ޚަބަރު

އިބްނު ޢައްބާސް ޚަވާރިޖުންނާ ކުރެއްވި ބަޙުޘް، ޢިލްމީ ބަޙުޘުގެ ނަމޫނާއެއް


ދެވަނަ ބައި

އަނެއް މިސާލަކީ ދެމަފިރިންގެ މައްސަލައިގައި ޙަކަމުން ބޭނުކުރުމަށް ކީރިތި ﷲ އަމުރުކުރައްވާފައިވާ ވުމެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. (وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَابْعَثُوا حَكَمًا مِّنْ أَهْلِهِ وَحَكَمًا مِّنْ أَهْلِهَا إِن يُرِيدَا إِصْلَاحًا يُوَفِّقِ اللَّهُ بَيْنَهُمَا) (النساء: 35) މާނައީ: “އެދެމީހުންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދި، އެކަމާމެދު ތިޔަބައިމީހުން ބިރުގެންފިނަމަ، އޭނާގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކާއި، އެކަނބުލޭގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކު ތިޔަބައިމީހުން ފޮނުވާށެވެ! ޞުލްޙަ ކުރުމަށް އެދެމީހުން ޤަޞްދު ކުރާނަމަ، ﷲ، އެ ދެމީހުން ޞުލްޙަ ކުރައްވައި، އެއްބަސް ކުރައްވައިފާނެތެވެ.” ﷲ މިވަނީ މީހުންގެ ޙުކުމަކީ އަބަދަށްޓަކައި ދެމިގެންދާ ކަމެއްކަމުގައި ލައްވާފައެވެ.

ދެން އޮތީ އެބައިމީހުން އުފެއްދި ދެވަނަ ސުވާލެވެ. އެއީ އަސީރުންނާއި ޣަނީމާ މުދަލާ ގުޅޭ ސުވާލެވެ. މި ސުވާލުގެ ޖަވާބު ދެއްވުމުގެ ކުރިން އިބުނު ޢައްބާސް ކުރެއްވީ ސުވާލެކެވެ. އިބުނު ޢައްބާސް ވިދާޅުވިއެވެ. އަސީރެއްގެ ގޮތުގައި މުއުމިނުންގެ މައިކަމަނާ ޢާއިޝަތުގެފާނު ހައްޔަރުކޮށް އެހެންމީހުންގެ ކިބައިން ހުއްދަކުރާ ހުރިހާ ކަމެއް ތިޔަބައިމީހުން އެކަމަނާގެ ކިބައިންވެސް ހުއްދަކުރާނީހެއްޔެވެ؟ އެކަން އެގޮތަށްކޮށްފިނަމަ ތިޔަބައިމީހުން ކާފަރުވެއްޖެކަން ކަށަވަރެވެ. އެކަމަނާއީ ތިޔަބައިމީހުންގެ މައިކަމަނާއެވެ. އަދި އެއީ މައިކަމަނާ ނޫންކަމުގައި ބުނެފިނަމަ ތިޔަބައިމީހުން ކާފަރުވެއްޖެކަން ކަށަވަރެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. (النَّبِيُّ أَوْلَىٰ بِالْمُؤْمِنِينَ مِنْ أَنفُسِهِمْ وَأَزْوَاجُهُ أُمَّهَاتُهُمْ) (الأحزاب: 6) މާނައީ: “މުއުމިނުންނަށް އެއުރެންގެ އަމިއްލަ ނަފުސުތަކަށްވުރެން، ނަބިއްޔާ އައުލާކަން ބޮޑެވެ. އަދި އެ ނަބިއްޔާގެ އަނބިއަނބިކަނބަލުންނީ، އެއުރެންގެ މައިންނެވެ.” ފަހެ ތިޔަބައިމީހުން ތިޔަވަނީ ދެ ފުރެދުމެއްގެ ދެމެދުގައި އެނބުރި އެނބުރި ތިބޭ ބަޔަކުކަމުގައެވެ. މިއިން ކޮންމެ ދިމާއަކަށް ދިޔަނަމަވެސް ތިޔަބައިމީހުން ތިބޭނީ ފުރެދުމެއްގައެވެ.

ދެން އެބައިމީހުން އެއްބަޔަކު އަނެއްބަޔަކާ ދިމާއަށް (ހައިރާކަމުގެ ބަލައިލުމަކުން) ބަލައިލިއެވެ. އެހިނދު އިބުނު ޢައްބާސް ވިދާޅުވިއެވެ. މިނުކުތާއާމެދު ގޮތެއް ނިމިއްޖެހެއްޔެވެ؟ އެބައިމީހުން ދެންނެވިއެވެ. އާނއެކެވެ!

