ފަލަސްޠީނުގެ ޝަހީދުންގެ ހަށިގަނޑުތައް ހޯދުމުގެ ޤައުމީ ދުވަސް ފާހަގަކުރިއިރު، ޔަހޫދީ އިސްތިއުމާރީ ބާރުތަކުން ފަލަސްޠީނު މީހުންގެ ހަށިތައް ހިފަހައްޓާފައިވާ މިންވަރު މީގެ ކުރިން ދުވަހަކުވެސް އިތުރުނުވާ މިންވަރަށް އިތުރުވެއްޖެއެވެ.
ފަލަސްޠީނުގެ ޝަހީދުންނާއި އަދި އެހެން ޢަރަބި މުޖާޙިދުންގެ ހަށިގަނޑުތައް ހޯދުމުގެ ޤައުމީ ދުވަސް ފާހަގަކުރިއިރު، ޔަހޫދީ އިސްތިއުމާރީ ދައުލަތުން ފަލަސްޠީނު މީހުންގެ ހަށިތައް އާއިލާތަކާ ހަވާލުނުކޮށް ހިފަހައްޓާފައިވާ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފައެވެ. ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 27 ވަނަ ދުވަހު ފާހަގަކުރާ މި ދުވަހަކީ، ޔަހޫދީންގެ އަސްކަރީ މޯގުތަކާއި ނުވަތަ އަދަދުން ހަށިގަނޑު ފާހަގަކޮއްފައި ހުންނަ އަސްކަރީ ޤަބުރުސްތާނުތަކުގައި ހިފަހައްޓާފައިވާ ޝަހީދުންގެ ހަށިގަނޑުތައް ހޯދުމަށް، ފަލަސްޠީނުގެ ޢާއިލާތަކުން ކުރަމުންދާ ދިގު ޖިހާދު ރަމްޒުކޮށްދޭ ދުވަހެކެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޔަހޫދީން ޣައްޒާގައި ފެށި ޤަތުލުޢާންމަށްފަހު، މި މައްސަލަ ވަނީ ކުރިއަށްވުރެ ބޮޑަށް ގޯސްވެފައެވެ.
ފަލަސްޠީނުގެ ޖަމްޢިއްޔާތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، 799 ފަލަސްޠީނު މީހެއްގެ ހަށިގަނޑު ޔަހޫދީން ވަނީ ހިފަހައްޓާފައެވެ. އޭގެ ތެރޭގައި ޔަހޫދީންގެ ގަބުރުސްތާނުތަކުގައި ވަޅުލާފައިވާ 256 ހަށިގަނޑާއި، ޔަހޫދީންގެ ޖަލުތަކުގައި ޝަހީދުވި 99 ގައިދީންނާއި، 18 އަހަރުން ދަށުގެ 81 ކުޑަކުދިންގެ އިތުރުން 10 އަންހެނެއްގެ ހަށިގަނޑު ހިމެނެއެވެ. މީގެ އިތުރުން، ޔަހޫދީންގެ "ހާއާރެޓްޒް" ނޫހުން ސަލާމަތީ މަޞްދަރުތަކާ ޙަވާލާދީ ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ތަނުގައި ގައިދީން ބަދަލުކުރުމުގެ މުޢާމަލާތްތަކުގައި ސިޔާސީ ބާރެއްގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ޔަހޫދީން ވަނީ ފަލަސްޠީނުގެ 1،700 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ހިފަހައްޓާފައެވެ.
"ނަންބަރސް އޮފް ގްރޭވް" ގެ ނަމުގައި ޔަހޫދީން ހަދާފައިވާ ގަބުރުސްތާނުތަކަކީ 1960 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ޔަހޫދީން ބޭނުންކުރަމުން އަންނަ ތަންތަނެވެ. މިތަންތަނުގައި މައްޔިތާގެ ނަމުގެ ބަދަލުގައި ޖަހަނީ ޚާއްޞަ ނަންބަރެކެވެ. މިއީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާއި ޖެނީވާ މުޢާހަދާއާއި ކަނޑައެޅިގެން ޚިލާފަށް، ސިޔާސީ އަދި އަސްކަރީ މަޝްވަރާތަކުގައި ނުފޫޒު ފޯރުވުމަށް ޔަހޫދީން ހިންގާ ލާއިންސާނީ ޖަރީމާއެކެވެ. 2019 ވަނަ އަހަރު ޔަހޫދީ ސުޕްރީމް ކޯޓުން ވަނީ އަސްކަރިއްޔާއަށް މިފަދައިން ހަށިގަނޑުތައް ހިފެހެއްޓުމުގެ ޤާނޫނީ ހުއްދަ ދީފައެވެ.
