މާންފާ ޖަމިއްޔާއިން އދ.މަހިބަދޫގައި ކުރިއަށްގެންދިޔަ "މަންފާ ޤުރުއާން ކޭމްޕް"ގައި ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ދީފިއެވެ.
އެ ޖަމިއްޔާގެ ފަރާތުން ކުރިއަށްގެންދިޔަ މި ކޭމްޕަކީ މުޅި އަދ.އަތޮޅުގެ ރަށްރަށުން ބައިވެރިވެވޭގޮތަށް ކުރިއަށްގެންދިޔަ 3 ދުވަހުގެ ކޭމްޕެކެވެ.
މަންފާ ޖަމިއްޔާގެ ޤުރުއާން ކޭމްޕް އަދ.އަތޮޅުގައި ކުރިއަށްގެންދިޔައީ ބުދަދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ.
މި ކޭމްޕްގައި ތަފާތު ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ދީނީ ލެކްޗަރތައް ބޭއްވުމާއި، ޤުރުއާން ކްލާސްތަކެއް ނެގުމާއި ވޯކްޝޮޕެއްގެ އިތުރުން އދ.އަތޮޅަށް ހުޅުވާލައިގެން ޤުރުއާން މުބާރާތެއް ވަނީ ބާއްވާފައެވެ.
ޤުރުއާން މުބާރާތުގައި، މުޅި އަތޮޅަށް ހުޅުވާލައިގެން އޮންލައިންކޮށް ކުރިއަށްގެންދިޔަ ފުރަތަމަ ބުރުގައި 100އަށްވުރެ ގިނަ ފަރާތުން ބައިވެރިވިއެވެ. އަދި މި ކޭމްޕްގައި ކުރިއަށްގެންދިޔަ ފައިނަލް ބައިގައި 33 ފަރާތް ކިޔަވުން ހުށައަޅާފައިވެއެވެ.
އދ އަތޮޅަށް ހުޅުވާލައިގެން ބޭއްވި މި ޤުރުއާން މުބާރާތުން ވަނަވަނައަށް ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ވަނީ ދީފައެވެ.
މަންފާ ޖަމިއްޔާގެ ރައީސް އަލީ ރަމީޒް ވިދާޅުވީ، މިއީ ޖަމިއްޔާއިން މުޅި ރާއްޖޭގައި ކުރިއަށްގެންދިއުމަށް ފެށި ސިލްސިލާ ހަރަކާތެއްކަމަށެވެ. އަންނަ އަހަރު އިތުރު އަތޮޅެއްގައި މަންފާ ކޭމްޕް ކުރިއަށްގެންދާނެއެވެ.
"މުޖުތަމަޢުގެ ލާބައާ މަންފާއަށް މަސައްކަތް ކުރުން ޢަމާޒަކީ. މި ކޭމްޕަކީ ޤުރުއާނުގެ ޢިލްމަށް އަހުލުވެރިކޮށް ލޯބި އިތުރުކުރުން މަޤުޞަދުގައި ގެންދާ ކޭމްޕެއް. ކޮންމެ އަހަރަކު އަތޮޅެއްގައި ގެންދާނަން. މިއީ މި ސިލްސިލާގެ ފުރަތަމަ ކޭމްޕް." އަލީ ރަމީޒް ވިދާޅުވިއެވެ.
މި ކޭމްޕަކީ މުޅި މުޖުތަމަޢުގެ ހުރިހާ އުމުރުފުރާތަކަށް ބައިވެރިވޭގޮތަށް، ތަފާތު ހަރަކާތްތަކަކާއެކު ކުރިއަށްގެންދިޔަ ބޮޑު ހަރަކާތެކެވެ. ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމުގައި 10 ޤާރީއެއް ހިމެނިވަޑައިގަންނަވައެވެ.
މި ކޭޕްޕަކީ މަންފާ ޖމިއްޔާއާއި މަހިބަދޫ ކައުންސިލް، އަލްބައްޔިނާ ޖަމިއްޔާ އަދި ކަމާގުޅޭ ސަރުކާރުގެ އިދާރަތުގެވެސް އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ ކޭމްޕެކެވެ. މި ކޭމްޕްގައި ހަދިޔާއެއްގެ ގޮތުގައި ޢުމްރާ ދަތުރެއްވެސް 1 ފަރާތަކަށް ވަނީ ދީފައެވެ.