ޚަބަރު

ތާޖްގެ "ކެރިއަރ އެކްސްޕްލޮރޭޝަން ވިޒިޓް" ބާއްވައިފި


  • ޒުވާނުންނަށް ހުރި ވަޒީފާތަކާބެހޭ މައުލޫމާތު ދީފައިވޭ

ތާޖް އެކްޒޯޓިކާ ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ގުޅޭގޮތުން "ކެރިއަރ އެކްސްޕްލޮރޭޝަން ވިޒިޓް"ގެ ނަމުގައި ޕްރޮގްރާމެއް ބާއްވައިފިއެވެ.

މި ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާއާއި ތާޖު އެގްޒޯޓިކާ ރިސޯޓު ގުޅިގެން ބޭއްވި ޕްރޮގްރާމެކެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސީނިއަރ ޔޫތު ޑެވެލޮޕްމެންޓުގެ އޮފިސަރ އާމިނަތު ނާޒިމާ ވިދާޅުވީ، ކެރިއަރ އެކްސްޕްލޮރޭޝަން ވިސިޓް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ޒުވާނުން ވަޒީފާއަށް އަހުލުވެރިކޮޮށް، ވަޒީފާތަކާބެހޭ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

"ޓުއަރިޒަމް ސެކްޓަރގައި ހުރި ވަޒީފާތަކުގެ މައުލޫމާތުތަކާއި އެކުދިންނަށް ރިޒޯޓަށް އައިސް އެކްސްޕްލޯ ކޮށްލަން ލިބޭނެ ވަރަށް ރަނގަޅު ފުރުސަތުތަކެއް. ގިނަފަހަރު ޒުވާނުން ސްކޫލް ދައުރު ނިންމާފައި ވަޒީފާގެ މާހައުލަށް ނިކުންނައިރު ކުދިންނަށް އެހާބޮޑަށް ވަޒީފާގެ މައުލޫމާތުތަކެއް ލިބިފައެއްނޯވޭ. އެހެންވީމަ މިކަހަލަ ތަނަކަށް އައިސްފައި ކުދިންނަށް ވޯކިން އެންވައިރޮމެންޓް ބަލާލާ، މަސައްކަތުގެ މާހައުލު ބަލާލަން ފުރުސަތު ލިބުނީމަ ކުދިންނަށް ފަސޭހަވެގެންދޭ ކެރިއަރއެއް ޗޫޒު ކުރަން" ނާޒިމާ ވިދާޅުވިއެވެ.

ރިސޯޓުގެ ޖެނެރަލް މެނޭޖަރ ވިކަސް ކުމާރު ވިދާޅުވީ، މިފަދަ ފުރުސަތުތަކަކީ މިދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ކުދިންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތުތަކެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މުސްތަޤުބަލުގެ ޒުވާން ލީޑަރުން އެބޭފުޅުންގެ ވަޒީފާގެ މައިދާނުގައި ކުރިއަރައި ދިއުމަށް ހިތްވަރުދީ، ބާރުވެރިކުރުން. މިގޮތުން އެކި ފެންވަރުގެ ތަރުތީބުކުރެވިފައިވާ ތަމްރީނު އަދި ތަރައްޤީގެ ޕްރޮގްރާމްތައް އަޅުގަނޑުމެން ފޯރުކޮށްދެން. ޒުވާނުން ބިނާކުރުމަށްޓަކައި ކަމާބެހޭ ވުޒާރާއާ (މިނިސްޓްރީ އޮފް ޔޫތު) ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ނުހަނު އުފަލާއެކު މަރުހަބާ ކިޔާ ކަމެއް" ކުމާރު ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަމުން މި ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރަކު ބުނީ، ޕްރޮގްރާމާބެހޭ މައުލޫމާތު އެންމެ ފުރަތަމަ ފެނިގެން ދިޔައީ ޔޫތު މިނިސްޓްރީގެ އިންސްޓަގްރާމް ޕޭޖުން ކަމަށެވެ. އަދި މި ޕްރޮގްރާމުން ވަރަށް ގިނަ ކަންކަން ދަސްވި ކަމަށް އޭނާ ބުންޏެވެ.

ތާޖް ރިސޯޓުން ކުރިއަށްގެންދިޔަ "ކެރިއަރ އެކްސްޕްލޮރޭޝަން ވިޒިޓް"އަކީ 6 އަހަރާއި 25 އަހަރުގެ ކުދިންނަށް ހާއްސަކޮށްގެން ބޭއްވި ހަރަކާތެކެވެ.