ޝަހީދުންގެ ހަށިގަނޑުތައް ހޯދުމަށް މަސައްކަތްކުރާ ޤައުމީ ކެމްޕޭނުން ހާމަކޮށްފައިވާ ގޮތުގައި، 4 ފެބްރުއަރީ 2026 ގެ ނިޔަލަށް އިސްރާއީލުން ވަނީ ފަލަސްޠީނުގެ 930 މީހެއްގެ ހަށިގަނޑާއި، އިންސާނީ ކަށިތަކާއި ހަށިގަނޑުގެ އެކި ބައިތައް އަޅާފައިވާ 66 ފޮށި ޣައްޒާއާ ޙަވާލުކޮށްފައެވެ. މީގެ ތެރޭގައި ޣައްޒާގެ އެކި ޤަބުރުސްތާނުތަކުންނާއި އަލްޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ސަރަޙައްދުން އިސްރާއީލުގެ ސިފައިން ނަގައިގެން ގެންދިޔަ ހަށިގަނޑުތައް ހިމެނެއެވެ. ޣައްޒާގައި ޑީއެންއޭ ޓެސްޓު ހެދުމުގެ ވަސީލަތްތައް ނެތުމުގެ ސަބަބުން، މި ހަށިގަނޑުތަކަކީ ކޮން ބައެއްކަން ދެނެގަތުމުގައި ފަލަސްޠީނުގެ މެޑިކަލް ޓީމުތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ޣައްޒާގެ ޤަތުލުޢާންމު ފެށުނީއްސުރެ ޔަހޫދީ ސިފައިން ވަނީ ޣައްޒާގެ ޤަބުރުސްތާނުތަކާއި އަލްޝިފާ ހަސްފަތާލުގެ ކައިރިން ގިނަ ޢަދަދެއްގެ ހަށިގަނޑުތައް ވަގަށް ނަގައިގެން ގެންގޮސްފައެވެ. ޑީއެންއޭ ޓެސްޓު ހެދުމުގެ ވަސީލަތްތައް ނެތުމުގެ ސަބަބުން، ޝަހީދުންގެ ވަނަވަރު ދެނެގަތުމަށް ފަލަސްޠީނުގެ ސިއްޙީ މާކިރުންގެ ޓީމުތަކަށް ވަނީ ބޮޑެތި ހުރަސްތަކާ ކުރިމަތިލާން ޖެހިފައެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ސިއްހަތާއި ބެހޭ މަޢުލޫމާތުދޭ ޔުނިޓުގެ ޑިރެކްޓަރު ޒާހިރު އަލްވަހީދީ ވިދާޅުވި ގޮތުގައި، ސުންނާފަތިވެފައިވާ ޢިމާރާތްތަކުގެ ދަށުގައި އަދިވެސް 7،400 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ނުނެގި ވަނީ ތާށިވެފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގައި މިހާތަނަށް 73،400 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް، 174،400 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ. އަދި 2025 ވަނަ އަހަރުގެ އޮކްޓޫބަރު 10 ގައި އެމެރިކާ މެދުވެރިވެގެން ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް ޢަމަލުކުރަން ފެށި ފަހުންވެސް، ޔަހޫދީ އިސްތިއުމާރީ ބާރުތަކުން ދިން ހަމަލާތަކުގައި 1،303 ފަލަސްޠީނު ރައްޔިތުން ޝަހީދުވެ، 4،336 މީހުން ވަނީ ޒަޚަމްވެފައެވެ.