ރަޝިއާގެ ރައީސް ވްލަޑްމީރު ޕުޓިން ނޭޓޯގެ ޤައުމަކަށް ހަމަލާ ނުދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެމެރިކާގެ ޖާސޫސީ އިދާރާ، ސީއައިއޭގެ ޑިރެކްޓަރު ޖޯން ރެޓްކްލިފް ރަޝިއާއަށް ދަތުރުކުރައްވައި އެއްވެސް ނޭޓޯގެ ޤައުމަކަށް ހަމަލާ ނުދިނުމަށް އެ ޤައުމަށް އިންޒާރު ދެއްވާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ޓްރަމްޕް ދިވާޅުވީ ރެޓްކްލިފް ރަޝިއާއަށް ފޮނުއްވާފައި ވަނީ ވަކި ޚާއްޞަ މެސެޖެއް ފޯރުކޮށްދިނުމަށް ނޫން ކަމަށެވެ. ރެޓްކްލިފް އަކީ ކޮންމެ ހަމަހަކުން ހަމަހަކުން، އަހަރަކު ދެ ފަހަރު ރަޝިއާގެ ޖާސޫސީ އިދާރާގެ ވެރިޔާއާ ބައްދަލުކުރައްވާ ބޭފުޅެއް ކަމަށާއި ދެ ބޭފުޅުންގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މި ފަހަރުގެ ދަތުރަކީ ވަކި ޚާއްޞަ ދަތުރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކަމާބެހޭ މަޢުލޫމާތު އެނގޭ ބައެއް މަސްދަތުރަކުން ބުނީ ނޭޓޯގެ މެންބަރު ޤައުމަކާ ދެކޮޅަށް ރަޝިއާއިން އަސްކަރީ އޮޕަރޭޝަނެއް ހިންގަފާނޭ ޙާލަތަކާ ގުޅޭގޮތުން ރަޝިއާގެ ޖާސޫސީ ވެރިޔާއާއެކު ބޭއްވި ބައްދަލުވުމުގައި ރެޓްކްލިފް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. ނަމަވެސް އެއީ އެ ބައްދަލުވުމުގެ މައިގަނޑު މަޤްޞަދު ކަމެއް ސާފެއް ނުވެއެވެ.
އެހެން މަސްދަރަކުން ބުނި ގޮތުގައި ދެ ފަރާތުގެ ދެމެދުގައި ގިނަ ކަންކަމަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އެ ގޮތުން ރަޝިއާއިން އީރާނަށް ވާގިވެރިވުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް ވެއެވެ. ރަޝިޔާއިން އީރާނަށް ވާގިވެރިވުމަކީ އެ ކަމާ މެދު އެމެރިކާއިން ހިތްހަމަނުޖެހޭ ކަމެކެވެ.
ރަޝިއާއިން ވިލާތުގައި ދެމުންދާ ނުސީދާ ހަމަލާތައް ވިލާތާއި އެމެރިކާގެ ޖާސޫސީ އިދާރާތަކުން އަބަދުވެސް ގާތުން ބަލައެވެ. އެ ފަދަ ހަމަލާތަކުގެ މަޤްޞަދަކީ ނޭޓޯގެ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން ބަލިކަށިކޮށް، އެ ޤައުމުތަކުން ޔޫކްރެއިންއަށް ވާގިވެރިވާ ވާގިވެރިވުން ކުޑަކުރުމެވެ. ފާއިތުވި މަސްތަކުގައި ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ދަނީ ރަޝިޔާއިން ޔޫކްރެއިންގެ ޑްރޯނެއް ބޭނުންކޮށްގެން ވިލާތުގެ ޤައުމަކަށް ހަމަލާދީފާނެތީ އެ ކަމަށް ފާރަލަމުންނެވެ.