އެންމެ ފަހު ސުވާލެއްގެ ގޮތުގައި ޚަވާރިޖުން އުފެއްދި ސުވާލަކީ އަމީރުލް މުއުމިނީނަގެ ލަޤަބު ދޫކޮށްލެއްވުމުގެ ސުވާލެވެ. މިކަމުގައި ދެއްކެވި ޙުއްޖަތަކީ ޙުދައިބިއްޔާގެ ދުވަހު ކަންވެގެން ދިޔަގޮތެވެ. ޙުދައިބިއްޔާގެ ދުވަހު، ސުހައިލް ބިން ޢަމްރޫ އާއި އަބޫ ސުފްޔާނު ބިން ޙަރްބު މުޝްރިކުންގެ ފަރާތުން ޞުލްޙަނާމާ ލިޔުމުގައި އުޅުނެވެ. މުސްލިމުންގެ ތެރެއިން އެދައުރު އަދާކުރެއްވި ޢަލީގެފާނެވެ. މި ސުލްޙަ ނާމާ ލިޔުއްވާ ކާތިބެއްގެ ހައިސިއްޔަތުން ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. “އޭގެ ޢަލީގެފާނެވެ. މިއީ ﷲ ގެ ރަސޫލާ މުޙައްމަދުގެފާނު އެކަމެއްގެ މައްޗަށް ޞުލްޙަވެވަޑައިގެން ގޮތެވެ.” އެހިނދު މުޝްރިކުން ދިން ޖަވާބަކީ ތިޔައީ ﷲ ގެ ރަސޫލާކަމެއް އަހަރެމެންނަކަށް ނޭނގެއެވެ. އެކަން އެނގޭނަމަ ކަލޭގެފާނަކާ އަހަރެމެން ހަނގުރާމައެއް ނުކުރީމުހެވެ. އެއަށްފަހު ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. “ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާއީ އިބަރަސްކަލާނގެ ރަސޫލާކަމުގައި އިބަރަސްކަލާނގެ ދެނެވޮޑިގެން ވަމުއެވެ. އޭ ޢަލީގެފާނެވެ. މިއީ މުޙައްމަދު ބިން ޢަބްދިﷲ އެކަމެއްގެ މައްޗަށް ޞުލްޙަވީ ގޮތްކަމުގައި ލިއުއްވާށެވެ!”

ހުދައިބިއްޔާގެ ދުވަހު ޞުލްޙަނާމާ ލިޔުއްވުމުގެ ތެރޭގައި ކަންހިނގާދިޔަގޮތް ކިޔައިދެއްވުމަށްފަހު އިބުނު ޢައްބާސް ވިދާޅުވިއެވެ. ﷲ ގަންދީ ބުނަމެވެ. ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެ ފާނު، ޢަލީގެފާނަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ. އިތުރު އެކަލޭގެފާނުގެ ނަންފުޅުން ރަސޫލު ކަމުގެ ނަންފުޅު ފުހެލެއްވުމަކުން އެކަލޭގެފާނު ނަބީކަމުން ބޭރެއް ނުވެއެވެ.

އިބްނު ޢައްބާސް އާއި ޚަވާރިޖުންނާއި ދެމެދު ހިނގާދިޔަ މި ޙިވާރަށްފަހު، ޚަވާރިޖުންގެ ތެރެއިން ދެހާސް މީހުން އެމީހުން ޤަބޫލުކޮށްގެން ތިބި ގޮތް ދޫކޮށް ޙައްޤުމަގަށް ރުޖޫޢަވިކަން މި ރިވާޔަތުގައި ބަޔާންވެގެންވެއެވެ. ނަމަވެސް އަނެއް ހަތަރުހާސް މީހުން އެމީހުންގެ ފުރެދުންމަތީގައި ތިބީއެވެ. އަދި އެބައިމީހުން ޤަތުލުވެގެންދިޔައީ އެފުރެދުންމަތީ ތިބެގެންނެވެ. މި ހާދިސާ އަލްބައިހަޤީ އެކަލޭގެފާނުގެ ސުނަނުގައި އަދި އަލްޙާކިމު މުސްތަދުރަކްގައި އަދި އައްނަސާއީ އެކަލޭގެފާނުގެ ސުނަނުގައި ރިވާކުރައްވާފައި ވެއެވެ.

