ޚަބަރު

"މިނިވަންކަން ގެއްލޭނެފަދަ ހިތި ތަޖުރިބާތަކެއް އިޢާދަވިޔަދީގެން ނުވާނެ"


  • ހިތްވަރުގަދަ ބަޠަލުންގެ އަގުހުރި ޖިހާދުގެ ހަނދާންތައް އާކުރަންޖެހޭކަން ފާހަގަކުރެއްވި

  • ޤަައުމީ ދުވަހުގެ މުނާޞަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވި

މިއަދު ފާހަގަކުރަމުންދާ ޤައުމީ ދުވަހު އަޅުގަނޑުމެން އަޒުމަކަށް ހަދަންވީ މިނިވަންކަން ގެއްލޭނެފަދަ ހިތި ތަޖުރިބާތަކެއް އިޢާދަވިޔަ ނުދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމީ ދުވަހުގެ އިރު ފެނުން ތޮޅިލާއިރު، އަޅުގަނޑުމެންގެ ހަނދާންތައް ދަތުރުކުރަނީ މީގެ 467 އަހަރު ކުރީގެ މާޒީއަށާއި ކަނޑުގެބާޒުގެ ނަމުން އޭރު މަޝްހޫރުވި ފުރެތިކާލުންގެ އިސްތިޢުމާރީ ކަސްތޮޅުތަކުން ލިބުނު އަނިޔާއިން މި ދީބު މިންޖުކޮށްދެއްވި ހިތްވަރުގަދަ ބަޠަލުންގެ އަގުހުރި ޖިހާދުގެ ކާމިޔާބަށްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަކުމެ ފެންނާން އޮތް ހަގީގަތަކީ، ދިވެހި ޤައުމަށް ހެޔޮ ނޭދޭ އަމިއްލައެދުން ބޮޑު ބަޔެއްގެ ޚިޔާނާތް އެކަމުގެ ސަބަބަކަށް ވީކަންކަމަށެވެ. އަދި މިއަދު އަޅުގަނޑުމެން ގަދައަޅަައި ޢަޒުމު އާކުރަންވީ އެފަދަ ހިތި ތަޖުރިބާތަކެއް އިޢާދަވިޔަ ނުދިނުމަށްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މި ޤައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި، ޤައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް އަޅުގަނޑުމެން ވަމާތޯ؟" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ފަޚުރުވެރި ޤަައުމީ ދުވަހުގެ މުބާރަކްބާދު ދިވެހި އުޚުއްވަތްތެރި ރައްޔިތުންނަށް އަޅުގަނޑު ދަންނަވަނީ، އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޝިޢާރު ނަގަހައްޓައި، މި ޤައުމުގެ ކޮންމެ ދަރިއެއްގެ ހިތުގައިވެސް ދިވެހި ޤައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް ގޮވައިލަމުންކަމަށެވެ.