ޚަބަރު

ރަމަޟާން މަހާ ގުޅިފައިވާ އުފާވެރިކަމުގެ ބައެއް ޚަބަރުތައް


  • ރަމަޟާން މަހަކީ ބަރަކާތާއި ރަޙުމަތުގެ މަހެއް

  • މުސްލިމުންނަށް އުފާވެރިކަމުގެ އެތައް ޚަބަރެއް ގެނެސްދިން ހެޔޮ މައްސަރެއް

ރަމަޟާން މަހަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން މުސްލިމުންނަށް ޚާއްސަވެގެންވާ މަހެކެވެ. އެއީ ބަރަކާތާއި ރަޙުމަތުގެ މަހެކެވެ. އެމަހުގެ ރޯދައަކީ އިސްލާމުދީނުގެ ހަތަރު ވަނަ ރުކުނެވެ. އެއީ އަޅުކަމާ ތަޤުވާގެ މަހެކެވެ. ހަމައެހެންމެ ދީނީ ޝިޢާރުތައް ފާޅުކޮށް ދީނީ ތަރުބިއްޔަތާ ގުޅޭ ފިލާވަޅުތަކުގެ ހަނދާންތައް އައުކޮށް އުނގެނުމުގެ މައްސަރެއް ވެސް މެއެވެ. ބަރަކާތްތެރިވެގެންވާ މި މައްސަރަކީ މުސްލިމުންނަށް އުފާވެރިކަމުގެ ކިތަންމެ ޚަބަރެއް ގެނެސްދިން ހެޔޮ މައްސަރެކެވެ.

ރަމަޟާން މަހަކީ ނަޞްރާ ކާމިޔާބުގެ މަހެކެވެ. ދީން ޢިއްޒަތްތެރިކޮށްދިން މަހެކެވެ. މިހެންކަމުން މި މައްސަރުގައި ހިނގައިދިޔަ މުހިންމު ތާރީޚީ ބައެއް ހާދިސާތަކުގެ މައްޗަށް ބަލައިލުމަކީ ނެތްކަމެއް ނޫނެވެ. އެ ޙާދިސާތަކުގެ ޛިކުރާ އައުކޮށް އަޅުގަނޑުމެންގެ ހިތްތަކަށް ހިތްއުފާވެރިކަން ލިބިގަތުމީ ނެތްކަމެއް ނޫނެވެ. ހަމައެހެންމެ އިސްލާމީ ތާރީޚުގެ މުހިންމު ފިލާވަޅުތަކަކީ އިސްލާމީ ތަރުބިއްޔަތެއް އުފެދި ބޮޑުވަމުން އަންނަ ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއް އަސާސް ވެސް މެއެވެ.
ރަމަޟާން މަހާ ގުޅިފައިވާ އުފާވެރިކަމުގެ މުހިންމު ހާދިސާތަކުގެ މައްޗަށް ކުރު ގޮތަކަށް ނަމަވެސް އަލިއަޅުވާލާނަމަ އެންމެ ފުރަތަމަ ބަޔާން ކުރަން ޖެހެނީ އެންމެހައި މުސްލިމުންގެ ދުސްތޫރު ކަމުގައިވާ، ކީރިތި ޤުރުއާން ބާއްވާލައްވަން ފެއްޓެވުމުގެ ވާހަކައެވެ. ރަމަޟާން މަހަކީ އެ މަހެއްގައި ކީރިތި ޤުރުއާން ބާއްވާލައްވަން ފެއްޓެވުނު މަހެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ (سورة البقرة 185)
މާނައީ: “ރަމަޟާންމަހަކީ، އެމަހެއްގައި ޤުރުއާން ބާވާލެއްވުން މައްސަރެވެ. އެޤުރުއާން ބާވާލެއްވުނީ މީސްތަކުންނަށްވާ ތެދުމަގެއްކަމުގައެވެ. އަދި ހިދާޔަތާއި ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއްގެ ގޮތުގައެވެ.”

