ޚަބަރު

ޤައުމީ ދުވަސް: ރައީސް ގޮވާލެއްވީ ޤައުމީީ ރޫޙާއި ލޯބި ދިރުވައި ޤައުމަށް ހެޔޮއެދުމަށް


  • ކާބަފައިންނަކީ އަބަދުވެސް ޤައުމީ ވިސްނުން އިސްކުރި ބައެއްކަމަށް ވިދާޅުވި

  • ޤައުމީ ލޯބި އެއީ، ދިވެހީން އަބަދުވެސް އެ ރޫޙާއެކު އުފާކުރާ މަތިވެރި ލޯތްބެއް

ދިވެހިރާއްޖޭގެ މިނިވަންކަމަށް ލޮޅުން އައި ކޮންމެ ފަހަރަކުވެސް އެކަމުގެ އަޑީގައި ދިވެހިންގެ ތެރެއިން މަދުބަޔަކުނަމަވެސް ތިބިކަން އެއީ ތާރީޚުން ހެކިދޭކަންކަމެވެ. ސިޔާސީ ކޯޅުންތަކާއި ވެރިކަމުގެ ދަހިވެތިކަމުގައި ބޭރުގެ ބަޔަކާ ގުޅިގެން ޤައުމުގެ މިނިވަންކަމާ ތޮޅެން މަސައްކަތްކޮށްފައި އެބަހުއްޓެވެ. މިފަދަ ކޮންމެ ހިތްދަތި ހާދިސާތަކުން ޤައުމަށް ނަސްރު ހޯދައިދިނުމަށްޓަކައި ދިވެހިންގެ ތެރެއިން ބަޔަކު އިސްވެ ނުކުމެ ގައްދާރުންގެ އަތްމަތިން މި ޤައުމު ސަލާމަތްކޮށް ނަސްރު ހޯދައިދިނެވެ. ދިވެހިންނާއި ދިވެހިންގެ ދީން، މާތްވެގެންވާ އިސްލާމްދީނާއި ގުޅި ލާމެހިފައިވާއިރު މިއިން ކޮންމެ ހާދިސާއެއްގެވެސް ނަޞްރާ ގުޅިފައިވަނީ ހަމަ އިސްލާމްދީނާއެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވި ތަޤުރީރުގައި ވަނީ ދިވެހި ރާއްޖެއާއި ދިވެހިންނާއި މަތްވެގެންވާ އިސްލާމްދީނާދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ރައީސްގެ ތަޤުރީރު ކުރިއަށްގެންދެވީ ވަރަށް ޤައުމީ ވަންތަ އަދި ޤައުމީ ދުވަސް ފާހަގަކުރާ ދުވަހުގެ ހާދިސާއަށް ބިނާކޮށް އެދުވަހު ކާބަފައިން ދެއްކެވި ޤައުމީ ވަންތަ ލޯބީގެ މައްޗަށެވެ.

އެދުވަހު އުތީމު އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނަށާއި، އެ ތަކުރުފާނާއެކު މި މަތިވެރި ޖިހާދުގައި ބައިވެރިވެވަޑައިގަތް، އެންމެހައި މުޖާހިދުން ދިވެހި ޤައުމާއި ދިވެހި ފަސްގަނޑުގެ ސިޔާދަތާއި އިސްތިޤްލާލަށްޓަކައި،، ޕޯޗުގީޒު ބާރަށް ފާޅުގައި ނޫނެކޭ ބުނެ، ޙިކްމަތާއި ގަދަ ހިތްވަރުން ދިވެހި ޤައުމަށް ސަލާމަތްކަމާއި އަމާންކަން ހޯދައިދިނެވެ.

ރައީސްގެ ތަޤުރީރު ތިލަކޮށްދެއްވީ އެހާދިސާ ހިނގި ގޮތުގެ އިތުރަށް އެކަމުން ދިވެހިންނަށް ނަސްރު ލިބުމަށް ދިމާވި މައިގަނޑު ސަބަބުތަކަށެވެ. އެގޮތުން ދިވެހީން ދިވެހީންގެ ދީނާއި، ޤައުމުގެ ދިފާޢުގައި ހޭލައި ފަރުވާތެރިވިގޮތް ކިޔާދެއްވިއެވެ. މި ލޮބުވެތި ވަޠަން އެފަދަ ބޮޑު ބާރެއްގެ ވަކިތަކުން ސަލާމަތްކުރިގޮތާއި އަދި އެކަމުގެ ފުން ސިއްރުތަކާއި ސަބަބުތައް ހިއްސާކުރެއްވިއެވެ.

