ޚަބަރު

ޣައްޒާގެ އަންހެނަކު ތަހައްމަލުކުރަމުންދާ ހިތްދަތި ދިރިއުޅުން


އޮކްޓޫބަރު 2023 ގައި ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ފަލަސްޠީނުގެ ޣައްޒާއަށް ދޭންފެށި ލާއިންސާނީ ޢުދުވާނުގައި މުޅި ދިރިއުޅުން ސުންނާފަތިވެ، ގެއްލިގެންދިޔަ ލޯބިވާ ޢާއިލާގެ ހަނދާންތަކާއެކު އުމުރުން 34 އަހަރުގެ ނިސްރީން ޠޫމާން ކޮންމެ ރެއަކުވެސް ނިދަނީ ފުން ހިތާމައާއި ކަރުނައިގެ ތެރޭގައެވެ.

ކުރު މުއްދަތެއްގެ ތެރޭގައި އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ހުވަފަތްވެ، އާއިލާގެ ގިނަ މީހުންނާއި ރަހުމަތްތެރިން ވަކިވެދިޔުމުގެ ފުން ހިތާމަ ތަހައްމަލުކުރަން ޖެހިފައެވެ.

ޔަހޫދީން ޣައްޒާގައި ހިންގަންފެށި ލާއިންސާނީ ޤަތުލުޢާންމުގެ ކުރިން، ނިސްރީން ދިރިއުޅެމުން ދިޔައީ މެދުތެރޭ ޣައްޒާގެ ނުޞީރާތުގައި ހުރި އޭނާގެ ގޭގައި ފިރިމީހާ ސާމީ (35 އަހަރު) އާއި، އެ ދެމަފިރިންގެ ދެ ދަރިން ކަމަށްވާ މަޙްމޫދު (5 އަހަރު) އަދި ލައިތު (2 އަހަރު) އާއެކު އުފާވެރި، އަމާން ދިރިއުޅުމެކެވެ. ނަމަވެސް އެ އުފާވެރި ދިރިއުޅުން ބަނަކޮށްލީ 8 ޖޫން 2024 ގައެވެ.

އެދުވަހު ޚާން ޔޫނިސްގެ އަލް-މަވާޞީގައި ތިބި ޢާއިލާގެ މީހުންނަށް ޒިޔާރަތްކުރުމަށްފަހު އެނބުރި ގެއަށް އައި ވަގުތު، ކުއްލިއަކަށް ވަރުގަދަ ބޮމުގެ ހަމަލާތަކާއި ބަޑީގެ އަޑުން މުޅި ސަރަޙައްދު ގުގުމައިގެން ދިޔައެވެ. ގޭތެރެއަށް ކުދިން ވެއްދުމަށްފަހު ވާނުވާ ބެލުމަށް ބޭރަށް ނުކުތް ނިސްރީންގެ ފިރިމީހާ ސާމީ، ޔަހޫދީންގެ ޑްރޯނަކުން ދިން ބަޑީގެ ހަމަލާއެއްގައި ވަގުތުން ޝަހީދުވިއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، ބިރުން ތުރުތުރުއަޅަމުންދިޔަ ކުދިން ހަމައަކަށް އެޅުވުމަށް ނިސްރީން މަސައްކަތްކުރަމުން ދަނިކޮށް، ޔަހޫދީންގެ ހަނގުރާމަމަތީ މަތިންދާބޯޓަކުން ސީދާ އެ ގެއަށް ބޮންއެޅިއެވެ.

މި ލާއިންސާނީ ހަމަލާގައި އެ ގެ އެއްކޮށް ބިމާ ހަމަވެ، ނިސްރީންގެ ލޯބިވާ ދެ ދަރިންނާއި، އޭނާގެ ދައްތަ ޞަބްރީން (36 އަހަރު) އަދި މައިދައިތަ ހިމެނޭހެން ޢާއިލާގެ 18 މެންބަރަކު ވަނީ ޝަހީދުވެފައެވެ. ދެ ގަޑިއިރު ވަންދެން ހުއްޓުމެއްނެތި ދެމުންދިޔަ ހަމަލާތަކުގެ މެދުގައި، ޝަހީދުވެފައިވާ ދެ ދަރިންގެ ހަށިގަނޑު އަތްމައްޗަށް ލައިގެން، ބަޔާންކުރަންދަތި ހިތްދަތިކަމެއްގައި އިންނަން ނިސްރީންއަށް މަޖުބޫރުވިއެވެ. އެއީ ޔަހޫދީންގެ ނިރުބަވެރި ސިފައިން ނުޞީރާތު ކޭމްޕުގައި ހިންގި ލޭއޮހޮރުވުމުގެ ތެރޭގައި 274 މީހުން ޝަހީދުކޮށްލި ހިތާމަވެރި ދުވަހެވެ.

މި ފުން ހިތާމައިގެ ތެރޭގައި އަލް-މަވާޞީގެ ފޭލިގެއެއްގައި ދިރިއުޅެމުން ދަނިކޮށް، ހަތަރު މަސް ފަހުން، ޝަހީދުވި ދައްތަގެ ފިރިމީހާ މުޙައްމަދު (ފުރަތަމަ ފިރިމީހާގެ ބޭބެ) ނިސްރީންއާ ކައިވެނިކުރުމަށް ހުށަހެޅިއެވެ. އެއީ މަންމަ ގެއްލި ޔަތީމުވެފައިވާ ދައްތަގެ ހަތަރު ކުދިން ބެލެހެއްޓުމުގެ މާތް މަޤްޞަދުގައެވެ. މި ކައިވެންޏަށް އެއްބަސްވެ، އަލުން މައިވަންތަކަމުގެ އުފާވެރިކަން ލިބުނީ، ނިސްރީން ދަރިއަކަށް ބަލިވެއިނުމާ އެކުއެވެ.

ނަމަވެސް، ކައިވެންޏަށް އެންމެ 8 މަސް ފުރުނުތަނާ، 8 ޖުލައި 2025 ގައި ނުޞީރާތުގެ އަލް-ޢައުދާ ހަސްފަތާލު ކައިރިއަށް ޔަހޫދީން ދިން ހަމަލާއެއްގައި ދެވަނަ ފިރިމީހާ މުޙައްމަދުވެސް ޝަހީދުވެ، ވަކިވެގެންދިޔައެވެ. މުޙައްމަދު ޝަހީދުވިތާ ހަތަރު މަސް ފަހުން ނިސްރީންގެ އަންހެން ދަރިފުޅު ސިދްރާ އުފަންވީ ބައްޕައެއްގެ ލޯތްބާއި، ކުލުނުން މަޙްރޫމްވެފައިވާ ޔަތީމެއްގެ ގޮތުގައެވެ.

އެއް އަހަރު ފުރެން ކައިރިވެފައިވާ ތުއްތު ސިދްރާ ބަލައިބޮޑުކުރުމުގައި މިހާރު ދުވަސްތައް ގުނަމުންދާ ނިސްރީން ބުނި ގޮތުގައި، އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެންދިޔައީ ހީވެސް ނުކުރާ ފަދަ އިމްތިޙާނުތަކެއްގެ ތެރެއިންނެވެ.

އަދި މިފަދަ އަނިޔާވެރި ޢުދުވާނެއްގެ ތެރޭގައި ކޮންމެ ވަގުތަކުވެސް ކޮންމެފަދަ ހިތާމައަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރަކީ، ނިސްރީންގެ ހިތްދަތި ދިރިއުޅުމުގެ ޙިއްސާއަކަށް ވަނީ ވެފައެވެ.