އިސްވެ ދިޔަ އާޔަތުން ޤުރުއާން ބާއްވާލައްވަން ފެއްޓެވުނީ ރަމަޟާން މަހެއްގައިކަން ޞަރީޙަކޮށް ބަޔާންކޮށްދެއެވެ. އިތުރު މާތް ރަސޫލާ مُحَمَّد صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ ހިރާ ފަރުބަދައިގެ ހޮހޮޅައިގައި އިންނަވަނިކޮށް ޖިބްރީލް عليه السلام މެދުވެރި ކުރައްވައި، ޤުރުއާނުގެ މޫރިތި އާޔަތްތަކުން އެ ބާއްވާލެއްވުނު މިންވަރެއް ބާއްވާލެއްވުނީ ރަމަޟާން މަހެއްގެ ލައިލަތުލް ޤަދުރި ވިލޭރޭގައެވެ. ދީނީ ޢިލްމުވެރީންގެ ތެރެއިން ގިނަ ބޭކަލުންގެ ބަހުގައިނަމަ އެއިރު އެކަލޭގެފާނުގެ ޢުމުރުފުޅުން 40 އަހަރުފުޅެވެ.

ރަމަޟާން މަހާ ގުޅިފައިވާ ނަޞްރާ ކާމިޔާބުގެ ހަނދާންތަކުގެ ތެރެއިން އެންމެ އިސް ކަމަކަށް ފާހަގަކޮށްލާން ޖެހެނީ މައްކާގެ މުޝްރިކުންގެ މައްޗަށް މުސްލިމުންނަށް ދެއްވި އެންމެ ފުރަތަމަ ނަޞްރާ ކާމިޔާބުގެ ވާހަކައެވެ. އެއީ މަޝްހޫރު ބަދުރު ހަނގުރާމައިގެ ހާދިސާއެވެ. މި މަތިވެރި ދުވަހަށް މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ދެއްވާފައިވާ ނަމަކީ يوم الفرقان އެވެ.

މިއީ މުޝްރިކުންގެ ބައި ގިނަ ލަޝްކަރާ، އިތުރު މާތް ނަބިއްޔާ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ އާއި އެކު ނިކުންނެވި މުސްލިމުންގެ ބައި މަދު ލަޝްކަރު ކުރިމަތިލައްވާ މަތިވެރިވެގެންވާ ނަޞްރެއް ހޯއްދެވި ހަނގުރާމައެކެވެ. މި ހަނގުރާމަ ހިނގީ ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހުގައެވެ. އިސްލާމުންގެ ލަޝްކަރުގައި ހިމެނުނީ ތިން ސަތޭކަ ތޭރަ ވަރަކަށް ބޭކަލުންނެވެ. އަދި މައްކާގެ މުޝްރިކުންގެ ލަޝްކަރުގައި ހިމެނުނީ 1000 މީހުންނެވެ. އާލް ޢިމްރާން ސޫރަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ وَلَقَدۡ نَصَرَكُمُ ٱللَّهُ بِبَدۡرࣲ وَأَنتُمۡ أَذِلَّةࣱۖ فَٱتَّقُوا۟ ٱللَّهَ لَعَلَّكُمۡ تَشۡكُرُونَ، ތިޔަބައިމީހުން ނިކަމެތީން ކަމުގައި ވަނިކޮށް، ބަދުރު ހަނގުރާމައިގައި، ﷲ ތިޔަބައިމީހުންނަށް ނަސްރު ދެއްވި އެވެ،” (އާލްއިމްރާން 123)

ހަނގުރާމައިގެ ހަތިޔާރާ އަދި މީސް ގިނަ އެ ބޮޑު ލަޝްކަރުގެ ކުރިމައްޗަށް ނިކުންނެވި އިސްލާމުންގެ ބައި މަދު ލަޝްކަރަށް މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ދެއްވި މަތިވެރި ނަޞްރާއެކު އިސްލާމްދީނާ މުސްލިމުން ޢިއްޒަތްތެރިވެގެން ދިޔައެވެ. އަދި އެ ހަނގުރާމަ ވެގެން ދިޔައީ ބައިބަޔަށް ގިނަ ބަޔަކު އިސްލާމުދީނަށް ވަންނަން ފެށި ހާދިސާއެއްގެ ގޮތުގައި ވެސް މެއެވެ.

