ޚަބަރު

70 މެގަވޮޓުގެ އިންޖީނުގެ: އިތުރުވަމުން އަންނަ އާބާދީއަށް ކޭޓާކުރުމަށް އިތުރު ބާރެއް!


  • މިއާއެކު ހުޅުމާލޭގެ ކަރަންޓު ކެޕޭސިޓީ 120 މެގަވޮޓަށް އިތުރުކުރެވޭނެ

  • 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް ދަނީ ތަރައްޤީ ކުރަމުން

ދިވެހިރާއްޖޭގެ އާބާދީގެ ބޮޑުބައެއް ޖަމާވެފައިވާ މާލެ ސަރަޙައްދަކީ، ޢުމްރާނީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އެންމެ ހަލުވި ދުވެއްޔެއްގައި ތަރައްޤީވަމުން އަންނަ ސަރަޙައްދެވެ. ސަރުކާރުން ހިންގަމުންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުތަކާއެކު، ޚާއްޞަކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަލަށް އާބާދުވަމުންދާ ރައްޔިތުންގެ އަދަދު އިތުރުވެ، އެ ސަރަޙައްދުގެ އާބާދީ ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާއިރު، އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ އަދި އެންމެ ބޮޑަށް ޑިމާންޑު އިތުރުވަމުންދާ އަސާސީ ޚިދުމަތަކީ، ކަރަންޓުގެ ޚިދުމަތެވެ. އެގޮތުން ކޮންމެ ގެއަކަށް، ވިޔަފާރިއަކަށް އަދި ސިނާޢީ މަސައްކަތަކަށްވެސް ކަރަންޓަކީ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ އަސާސީ ޚިދުމަތަކަށްވާއިރު، މި ޚިދުމަތް ހުއްޓުމެއްނެތި ދިނުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ.

70 މެގަވޮޓުގެ އިންޖީނުގެ އަދި ދުރުރާސްތާ ޕްލޭން

އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް މި ސަރަޙައްދުގައި ކަރަންޓު ދޭ ސަރުކާރުގެ މައި ކުންފުނި ކަމަށްވާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން މިވަނީ އައު އުންމީދުތަކަކާއެކު ބޮޑު މަޝްރޫޢެއް އިޢުލާނުކޮށްފައެވެ. އެއީ، ހުޅުމާލޭގައި 70 މެގަވޮޓުގެ އައު އިންޖީނުގެއެއް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް ކުރަމުންދާ މަސައްކަތެވެ. މިއީ، މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ވިއުގަ އިތުރަށް ވަރުގަދަކޮށް، ކުރިމަގުގައި ދިމާވެދާނެ ކަރަންޓު ކެނޑުމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، މާލެ ސަރަޙައްދުގެ އާބާދީ އިތުރުވަމުންދާއިރު މިހާރުން މިހާރަށްވެސް ނިޒާމަށް ގެންނަންޖެހޭ މުހިންމު އަޕްގްރޭޑްތަކެއް އެބަހުރި ކަމަށެވެ. އަދި މީގެކުރިން ކަންކަން ހައްލުކުރަމުން އައި ގޮތާއި މިހާރު ގެންގުޅޭ ދުރުވިސްނުމުގެ ތަފާތު ހާމަކުރައްވަމުން ޑރ. އަޒުވަރު ވިދާޅުވީ، މީގެކުރިން ކޮންމެ އަހަރަކު އިތުރުވާ ކަރަންޓުގެ ޑިމާންޑަށް ކޭޓާ ކުރުމަށް، ހައި ސްޕީޑް ޖެންސެޓުތަކެއް ގެނެސްގެން އެއިން ކަރަންޓު ދޭންޖެހޭ ކަމަށެވެ.

"އަސްލު މިގޮތަށް ކަންތައްތައް ކުރަންޖެހޭ އެއް ސަބަބަކީ ބޮޑު ޕްރޮޖެކްޓެއް ދާދިފަހަކާއި ހަމައަށް މާލެ ސަރަަހައްދުގައި ކުރިއަށް ގެންދެވިފައި ނެތުން. ފިފްތު ޕަވާރގެ ނަމުގައި ހުޅުމާލޭގައި ޤާއިމްކުރި 50 މެގަވޮޓުގެ ޕަވާހައުސްގެ ފަހުން އަޅުގަނޑުމެންނަށް ދެން މާލެ ސަރަހައްދުގެ ޕީކަށް އެޑްރެސް ކުރެވެމުން މިއަންނަނީ ހައިސްޕީޑް ޖެންސެޓުތަކެއް ބަހައްޓައިގެން. ހުޅުމާލޭގައި ބޭނުންކުރަމުން ދިޔަ އޯލްޑް ޕަވާހައުސްއާ ޖެހިގެން ދިޔަ ސަރަހައްދުގައި. އެކަމަކު މިއީ ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވެން އޮތްގޮތެއް ނޫން." ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވިއެވެ.

