ތަރައްްޤީ

އޭދަފުއްޓަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލެއް ހޯދަނީ


މާޅޮސް މަޑުލުދެކުނު ބުރީ އޭދަފުށްޓަކީ އާބާދީ އިތުރުވުމުގެ ސަބަބުން، ބިން ފުރިފައިވާ ރަށެކެވެ. އެރަށުން ގޯތި ދޫނުކުރާތާ މިހާރު ތިރީހަކަށް އަހަރުވެފައިވާއިރު، ގިނަ ބަޔަކު ގޯއްޗަށް އެދެމުން އަންނަ ކަމަށް އޭދަފުށީ ކައުންސިލުން ވިދާޅުވެއެވެ. ގެދޮރު ގެ މައްސަލަ ޙައްލުކުރެއްވުމުގެ ގޮތުން ސަރުކާރުން ވަނީ އޭދަފުށީގައި 26 ހެކްޓަރުގެ ބިން ހިއްކަވާފައެވެ.

މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށްޓަކީ އާބާދީގައި ތިންހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އާބާދީ އިތުރުވުމުގެ ސަބަބުން، ބިން ފުރިގެން އެރަށުން ގޯތި ދޫކުރުން ވަނީ ހުއްޓާލާފައެވެ. އޭދަފުށިން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 1989 ވަނަ އަހަރުއެވެ. ފާއިތުވި ތިރީހަކަށް އަހަރުގެ ތެރޭގައި އެއްވެސް ގޮތަކަށް އެރަށުން ގޯތި ދޫކޮށްފައެއް ނުވެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އޭދަފުށީ ކައުންސިލްގެ ރައީސް ނާޒްނީނާ ޔޫސުފް ވިދާޅުވީ، ގޯއްޗަށް އެދި ގިނަބަޔަކު ކައުންސިލް އިދާރާއަށް ހުށަހަޅަމުން ގެންދާކަމަށާއި، ނަމަވެސް ރަށުގެ ބިން ފުރިފައިވުމާއެކު ގޯތި ދޫކުރުން ހުއްޓާލާފައިވާކަމަށެވެ.

އޭދަފުށިން ގޯއްޗަށް އެދި މިހާތަނަށް 1000 ފަރާތަކުން ފޯމް ހުށަހަޅާފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. ޕީއެސްއެމްއާ ވާހަކަދެއްކި އޭދަފުށީ ބައެއް ރައްޔިތުން ބުނީ، ރަށުން ގޯތި ދޫނުކުރާތީ، ބޮޑެތި އާއިލާތާއް ދިރިއުޅެނީ ދަތި ޙާލުގައި ކަމަށެވެ.

އޭދަފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ޙައްލުކުރެއްވުމުގެ ގޮތުން ސަރުކާރުން ވަނީ އެރަށުގައި 26 ހެކްޓަރުގެ ބިން ހިއްކަވާފައެވެ. ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، އޭދަފުށީގައި ހިއްކި ބިން ބޭނުންކުރާނީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ރައްޔިތުންނާ މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ.

އޭދަފުށީ ކައުންސިލުން ވިދާޅުވީ، އަލަށް ހިއްކި ބިން ބޭނުންކުރުމާއި ގުޅޭ ގޮތުން ހަދާފައިވާ ޑްރާފްޓުގައި، ފްލެޓު އެޅުމަށް ބިން ޚާއްސަކުރައްވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެރަށަށް ދިމާވެފައިވާ ގޯތީގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.