ރައީސްގެ ތަޤުރީރުގައި ވިދާޅުވީ ޤައުމީ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރި އެއް ސަބަބަކީ އެކަންކަން ހަނދާންކޮށްދިނުމުގެ ގިތުންކަމަށެވެ. ޤައުމީ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރީ، ދިވެހި ފަޚްރުވެރި ކާބަފައިންނެކޭ އެއްފަދައިން، ޤައުމީ ލޯބިން ހިތްތައް ފުރާލަން ދަސްކޮށްދިނުމަށާއި ޤައުމީ ލޯތްބަށް އާނއެކޭ ބުނުމުގެ މަތިވެރި ނަސީބު ހަނދާންކޮށްދިނުމުގެ ގޮތުންކަމަށް ރައީސް ވިދާޅުވިއެވެ.

ޤައުމީ ދުވަހުގެ ކާބަފައިން އަޅުގަނޑުމެންނަށް ދައްކައިދޭ އަނެއް ޙަޤީޤީ މަންޒަރަކީ މަދު މީހަކު ގޯޅި އަޅައިގެން ދިޔަޔަސް، ތަފާތު އެކި ފެންވަރުގައި ދިވެހީންނަކީ، ދިވެހި ކާބަފައި އަޖުދާދުންނަކީ، އަބަދުވެސް ޤައުމީ ވިސްނުން އިސްކުރި ބައެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޤައުމުގެ ޙައްޤުގައި ލެޔާއި ދާ އޮހޮރާލުމަކީ ދިވެހި ޤައުމީ ސިފައެއްކަމަށާއި އެކަމުގައި ވަކި ފަންތިއެއް ގިންތިއެއް ތަފާތެއް ނޯންނަކަމަށް ވިދާޅުވިއެވެ.

"ހިތްޕުޅަށް ގެންނަވާ! ޢަލީރަސްގެފާނަކީ ސިޔާސީ އެންމެ މަތީވެރިޔާ. އެ ރަދުން ޤައުމަށްޓަކައި ފުރާނަފުޅު ދޫކޮށްލެއްވި. އުތީމު ޢަލީތަކުރުފާނު ހިތްޕުޅަށް ގެންނަވާ! ރަށްފުށުގެ ފެންވަރުގައި ޤަދަރުވެރިއެއް. ފުދުންތެރިއެއް. ޤައުމުގެ ދިފާޢުގައި ފުރާނަފުޅު ދޫކޮށްލެއްވި! ތިމަރަފުށީ ދެ ޙާޖީންނާ މެދު ފިކުރު ހިންގަވާލައްވާ! އެއީ ވިޔަފާރިވެރީން. ފޯރުންތެރީން. އެ ބޭފުޅުންވެސް
މި ޖިހާދުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތް. ވިލިނގިލީ ރައިވެރިބެއާއި، ދޮނަކުޅީ ރައިވެރިބެއާއި، މަރޮށީ ރާވެރިބެޔާ މެދުގައިވެސް ވިސްނާލައްވާ! އެއީ ފަގީރުން. އެ ބޭފުޅުން މި ޖިހާދުގައި ބައިވެރިވެވަޑައިގަތް ގޮތް، އެހީތެރިވެދެއްވި ގޮތް ސިފަކުރައްވާ! ނޮޅިވަރަމްފަރު އެދުރުކަލޭގެފާނަކީ ޢިލްމުވެރިއެއް. އޭނާ މި ހަނގުރާމައިގައި އަދާކުރެއްވި ޢިލްމީ ދައުރު ހިތްޕުޅަށް ގެންނަވާ! އަދި ކޮބައިތޯ؟ ފަހުން ކަނބާ އައިސާއާއި، ސިއްތި މާވާ އަދާކުރެއްވި ދައުރު. ދުވާފަރު ދަންޑެހެލަކީ ޒުވާންކުއްޖެއް. އޭނާ މި ޤައުމަށްޓަކައި އެ އަދާކުރެއްވި އޭނާގެ ޒުވާންކަމުގެ ޤައުމީ ވާޖިބު، ތާރީޚުން ފަނޑުވެގެންދާނެތޯ؟ ނުދާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ދިވެހި ކާބަފައިން އަބަދުވެސް ތިބީ ޤައުމާ އެއްކޮޅަށްކަމަށާއި ޤައުމީ ލޯތްބަކީ ދިވެހީން އަބަދުވެސް އެ ރޫޙާއެކު އުފާކުރާ މަތިވެރި ލޯތްބަކަށްވާއިރު ޤައުމީ ލޯތްބާ ދިވެހީން ދުވަހަކުވެސް ވަކިނުވާނެކަންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޤައުމީ ބަޠަލަށް މުޅި ރާއްޖެއިން އޭރުވެސް ފުރިހަމައަށް އިޖާބަދިންކަން ފާހަގަކުރައްވާ މިސާލުޖެއްސެވީ ދިވެހިރާޢޖޭގެ މިނިވަންކަމަށް ލޮޅުންއައި ކޮންމެ ފަހަރަކުވެސް އެކަމުގެ އަޑީގައި ދިވެހިންގެ ތެރެއިން މަދުބަޔަކުނަމަވެސް ތިބިކަން ތާރީޚުން ހެކިދޭކަމެވެ.