މި ހާދިސާއިން އަޅުގަނޑުމެންނަށް އެތަކެއް ފިލާވަޅުތަކެއް ލިބެއެވެ. ޙައްޤުމަގަށް ގޮވާލުމަކީ އޭގެ ނަތީޖާއަށް ބަލަންޖެހޭކަމެއް ނޫންކަމާއި، އިބްނު ޢައްބާސް އެކަމާ ކުރިމަތި ލައްވަން ފެއްޓެވުމުން ޚުދު ޢަލީގެފާނުވެސް އެކަލޭގެފާނުގެ މައްޗަށް ބިރުވެތިވެވަޑައިގަންނަވާކަމަށް ވިދާޅުވެފައިވާކަމާއި، ނަމަވެސް އިބުނު ޢައްބާސް އެކަލޭގެފާނުގެ ދައުރު އަދާކުރައްވާ ﷲ އާ ވަކީލުކުރެއްވިއެވެ.

އަނެއް ފިލާވަޅަކީ ޙައްޤުގެ ކުރިމަތީގައި ބާޠިލު ނިކަމެތިވެގެންދާނެކަމެވެ. މިގޮތުން އެބައިމީހުން ދެއްކި ޙުއްޖަތްތައް ބަލިވެގެންދިޔައީ އެއީ ހައްޤުކަމުގައިވާތީއެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ ކަމަކީ އިބުނު ޢައްބާސް އަކީ ޢިލްމީ ބަޙުޘްކުރެއްވުމުގެ ފަންނުގައި އާދަޔާ ޚިލާފު ބޭކަލެއްކަމެވެ. ޙައްޤަށް ނަޞްރު ދެއްވަނީވެސް އެކަމުގެ ސަބަބުތައް މެދުވެރިކޮށެވެ. ދެހާސް މީހުން ޙައްޤުމަގަށް ރުޖޫޢަވެފައިވަނީ އިބުނު ޢައްބާސްގެ ޙުއްޖަތް ދެއްކެވި ކުޅަދާނަކަމުންނެވެ
.
އެކަލޭގެފާނު ކަންކުރެއްވިގޮތަށް ބަލާއިރު، އިދިކޮޅު ރައުޔުގެ ފަރާތްތަކުގެ ވާހަކަ ވަރަށް ރަނގަޅަށް އަޑުއެއްސެވިއެވެ. އެއަށްފަހު އެބައިމީހުން އިންކާރުކުރާ ނުކުތާތަކަކީ ކޮބައިކަން ދެނެގަތެވެ. އެއަށްފަހު އިތުރުކަމެއް ނެތްކަން ކަށަވަރުކޮށް އިންކާރުކުޅަ ކަންކަމަށް ޙުއްޖަތާއެކު ޖަވާބުދެއްވަމުން ގެންދެވިއެވެ. މިގޮތުން ޙުއްޖަތްދެއްކެވުމުގައި ކުރު އަދި ސާދާގޮތެއްގައި ޙުއްޖަތްދައްކަވަމުން ގެންދެވިއެވެ. ވާހަކަ ދެކެވޭ ނުކުތާއާ ނުގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައެވެ. ވާހަކަ ދައްކަވަނީ ވަރަށް ސާފުކޮށް މީހުންނަށް އެނގޭގޮތަށެވެ. އިތުރު މާނަތައް ނުހިމެނޭގޮތަށެވެ. ކެތްތެރިކަމުގެ އިންތިހާއެވެ. ވިސްނުން ތޫނުކަމުގައިވެސް ލާމަސީލު މިސާލެކެވެ. ފަހަރުގައި މިއީ އިބުނު ޢައްބާސް އަށްޓަކައި ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ކުރެއްވި ދުޢާގެ ބަރަކާތްކަމުގައި ވުން އެކަށީގެންވެއެވެ. އެ ދުޢާއަކީ (اللَّهُمَّ ‌فقِّهه ‌فِي ‌الدين وعلِّمه التأويل) “ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އޭނާ ދީނުގައި ފިޤުހުވެރިކުރައްވާ އެކަލޭގެފާނަށް ތައުވީލު އުނގަންވައިދެއްވާނދޭވެ!”

ވީމާ މި ފަދަ ކަންކަމުން ޢިބްރަތް ޙާޞިލުކޮށް މިފަދަ ދުޢާގެ ބަރަކާތުން އަޅުގަނޑުމަންނަށްވެސް ފިޤުހާއި ތައުވީލުގެ ޢިލްމުން މިންވަރެއް ޙާޞިލުކުރުމުގެ ތައުފީޤު ދެއްވާނދޭވެ!

ލިޔުނީ: އަލްއުސްތާޛު މުހައްމަދު ޢީސާ