ޚަބަރު

އަދިވެސް 46 ދާއިރާއަކަށް ވާދަކުރާނަން - ޕީޕީއެމް ކޮންގްރެސް ކޯލިޝަން


ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން ރައީސް ޔާމީންގެ ތާއިދާއެކު މަޖިލީހުގެ އިންތިޚާބަށް ވާދަކުރުމަށް ނިންމި ދާއިރާތަކުގެ ތެރެއިން ބައެއް ދާއިރާތައް ޖުމްހޫރީ ޕާޓީއަށް ދޫކޮށްލުމާއެކު 46 ދާއިރާއަކަށް ވާދަކުރަން ނިންމާފައިވާކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

ކޮންގްރެސް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޠަލާލް ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، ކުރިން ވާދަކުރާނެކަމަށް އިޢުލާންކުރުމަށްފަހު ބައެއް ދާއިރާތަކަށް ވާދަނުކުރުމަށް ނިންމީ ވަކި ޕާޓީއަކާއެކު ކޯލިޝަން ހަދައިގެން ނޫންކަމަށެވެ. އޭނާ މިހެން ވިދާލުވި ނަމަވެސް އެހެންނަމަވެސް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޓިކެޓް ހަވާލުކޮށް، ބައެއް ފަރާތްތަކުގެ އަތުން ޓިކެޓް ވަނީ ނަންގަވާފައެވެ. ޠަލާލް ވިދާޅުވީ، މިހާތަނަށް ވާދަކުރުމަށް ނިންމާފައިވާ ދާއިރާތަކާއި ދޫކޮށްލި ދާއިރާތައް ނުހިމަނާ 46 ދާއިރާއަކަށް އަދިވެސް ވާދަކުރާނެކަމަށެވެ.

ޠަލާލް ވަނީ ދާއިރާތަކުގައި ވާދަކުރާނެ ކެނޑިޑޭޓުން ފައިނަލް ކުރެވޭވަރަކުން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައަޅަމުން އަންނަކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާތަނަށް އެ ކޯލިޝަންގެ ފަރާތުން ވާދަކުރާ ފަންސަވިހަކަށް ކެނޑިޑޭޓުންގެ ފޯމް އީސީއަށް ހުށައަޅަފައިވާކަމަށް ޠަލާލް ވިދާޅުވިއެވެ. އޭނާ ވަނީ އެކޯލިޝަންގެ ފަރާތުން ވާދަކުރާ ދާއިރާތަކަށް އަދިވެސް ބަދަލު އައުން އެކަށީގެންވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އިތުރު އެއްވެސް ދާއިރާއެއްގައި ޕްރައިމަރީ ނުބާއްވާނެކަމަށް ޠަލާލް ވިދާޅުވިއެވެ.

ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން ރައީސް ޔާމީންގެ ތާއިދާއެކު މަޖިލިސް އިންތިޚާބަށް ނެރެން ތައްޔާރުކުރި ކެނޑިޑޭޓުންގެ އަތުން ޓިކެޓް އަނބުރާ ނަންގަވާ އެދާއިރާތަކަށް ވާދަކުރާ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓުންނަށް ތާއީދުކުރުމަށް ރައީސް ޔާމީން ނިންމަވާފައިވާކަމަށް ވަނީ އަޑުފެތުރިފައެވެ.
އެހެންނަމަވެސް ޕީޕީއެމް ޕީއެންސީ ކޮލިޝަނާ ޖުމްހޫރީ ޕާޓިންވެސް އެކުގައި މަސައްކަތްކުރުމަށް އެއްބަސްވެފައިވާކަމަށް ދެކެވޭ ވާހަކަތައް ދެފަރާތުންވެސް ވަނީ ދޮގުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ޕީޕީއެމް އަދި ޕީއެންސީ ޓިކެޓް ދިން ބައެއް މެމްބަރުންނަށް އެދާއިރާތަކުން ނަންނެގުމަށް ވަނީ އަންގާފައެވެ. އަދި ކެމްޕެއިން ހަރަކާތްތައްވެސް ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި ޖޭޕީ ފަރާތުން ކުރިން ވާދަކުރުމަށް ނިންމި ދާއިރާތަކުގެ ތެރެއިން ބައެއް ދާއިރާތަކަށް ވާދަކުރާ ކެނޑިޑޭޓުންގެ ޓިކެޓް ނަގާއިވާކަމަށް އެނގިފައިވެއެވެ.