ސިޔާސީ ކޯޅުންތަކާއި ވެރިކަމުގެ ދަހިވެތިކަމުގައި ބޭރުގެ ބަޔަކާ ގުޅިގެން ޤައުމުގެ މިނިވަންކަމާ ތޮޅުމަށް މަސައްކަތްކޮށްފައި އެބަހުއްޓެވެ. މިފަދަ ކޮންމެ ހިތްދަތި ހާދިސާތަކުން ޤައުމަށް ނަސްރު ހޯދައިދިނުމަށްޓަކައި ދިވެހިންގެ ތެރެއިން ބަޔަކު އިސްވެ ނުކުމެ ގައްދާރުންގެ ކިބައިން މި ޤައުމު ސަލާމަތްކޮށް ނަސްރު ހޯދައިދިނެވެ. ދިވެހިންނާއި ދިވެހިންގެ ދީން، މާތްވެގެންވާ އިސްލާމްދީނާއި ގުޅި ލާމެހިފައިވާއިރު މިއިން ކޮންމެ ހާދިސާއެއްގެވެސް ނަޞްރާ ގުޅިފައިވަނީ ހަމަ އިސްލާމްދީނާއެވެ.

އޭރުވެސް ކާބަފައިން ދަސްކޮށްދިނީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އޮތީ ޤައުމު އިސްކޮށްގެންކަމަށާއި އެ ފިލާވަޅު މިއަދާ ހަމަޔަށް ފެންނަން އެބައޮތްކަމަށް ރައީސް ވިދާލުވިއެވެ.

އެހެންކަމުން މުޅި ރާއްޖޭގެ ވިސްނުމަކަށްވާންވީ، މި ލޮބުވެތި ފަސްގަނޑުގެ ޙައްޤުގައި އަޅުގަނޑުމެން އެ މަތިވެރި އަޖުދާދުންގެ ހަރުދަނާ ޢަމަލުތަކުން ފިލާވަޅު ލިބިގަތުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެގޮތުގައި، ޤައުމީ ވިސްނުމުގައި، ފިޔަވަޅުތައް ކުރިއަށް އަޅަމުންދިޔުމަށާއި އަބަދުވެސް ޤައުމާ ދިމާޔަށް އަޅުގަނޑުމެންގެ ހިތްތަކާއި ނިތްތައް ސީދާކުރުމަށް ރައީސް އެދިވަޑަިއގަތެވެ. އަދި އަބަދުވެސް އެއް ރޫޙެއްގައި، އެއް ޢަޒުމެއްގައި، އެއް އަމާޒެއްގައި، އެއް ބައެއްގެ ގޮތުގައި ދެމިތިބުމަށް ރައީސް ގޮވާލެއްވިއެވެ.

ރައީސްގެ ތަޤުރީރުގައި ވަނީ އުތީމު މަހާރަދުންގެ މުޅި ސީރަތަށްވެސް އަލިއަޅުވާލައްވާފައެވެ. އަދި ދިވެހި ޤައުމުގެ ހިންގުމުގެ މުޅި ފަލްސަފާ، އެ ތަކުރުފާނުގެ ސީރަތުން ލިބޭކަމަށާއި އެކަމަށް ފުންކޮށް ދިރާސާތައް ކުރުމަށް އެދިވަޑައިގަތެވެ.

