ޚަބަރު

4 ރަށެއްގެ މިސްކިތް ބިނާކުރުމުގެ ބީލަމަށް އަލުން ހުޅުވާލައިފި


  • ބީލަމަށް ހުޅުވާލީ މަޑަވެލި، ފަރެސްމާތޮޑާ، އޮމަދޫ އަދި ކަލައިދޫގައި މިސްކިތް ބިނާކުރަން

  • އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުން

4 ރަށެއްގައި މިސްކިތް ބިނާކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މާލީ ވުޒާރާއިން އަލުން ހުޅުވާލައިފިއެވެ.

މާލީ ވުޒާރާއިން ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލާފައިވަނީ ގދ.މަޑަވެއްޔާއި ގދ. ފަރެސްމާތޮޑާގެ އިތުރުން ތ.އޮމަދޫ އާއި ލ ކަލައިދޫގައި މިސްކިތް ބިނާ ކުރުމުގެ މަޝްރޫޢަށެވެ.

މިމަޝްރޫޢުތަކުގެ ބީލަމަށް ކުރިމަތިލެވޭނީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު" ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އަދި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ"ގެ ދަށުންނެވެ.

މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެ ގަވާއިދުގެ އެންމެހާ އިސްލާޙުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑިންގ ޑޮކިއުމަންޓުގައި ވަނީ ބަޔާންކޮށްފައެވެ.

މާލީ ވުޒާރާއިން ވިދާޅުވީ މި ބީލަމުގައި ބައިވެރިވުމަށް ކޮންމެ މަސައްކަތަކަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށެވެ. ފައިސާ ބަލައިގަންނާނީ މިމަހުގެ 7 އިން 19 ވަނަ އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ބަނޑޭރި ޕޭ މެދުވެރި ކޮށެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު، މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މިސްކިތްތައް ބިނާކުރުމާއި އިސްލާމީ މަރުކަޒުތަކާއި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތަކުގެ އިތުރުން ވަޤުފު އިމާރާތްތައް ބިނާކުރުން ހިމެނޭހެން 70 އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ކުރިއަށްގެންދެއެވެ.