އަންނަ އަހަރު އަދި 2028ގައި ޕީކް ސީޒަނަށް ތައްޔާރުވުމަށް ކޮށްފައިވާ މި ޕްލޭނަށް އިޝާރާތްކުރައްވާ ޑރ. އަޒުވަރު ވިދާޅުވީ، 70 މެގަވޮޓުގެ މީޑިއަމް ސްޕީޑް ޕަވަރ ހައުސްއެއް ހުޅުމާލެ ފޭސް 2ގައި ތަރައްޤީ ކުރުމުގެ މަސައްކަތްތައް ފެށުމަށް މިހާރު އެކުންފުނިން ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. މިއާއެކު ހުޅުމާލޭގެ ކަރަންޓު ކެޕޭސިޓީ 120 މެގަވޮޓަށް އިތުރު ކުރެވޭނެއެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ޑރ. އަޒުވަރު ވިދާޅުވިއެވެ.

ހައި ސްޕީޑް އިންޖީނުތަކާއި މީޑިއަމް ސްޕީޑް އިންޖީނުތަކުގެ ތަފާތު

މެނޭޖިންގ ޑިރެކްޓަރު ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ބޭނުންކުރަމުން އައި ހައި ސްޕީޑް ޖެންސެޓުތަކަކީ ވަގުތީގޮތުން ކުއްލި ޑިމާންޑުތަކަށް އެކަށީގެންވާ ވަސީލަތްތަކެއް ނަމަވެސް، ދިގު މުއްދަތަކަށް ބަލާއިރު އެއީ ތެލުގެ ޚަރަދާއި މަރާމާތުގެ ގޮތުން ބުރަ ބޮޑު ނިޒާމެކެވެ. އޭގެ ބަދަލުގައި އަލަށް ޤާއިމުކުރާ މީޑިއަމް ސްޕީޑް އިންޖީނުގެއަކީ ދިގު މުއްދަތަކަށް މެދުކެނޑުމެއްނެތި ބޭނުންކުރެވޭ، ތެޔޮ އެންދުން ކުޑަ އަދި ދެމެހެއްޓެނިވި ގޮތެއްގައި ބޮޑު ކެޕޭސިޓީއެއް ފޯރުކޮށްދިނުމުގެ ޤާބިލުކަން ލިބިފައިވާ ޒަމާނީ ނިޒާމެކެވެ. މިއީ، ޚާއްޞަކޮށް އަހަރުގެ ހޫނުގަދަ ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު އެންމެ މައްޗަށްދާ "ޕީކް ސީޒަން"ތަކުގައި ނިޒާމަށް ބާރުބޮޑުވިޔަނުދީ ހިފަހައްޓައިދޭނެ ކަމެކެވެ.

70 މެގަވޮޓުގެ މި އިންޖީނުގެއަކީ، ހަމައެކަނި ފެށުމެކެވެ. މާލެ ސަރަޙައްދުގެ އާބާދީ ކުރިއަށް އޮތް އަހަރުތަކުގައި އަދިވެސް އިތުރަށް ފުޅާވެގެންދާނެ ކަމަށް ލަފާކުރެވޭތީ، ކުރިމަގުގެ ބޭނުންތަކަށް ވިސްނައިގެން ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމުގެ އެހެނިހެން މަޝްރޫޢުތައްވެސް ސްޓެލްކޯއިން ދަނީ، ރާވަމުންނެވެ. މިގޮތުން ގްރިޑް ވިއުގަ އިތުރަށް ޒަމާނީ ކުރުމާއި، ކަރަންޓު ދައުރުކުރާ ކޭބަލް ނެޓްވޯކްތައް ވަރުގަދަ ކުރުމާއި، ސަބްސްޓޭޝަންތަކުގެ ކެޕޭސިޓީ މަތިކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތްތަނުގައި ފެނިގެންދާނެއެވެ.