ތާރީޚުގެ ތެރެއިން މި މަހާ ގުޅިފައިވާ މިފަދަ އުފާވެރި އެހެން ޚަބަރެއްގެ މައްޗަށް ބަލާނަމަ ދެން ފާހަގަކޮށްލަން ޖެހެނީ މައްކާ ފަތަޙަ ކުރެއްވި ހާދިސާއެވެ. މުޝްރިކުންގެ މައި ކިއްލާކަމުގައިވި މައްކާގެ މާތް ބިން ޝިރުކުގެ ނަޖިސް ޢަމަލުތަކުން ޠާހިރު ކުރެއްވި ހާދިސާއެވެ. މައްކާ ފަޠަޙަ ކުރެއްވުމަށްޓަކައި އިތުރު މާތް ނަބީކަލޭގެފާނުން އިސްލާމުންގެ ލަޝްކަރައިގެން މަދީނާއިން ނިކުމެވަޑައިގެންނެވީ ހިޖުރައިން 8 ވަނަ އަހަރުގެ ރަމަޟާން މަހުން 8 ވަނަ ދުވަހުގައެވެ.

މުސްލިމުންނަށް މައްކާ ފަޠަޙަ ކުރެވިގެން ދިޔައީ ޞުލްޙަވެރިކަމާއި އެކީގައެވެ. ބޮޑު ހަނގުރާމައަކާއި ލޭ އޮހޮރުވުމަކާ ނުލައެވެ. މި ހާދިސާގެ ސަބަބުން މާތްވެގެންވާ މައްކާގެ ބިން ޝިރުކުގެ ނުބައި ޢަމަލުން ޠާހިރު ކުރެވިގެން ދިޔައެވެ. އަލްއިމާމުލް ބުޚާރީ ރިވާކުރެއްވި ޙަދީސެއްގައި ވެއެވެ.

"ޢަރަބިންގެ މީހުން ތިބީ މި ފަޠަޙަޔަށް އިންތިޒާރުކޮށްގެންނެވެ. އެބައިމީހުން ބުނީ މަޑުކުރާށެވެ! އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ފާޅުކުރައްވައިފިނަމަ އެކަލޭގެފާނަކީ ތެދުވެރި ނަބިއްޔެކެވެ" މިހެންވެ މައްކާ ފަތަޙަ ކުރެއްވުމުން ޢަރަބި ޤަބީލާތައް އިސްލާންދީނަށް ވަނުމަށް އަވަސްވެ ގަތެވެ.

އިސްލާމީ ތާރީޚުގެ މިފަދަ ފިލާވަޅުތައް އުފެދި ބޮޑުވަމުން އަންނަ ޖީލުތަކުގެ މެދުގައި ދިރުވާ އާލާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ އެކުދީން އިސްލާމީ ތަރުބިއްޔަތެއްގައި ބޮޑު ކުރުމުގެ އެންމެ މުހިންމު އެއް އަސާސްވެސްމެއެވެ. އެހެނީ މިފަދަ ޚަބަރުތަކުގެ ޛަރީޢާއިން އީމާންކަމަށް އިތުރު ސާބިތުކަން ލިބުމާ މުޅި އިސްލާމީ އުއްމަތަށް ނިސްބަތްވުމާ އަދި އިސްލާމީ ދީނުގެ ޚަބަރުތަކުން އެ ނަފުސުތައް ވަރުގަދަވެގެން ދިޔުން ފަދަ އެތައް ކަމެއް ލިބިގެން ދާނެތީއެވެ.