ޚަބަރު

ނުރައްކާކޮށް ދުއްވި ސައިކަލެއް ޓޯކޮށް، ފިޔަވަޅު އަޅައިފި


  • ސައިކަލު ހިފެހެއްޓީ ނިރޮޅުމަގު 11 ނަންބަރު ގޯޅި ކައިރިން

  • ހާދިސާ ހިނގާފައިވަނީ އޮކްޓޫބަރު 4 ވަނަ ދުވަހުގެ ރޭ

ހުޅުމާލެ ފޭސް 1 ގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އާންމުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ހުއްޓުވައި ޓޯކޮށް، ފިޔަވަޅު އަޅައިފިއެވެ.

ފުލުހުން ވިދާޅުވީހުޅުމާލެ ފޭސް 1 ދިއްގާމަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ދެ ސައިކަލެއް މަޑުކުރުމަށް ފުލުހުން އެންގުމުން، އަމުރަށް ނުކިޔަމަންތެރިވެ އިތުރަށް ބާރު ސްޕީޑުގައި ފިލަން މަސައްކަތްކޮށްފައިވާކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 4 ވަނަ ދުވަހުގެ ރޭ ދަންވަރު 01:20 ހާއިރުކަމަށް ފުލުހުން ހާމަކުރެއްވިއެވެ. އަދި ނިރޮޅުމަގު 10 ނަންބަރު ގޯޅިއަށް އަޅައި، އެ މަގުން ހުޅަނގަށް ގޮސް ނިރޮޅުމަގަށް އަރައި އުތުރުން ދެކުނަށް ޒިގްޒެގްކޮށް، ނުރައްކާތެރިކޮށް އޯވަރޓޭކް ކުރަމުން ދަނިކޮށް، ފުލުހުންގެ ޕެޓްރޯލް ޓީމުން ވަނީ އޭގެ ތެރެއިން އެއް ސައިކަލު ނިރޮޅުމަގު 11 ނަންބަރު ގޯޅި ކައިރިން ހުއްޓުވާފަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައެވެ. އަދި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައިވާތީ އެ ސައިކަލު ވަނީ ޓޯކޮށްފައިކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މަގުމަތީގެ އުސޫލްތަކާއި ޓްރެފިކް ޤާނޫނާއި ޤަވާއިދުތަކަށް ތަކުރާރުކޮށް ޚިލާފުވާ ފަރާތްތަކާމެދު ޚާއްސަ ފިޔަވަޅުތަކެއް އަޅާނެކަން ފުލުހުން ވަނީ ދާދިފަހުން ހާމަކުރައްވާފައެވެ.