ރަސްމާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުން ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައިވެސް މިހާތަނަށް އުފެއްދި ޖުމްލަ އެސެޓާ އެއްވަރުގެ އަގުހުރި އިންވެސްޓްމެންޓެއް ޤާއިމުވެގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރަސްމާލޭގައި 20 ބިލިޔަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ތަރައްޤީކުރުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަމަހުގެ 21ވަނަ ދުވަހުއެވެ. އެއާއެކު، ރަސްމާލެއިން ގަންނަ ޕްރޮޕަޓީ އޮޓަމެޓިކުން ވާރުތަވާކަމަށާއި، އެތަނުން ބިން ބޭރު ބަޔަކަށް ވިއްކާލާކަމަށް ބުނެ އެކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕީއެސްއެމް ގުޅިގެން ބޭއްވި "އަހާ" ފޯރަމްގެ އަށްވަނަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދޭނީ އިޤްތިޞާދީ އޮނިގަނޑު މުޅިން އެހެން ހަރުފަތަކަށް ގެންގޮސްގެން ކަމަށެވެ. އަދި މިކަން ހާސިލްކުރުމަށްޓަކައި ބޮޑެތި އިންވެސްޓްމެންޓުތައް ރާއްޖެއަށް ގެނައުން މުހިންމު ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރަސްމާލޭގައި އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ސިޔާސީ ގޮތުން ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި މި މަޝްރޫޢު ކާމިޔާބުވުމަކީ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ކުރިމަގަށް އެޅޭނެ ބޮޑު ހިޔަންޏެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސައީދު ވިދާޅުވީ، މިވަގުތު ރާއްޖޭގައި މިހާރު ހިންގާ 170 ރިސޯޓުން ސީދާ ގޮތެއްގައި ރާއްޖޭގެ އިގުތިޞާދަށް 1.7 ބިލިޔަން ޑޮލަރު ވަންނަ ކަމަށެވެ.
މުޅި ޤައުމުގެ އިޤްތިޞާދު އެންމެ ދާއިރާއަކަށް ބަރޯސާވެފައި އޮތުމަކީ ނުރައްކަލެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އީގަލް ހިލްސްގެ މަޝްރޫޢު ކުރިއަށްދާނީ ރާއްޖޭގެ ގުދުރަތީ ވެއްޓާ ގުޅޭގޮތަށް އިޤްތިޞާދު ސިންދަފާތު ކުރުމުގެ އަމާޒުގައި ކަމަށެވެ.
"އެހެން އެއްވެސް ކަމެއް ރާއްޖޭގެ އިޤްތިޞާދަށް ހައި އިމްޕެކްޓެއް އަންނާނެ ކަމެއް މިހާހިސާބަކަށް ކުރެވިފައެއް ނެތް. މިދެންނެވި ޓޫރިޒަމް އެސެޓް ވެލިއު އެއީ މާ ހައި ބޮޑު އިންވެސްޓްމެންޓެއް ނޫން އެހެން ޤައުމުތަކަށް ބަލާއިރު. އެހެން ނަމަވެސް އަޅުގަނޑުމެންގެ ސައިޒަށް ބަލާ އިރު ވަރަށް ބޮޑެތި އިންވެސްޓްމެންޓްތައް އެއީ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
އިޤްތިޞާދީ ވަޒީރު ސަޢީދުގެ ވާހަކަފުޅުގައި، ރާއްޖޭގެ ބިންތައް ފަތުރުވެރިކަމަށް ދިގު މުއްދަތަކަށް ދޫކުރުމަކީ އަލަށް ކުރާ ކަމެއް ނޫންކަން ކަމެއްކަމަށްވެސް ވިދާޅުވިއެވެ. އަދި 2013ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރާ ހަމައަށް އޮތް ވެރިކަމުގައިވެސް 1 ބިލިޔަން ޑޮލަރު އިންވެސްޓްކޮށްގެން ހިއްކާ ބިމުގެ %30 މިލްކުވާ ގޮތަށް ފްރީހޯލްޑް އުސޫލުން ދޫކުރަމުންދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، 2018ވަނަ އަހަރު އައި ސަރުކާރުން އޭރު އަމަލުކުރަމުން އައި ޤާނޫނަށް އިސްލާހުތަކެއް ގެނެސް ރާއްޖޭގެ ބިމެއް ފަތުރުވެރިކަމުގެ ބޭނުމަށް 99 އަހަރަށް ކުއްޔަށް ދެވޭނެ ގޮތަށް ހަަމަޖެއްސި ކަމަށެވެ. އަދި މިހާރުވެސް މި އުސޫލުގެ ދަށުން 54 ރިސޯޓެއް ދޫކޮށްފައިވާ ކަމަށާއި، މީގެ ތެރޭގައި މިވަގުތުވެސް އޮޕަރޭޝަން ފެށިފައިވާ ރިސޯޓުތައް ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.