އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %22 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައިކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އަހަރުގެ މިހާތަނަށް 1.6 މިލިޔަން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1،628،419 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ، މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1،684،735 ފަތުރުވެރިންނާ އަޅާބަލާއިރު %3.3 ދަށް އަދަދެކެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން 1،158،404 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ރިސޯޓުތަކުގައެވެ. އަދި 345،220 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، ހޮޓެލްތަކުގައި 36،106 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. މީގެ އިތުރުން 29،679 ފަތުރުވެރިން ސަފާރީތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން ގެސްޓްހައުސްތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ، ޗައިނާ ފަތުރުވެރިންނެވެ. ޗައިނާއަކީ، މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުވެސްމެއެވެ. ޗައިނާއިން 300،977 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން %27.4 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ.
2 ވަނައަށް އެންމެ ގިނައިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ، އިޓަލީ ފަތުރުވެރިންނެވެ. އިޓަލީވިލާތުން 98،039 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން %13.5 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ.
ރާއްޖޭގައި މިވަގުތު 927 ގެސްޓްހައުސްއެއް ވަނީ، ހުޅުވާފައެވެ. އަދި މިތަންތަނުގެ ބެޑު ކެޕޭސިޓީ 16،810 އަށް އަރައެވެ. މިއީ، ބެޑް ކެޕޭސިޓީގެ %25 ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ގެސްޓްހައުސްތަކުގެ ބެޑް ކެޕޭސިޓީއަށް ބަލާއިރު އެންމެ ގިނަ އެނދު ނެރެފައިވަނީ، ކ.އަތޮޅުންނެވެ. އެއީ، 7،962 އެނދެވެ. އަދި އއ.އަތޮޅުން 2،228 ބެޑު، ގެސްޓްހައުސްތަކުން އޮޕަރޭޝަނަށް ނެރެފައިވެއެވެ.