"ވަރަށް ތުއްޕުޅުއިރު، ރަށުތެރެއާއި ހޮޅުއަށީގައި ގިނަ ވަގުތު ހޭދަކުރައްވަން ޖެހުނު. އެކަން ހިމެނުނީ ލީޑަރުން ބިނާކުރުމުގެ ފިލާވަޅެއް ކަމުގައި. އަމުރަށް ކިޔަމަންވުމާއި، އަމިއްލަ ފައިމައްޗަށް ތެދުވާން ދަސްވުމުގެ ތަމްރީނާއި ތަރުބިއްޔަތެއް ކަމުގައި. ދޫނި ހިއްޕެވުމުގެ އިތުރު ހުނަރުތައް ދަސްފުޅުކުރެއްވީ އެ ދުވަސްވަރު. ދިވެހި ޤައުމު ޕޯޗުގީޒުންގެ އަތްދަށުން މިނިވަންކުރުމުގެ ތަޞައްވުރު، އެ ތުއްތު ސިކުނޑީގައި ކުރެހުނީ، އެކަމުގެ އިލްހާމުތައް އާލާވީ އެ ދުވަސްވަރު. މިނިވަންކަމާއެކު ދޫނިތައް އުދުހިދާން އެ ވިދާޅުވީ، އެ ފުން މާނަތައް ހިތްޕުޅުގައި ދައުރުވަމުންދާތީ. އެހެންކަމުން، ޤައުމީ ދުވަހުގެ ބަޠަލުގެ ކޮންމެ ޙަރަކާތަކީ އަދުގެ ޖީލުތަކަށް އަގުހުރި، މާނަހުރި ފިލާވަޅެއް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ދިވެހީންނަކީ، އިސްލާމުންނަކީ ހަރުދަނާ ބައެއްކަން ފާހަގަކުރައްވާ ރައީސް ވަނީ އަޅުގަނޑުމެންގެ ޢަޒުމާއި އީމާނުގައި އަބަދުވެސް އާރުލާންޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި އަޅުގަނޑުމެން ތިބޭނީ އަޅުގަނޑުމެންގެ ދީނުގައި އަޅުގަނޑުމެންގެ ޤައުމީ ސިޔާދަތާއި، ޤައުމުގެ މިނިވަންކަމާ އެކީގައިކަން ރައީސް ވިދާޅުވިއެވެ.

މާތްވެގެންވާ އިސްލާމްދީނަށް ވަފާތެރިވުމުގެ ފޮނި ނަތީޖާއާއި އިސްލާމްދީނަށް އިހާނެތިކޮށް ހިތުމުގެ ހިތިކަމާއި، އޭގައި ހުރި ނިކަމެތިކަން ތާރީޚުން ވަނީ ފެނިފައެވެ. ދިވެހި ޤައުމާ ގުޅިފައިވާ ރަނގަޅު ހުރިހާ ކަމެއް އެތުރިފައިވަނީ ދީނުގެ ޖައުހަރުގެ ވަށައިގެންނެވެ. އިސްލާމްދީން އެއީ، ދިވެހި ޤައުމުގެ ނާރެހެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި ޤައުމީ ދުވަސް އަޅުގަނޑުމެންނަށް އިލްތިމާސްކުރަނީ، އިހުގެ މަތިވެރި އަޖުދާދުން ފަދައިން، އެއް ރޫޙެއްގައި، އެއް އަމާޒެއްގައި އެކީގައި ގުޅިގެން ދެމިތިބުމަށްކަމަށް ވިދާޅުވެ، ބައިބައިވުންތަކާ ދުރުހެލިވުމަށާއި ދިވެހީންގެ ރާއްޖެ، ދިވެހީންގެ ޤައުމު، ދިވެހީންނަށްޓަކައި އުފާވެރި ހިމޭން މަންޒިލެއްގެ ގޮތުގައި ދެމިއޮންނާނެކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވަނީ ތަކުރުފާނުގެ ހަޔާތްޕުޅުން އެތައް ފިލާވަޅެއް ލިބިދޭކަން ފާހަގަކުރައްވާ އޭރުގެ ދިވެހީން އެ ފިލާވަޅު ލިބިގަތްކަންފާހަގަކުރައްވާފައެވެ. އަދި މިހާރުގެ ދިވެހީންވެސް އެގޮތުގައި ތިބިކަމަށާއި ޤައުމީީ ރޫޙާއި ލޯބި ދިރުވާ ޤައުމަށް ހެޔޮއެދުމަށް އަޒުމަކަށް ހެދުމަށް ރައީސް ގޮވާލެއްވިއެވެ.