެއެވެ.

އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީން ވަނީ ޣައްޒާގެ 1،400 ރައްޔިތުން ޝަހީދުކޮށްލައި، 4،200އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްކޮށްލައިފައެވެ.