ތަރައްްޤީ

އަރަބިއްޔާހުރި ބިމުގައި ހެދި ފްލެޓްތަކަށް ފައިސާ ދައްކައިފި


ޢަރަބިއްޔާ ހުރި ބިމާއި ގާކޮށި ބިމުގައި ސަރުކާރުން ޢިމާރާތްކުރައްވާފައިވާ ފްލެޓްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން، އެއް ފްލެޓް ޢިމާރާތައް ދައްކަންޖެހޭ ފައިސާ މަސައްކަތުގެ ޑިވެލޮޕަރ އެޕެކްސް ރިއަލިޓީ ޕްރައިވެޓް ލިމިޓެޑަށް އެޗްޑީސީއިން ދައްކައިފިއެވެ.

ގާކޮށްޓާއި، ކުރީގެ ޢަރަބިއްޔާ ސްކޫލް ހުރި ބިމުގައި ސޯޝަލް ހައުސިންގ ޔުނިޓްތަކެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެޕެކްސް ރިއަލިޓީ ޕްރައިވެޓް ލިމިޓެޑުންނެވެ. އެޕެކްސް ރިއަލިޓީއަކީ އިންޑިޔާގެ ޓާޓާ ކުންފުންޏާއި، އެސް.ޖީ18 ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ސަބްސިޑަރީ ކުންފުންޏެކެވެ. ޢަރަބިއްޔާ ހުރި ބިމުގައި 90 އެޕާޓްމަންޓް އަދި ގާކޮށި ހުރި ބިމުގައި 198 އެޕާޓްމަންޓް ވަނީ މިމަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައެވެ.

އަރަބިއްޔާ އާއި ގާކޮށި ބިމުގައި ޢިމާރާތްކުރި ފްލެޓްތަކުގެ މަސައްކަތް މިއަހަރުގެ މާރޗްމަހުގެ ތެރޭގައި ވަނީ ނިމިފައެވެ. އެހެންނަމަވެސް އެތަންތަން ސަރުކާރާ ޙަވާލުކުރާނީ އެތަނަށް ސަރުކާރުން ދައްކަންޖެހޭ 278 މިލިއަން ރުފިޔާ ދެއްކުމުންކަމަށް އެކުންފުނިން ބުނެފައިވެއެވެ. ސަރުކާރުން މި މަޝްރޫޢުގެ ޑިވެލޮޕަރއާއެކު ވެވަޑައިގެންފައިވާ އެއްބަސްވުމުގެ ދަށުން ފްލެޓްގެ މަސައްކަތް ނިމޭތާ 90 ދުވަހުގެތެރޭގައި ހުރިހާ ފައިސާއެއް ޑިވެލޮޕަރަށް ދިނުން ލާޒިމްކުރެއެވެ.

އަރަބިއްޔާ ހުރި ބިމާއި ގާކޮށި ބިމުގައި ސަރުކާރުން ޢިމާރަތްކުރައްވާފައިވާ ފްލެޓްތަކަށް ސަރުކާރުން ދައްކަވަންޖެހޭ ފައިސާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން މެދުވެރިކުރައްވައި މި ދެއްކެވީ އެކަމަށް ސަރުކާރުން ނިްމެވި ޚާއްޞަ ނިންމެވުމެއްގެ ދަަށުންނެވެ. މިކަމުގެ ބޭނުމަކީ ފްލެޓް ލިބޭ ފަރާތްތަކުން ފައިސާ ދެއްކުމަށް ހަމަޖެހިފައިވާ އުޞޫލު ލުއިކޮށްދެއްވުމެވެ. މި ނިންމެވުން ސަރުކާރުން ނިންމެވީ މިމަހުގެ ކުރީކޮޅުގައެވެ. އެގޮތުން ކޮންޓްރެކްޓަރަށް ދައްކަންޖެހޭ 278,145,960/-ރ (ދުއިސައްތަހަތްދިހައަށްމިލިއަން ސަތޭކަ ސާޅީސް ފަސްހާސް ނުވަސަތޭކަ ފަސްދޮޅަސް) ރުފިޔާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް، ފިނޭންސް މިނިސްޓްރީން ވަނީ މިމަހުގެ ކުރީކޮޅު ދޫކުރައްވާފައެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ އެޕެކްސް ރިއަލިޓީ އާއި ހަވާލުކޮށްގެން ޢިމާރާތްކުރައްވާފައިވާ ދެ ފްލެޓްގެ ތެރެއިން ޢަރަބިއްޔާ ބިމުގައި ޢިމާރާތްކުރައްވާފައިވާ ފްލެޓަށް ދައްކަންޖެހޭ ފައިސާ ދައްކާ، ފްލެޓްތައް އެކުންފުނީގެ ބެލުމުގެ ދަށަށް ގެނެސްފައިވަކަމަށެވެ. އެގޮތުން 100 މިލިއަން ރުފިޔާ މިޢިމާރާތަށް ދައްކާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ސައިމަން ވިދާޅުވީ ގާކޮށި ބިމުގައި ބިނާކުރައްވާފައިވާ ފްލެޓް ޢިމާރާތަށް ދައްކަންޖެހޭ ފައިސާވެސް ހަފްތާއެއްހާ ދުވަހުގެތެރޭގައި ދައްކައި ނިންމުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި މިފްލެޓްތަކަށް ހޮވިފައިވާ ފަރާތްތަކަށް ފްލެޓްތަކަށް ވަނުމަށްޓަކައި އެފަރާތްތަކުން ފައިސާ ދެއްކުމުގައި ހުރި އޮޕްޝަންތައް ވަރަށް އަވަހަށް ހާމަކުރާނެކަމަށާއި، މިކަމުގައި ބޭންކްތަކާއި ޕެންޝަން ފަންޑު މެދުވެރިކޮށް މިކަމަށް ލުއިތަކެއް ހަމަޖެއްސުމުގެ މަސައްކަތްކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.