ޚަބަރު

ފީފާ ވޯލްޑްކަޕް ގްރޫޕް ޑީ: ތުރުކީ – އެމެރިކާ / ޕެރަގުއޭ – އޮސްޓްރޭލިއާ


އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ގްރޫޕް ޑީ ގައި މިރޭ އެމެރިކާ އާއި ތުރުކީ ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ އޮސްޓްރޭލިއާ އާއި ޕެރަގުއޭ އެވެ.

މުބާރާތް ބާއްވާ އެމެރިކާ އިން ތުރުކީ އާއި ދެކޮޅަށް ނިކުންނައިރު އެ ޓީމު ވަނީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި 4-1 ގެ ނަތީޖާއަކުން ޕެރަގުއޭ ބަލިކޮށް ދެވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން އޮސްޓްރޭލިއާ ބަލިކޮށްފަ އެވެ. ތުރުކީ ވަނީ ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން އޮސްޓްރޭލިއާ އަތުން ބަލިވެ ދެވަނަ މެޗުގައި 1-0 ގެ ނަތީޖާއަކުން ޕެރަގުއޭ އަތުންވެސް ބަލިވެފަ އެވެ.

ފީފާ ވޯލްޑްކަޕްގައި ފުރަތަމަ ފަހަރަށް އެމެރިކާ އާއި ތުރުކީ ބައްދަލުކުރާއިރު މި މެޗުން މޮޅުވެގެން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެމެރިކާއަށް ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތުވަނީ ލިބިފަ އެވެ. ނަމަވެސް މި ދެ ޓީމު ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އެއީ 2003 ވަނަ އަހަރުގެ ކޮންފެޑަރޭޝަންސް ކަޕްގަ އެވެ. އެ މެޗު 2-1 ގެ ނަތީޖާއަކުން ތުރުކީ މޮޅުވެފައިވާއިރު 2025 ވަނަ އަހަރު މި ދެ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗުވެސް ހަމަ އެ ނަތީޖާއަކުން ތުރުކީ ވަނީ މޮޅުވެފަ އެވެ. އެ މެޗުގައި ކުޅުނު ގިނަ ކުޅުންތެރިން މިރޭގެ މެޗަށް ނިކުންނައިރު ދެ ޓީމުގެ ސްކޮޑުގައިވެސް ތިބިކަން ފާހަގަކޮށްލެވެ އެވެ.

ކުރީގެ މެޗުތައް:

  • * ފީފާ ކޮންފެޑަރޭޝަންސް ކަޕް 2003: ތުރުކީ 2-1 އެމެރިކާ (ގްރޫޕް ސްޓޭޖް)
  • * ފްރެންޑްލީ މެޗް 2025: ތުރުކީ 2-1 އެމެރިކާ

މި ގްރޫޕްގައި ދެން ހިމެނޭ ޕެރަގުއޭ އާއި އޮސްޓްރޭލިއާ ކުޅުނު ދެ މެޗުގެ ތެރެއިން ކޮންމެ ޓީމެއްވެސް ވަނީ އެއް މެޗުން މޮޅުވެ އެއް މެޗުން ބަލިވެފަ އެވެ. އެހެންކަމުން މި މެޗުން މޮޅުވާ ޓީމަކަށް ދެވަނަ ބުރުގެ ފުރުސަތު ލިބިގެންދާނެ އެވެ.

2010 ވަނަ އަހަރަށްފަހު ފީފާ ވޯލްޑްކަޕްގައި ފުރަތަމަ ފަހަރަށް ޕެރަގުއޭ އިން ވާދަކުރާއިރު, އޮސްޓްރޭލިއާ އިން މިއީ ވޯލްޑްކަޕްގައި ޖެހިޖެހިގެން ވާދަކުރާ ހަވަނަ ފަހަރެވެ.

މި މެޗަށް ނިކުންނައިރު ދެ ޓީމުގެ ކޯޗުންވެސް ވަނީ މިފަދަ މެޗަކަށް ނިކުންނައިރު ވިސްނަން ޖެހޭ ގިނަ ކަންތައްތަކެއް ހުންނާނެ ކަމަށާއި ވޯލްޑްކަޕެއްގެ މެޗަކީ ފަސޭހަވާނެ މެޗެއް ނޫން ކަމަށް ބުނެފަ އެވެ.

މި މެޗުގައި އޮސްޓްރޭލިއާ އަތުން ޕެރަގުއޭ މޮޅުވެއްޖެނަމަ އެއީ ފީފާ ވޯލްޑްކަޕެއްގެ ދެ މެޗުން އެ ޓީމު މޮޅުވާނެ ފުރަތަމަ ފަހަރެވެ.