މި ހިނގާ އޮކްޓޯބަރު މަހުގެ 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔަހޫދީ ދައުލަތުގެ ޢާންމު އިންތިޚާބަށް 23 ދުވަހަށް ވެފައިވަނިކޮށް، އާންމުކުރި ޚިޔާލު ހޯދުމުގެ ޤައުމީ ސަރވޭއަކުން ދައްކާގޮތުގައި، އިދިކޮޅު ފަރާތްތަކުން ވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަންކުރާ ކޯލިޝަނަށްވުރެ ކުޑަ ކުރިއެރުމެއް ހޯދައިފައެވެ.
ނަމަވެސް، ދެ ފަރާތުން ކުރެ އެއްވެސް ފަރާތަކަށް ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭނެކަމަށް މި ސަރވޭއަކުން ނުދައްކައެވެ.
ޔަހޫދީ ޕަބްލިކް ބްރޯޑްކާސްޓިންގ ނެޓްވޯކް (ކާން) އިން ހާމަކުރި މި ސަރވޭގެ ނަތީޖާ ދައްކާގޮތުން، 120 މެންބަރުން ހިމެނޭ ޤާނޫނުހަދާ މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން އިދިކޮޅު ފަރާތްތަކަށް 52 ގޮނޑި ލިބޭނެކަމަށް ލަފާކުރެވޭއިރު، ނަތަންޔާހޫގެ އިއްތިޙާދަށް ލިބޭނެކަމަށް ބެލެވެނީ 51 ގޮނޑިއެވެ.
މިއާއެކު، އަމިއްލައަށް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތު އެއްވެސް ފަރާތަކަށް ކަށަވަރު ނުކުރެވޭނެކަން ވަނީ ހާމަވެފައެވެ. މިއަހަރުގެ ޖުލައި 17 ގައި ޔަހޫދީންގެ ޤާނޫނުހަދާ މަޖިލިސް ވަނީ އުވާލައިފައެވެ.
ޕާޓީތަކަށް ގޮނޑި ލިބޭނެކަމަށް ލަފާކުރެވޭ ގޮތަށް ބަލާއިރު، ގާދީ އައިޒެންކޮޓްގެ 'ޔާޝާރު' ޕާޓީން 23 ގޮނޑިއާއެކު ކުރިހޯދިއިރު، ނަތަންޔާހޫގެ ޕާޓީއަށް ލިބޭނެކަމަށް ދައްކަނީ 21 ގޮނޑިއެވެ. މީގެއިތުރުން، ނަފްތާލީ ބެނެޓްގެ 'ބެޔާހަދު' ޕާޓީން 12 ގޮނޑި ހޯދާނެކަމަށް ބެލެވޭއިރު، ޔާއިރް ގޯލާންގެ 'ޑިމޮކްރެޓްސް' އަދި އިތަމާރް ބެން-ގްވީރްގެ 'ޖުއިޝް ޕަވަރ' ޕާޓީން ކުރެ ކޮންމެ ޕާޓީއަކަށް ލިބޭނެކަމަށް ދައްކަނީ 8 ގޮނޑިއެވެ. ބެޒަލެލް ސްމޮޓްރިޗްގެ ގުޅިފައިވާ 'ރެލިޖަސް ޒަޔަނިޒަމް-ޒެހުތު' ލިސްޓަށް 6 ގޮނޑި ލިބޭއިރު، އޯފަރ އިންޓަރގެ 'ޢަމްޗާ އިސްރާއީލް' ޕާޓީއަށް ގޮނޑިއެއް ކަށަވަރުކުރުމަށް ބޭނުންވާ އެންމެ ދަށް މިންވަރަށްވެސް ވޯޓު ލިބިފައެއް ނުވެއެވެ.
ޢަރަބި ޕާޓީތަކަށް ބަލާއިރު، ބަލަޑްގެ ލީޑަރު ސާމީ އަބޫ ޝަހާދާ ނަން އަނބުރާ ގެންދިޔުމާ ގުޅިގެން 'ޖޮއިންޓް ލިސްޓު' ވަނީ 8 ގޮނޑިއަށް ކުރިއަރައިފައެވެ. އަދި 'ރާޢަމް' ޕާޓީން ވަނީ 5 ގޮނޑި ދަމަހައްޓައިފައެވެ.
'ކާން' އިން ފާހަގަކުރި ގޮތުގައި، އިދިކޮޅު އިއްތިޙާދަށް ރާޢަމް ޕާޓީގެ އެއްބާރުލުމާ ނުލައި ސަރުކާރެއް އެކުލަވައެއް ނުލެވޭނެއެވެ.
މި ސަރވޭގެ ނަތީޖާ އާންމުވެފައި މިވަނީ، ޔަހޫދީން އިލެކްޝަންސް ކޮމިޓީން ރަސްމީ އިންޒާރެއް ދީފައިވާ ދަނޑިވަޅެއްގައެވެ. އެ ކޮމިޓީގެ މުޤައްރިރު ނޮއާމް ސޯލްބާގް ވަނީ، ޙުއްދަ ނެތި ސިފައިންނާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ ކެމްޕޭން ވީޑިއޯތައް ސޯޝަލް މީޑިއާއިން ނެގުމަށް ނަތަންޔާހޫއަށް އަންގައިފައެވެ.
ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން 5 މައްސަލައަކަށް ތާޢީދުކުރަމުން ސޯލްބާގް ނިންމީ، ލުބުނާނުގެ ދެކުނުގައި ޤާއިމުކޮށްފައިވާ އަސްކަރީ މަރުކަޒަކަށް ނަތަންޔާހޫ ކުރި ޒިޔާރަތުގެ ވީޑިއޯއަކީ، ދައުލަތުގެ ރަސްމީ މަސައްކަތެއްގެ ބަދަލުގައި ޤާނޫނާ ޚިލާފަށް ހިންގާފައިވާ ކެމްޕޭން އިޝްތިހާރެއް ކަމަށެވެ. އެއީ ސިފައިންގެ ޚިދުމަތުގެ ބައިތައް އުނިކޮށް، ސަރުކާރުގެ ސިޔާސީ ކާމިޔާބީތައް ދެއްކުމަށް ޚާއްޞަކޮށްގެން އެކުލަވާލާފައިވާ ވީޑިއޯއެކެވެ. މިއީ ޤައުމީ ސަލާމަތާބެހޭ ވަޒީރު އިތަމާރް ބެން-ގްވީރް، ފަލަސްޠީނުގެ އަސީރަކާއެކު ޖަލެއްގެ ތެރޭގައި ޙުއްދަ ނެތި ކެމްޕޭން ވީޑިއޯއެއް ރެކޯޑުކުރުމާ ގުޅިގެން އެޅި ފިޔަވަޅާ އެއްގޮތް ނިންމުމެކެވެ.
ޑިސެމްބަރު 2022 އިން ފެށިގެން ޔަހޫދީންގެ އެންމެ ހައްދުފަހަނައެޅި ކަނާތުފިޔައިގެ އިއްތިޙާދު ސަރުކާރު ހިންގަމުންދާ ނަތަންޔާހޫގެ މައްޗަށް، ޚިޔާނާތުގެ ގިނަ ތުހުމަތުތަކުގެ ޝަރީޢަތްތަކުގެ އިތުރުން، ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ނަސްލުހޭދަ ކުރުމުގެ ޖަރީމާތަކާ ގުޅިގެން ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ހައްޔަރުކުރުމުގެ އަމުރެއް ވަނީ ނެރެފައެވެ.