ނ. އަތޮޅުގައި ތަރައްޤީކުރާ ސަސްޓެއިނަބަަލް ޓައުންޝިޕްވާނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ތަފާތު ތަނަކަށްކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ދެމެހެއްޓެނިވި ޓައުންޝިޕެއް ތަރައްޤީކުރުމަށް ބޭރުގެ ކުންފުންޏަކަށް ހުއްދަ ދިނުމާ ގުޅިގެން މީސް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މީސް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ 790 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 12.2 ބިލިޔަން ރުފިޔާ އިންވެސްޓްކޮށްގެން ނ. އަތޮޅުގައި ތަރައްޤީކުރާ ޓައުންޝިޕް ވާނީ ޒަމާނުގެ ވަޞީލަތްތަކާއި ސިފަތަކާއެކު އިންޑިއާ ކަނޑުގެ އިތުރަށް ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވޭ ތަފާތު މަޝްރޫޢަކަށް ކަމަށެވެ.
މި ޓައުންޝިޕްގައި ދުނިޔޭގެ ފެންވަރުގައި ޚިދުމަތްދޭ ސިއްޙީ އަދި ދުޅަހެޔޮ ކަމުގެ ފަރުވާލިބޭ ވަސީލަތް ޤާއިމުކުރުމުގެ އިތުރަށް، ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް ސްކޫލަކާއި %60 އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭނެ ޤާބިލުކަން ހުންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ޚިދުމަތްތައް ޤާއިމުވެފައި ހުރުމަކީ އެސްއީޒެޑްގެ ޤާނޫނުގެ ދަށުން ލާޒިމު ކަމެއްކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މިތަނުގައި ދަނޑުވެރިކަމުގެ ވަސީލަތްތަލާއި ޒަމާނީ ޓެކްނޮލޮޖީއާއެކު އެކުއަރކަލްޗަރ އަދި މެރިކަލްޗަރގެ ޒޯނެއް ހިމެނޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ފަތުރުވެރިކަމުގެ ކަންކަމުގެ އިތުރުން އިޖުތިމާޢީ ތަރައްޤީ ގެނުވާނެ މި މަޝްރޫޢަކީ، ސަރުކާރަށް އާމްދަނީ ވަންނާނެ މުހިންމު ޓެކްސްތައް ކަމުގައިވާ ޖީއެސްޓީ، ޓީޖީއެސްޓީ، ޓޫރިޒަމް ލީސްރެންޓް އަދި ގްރީން ޓެކްސް ނ.އަތޮޅު ޓައުންޝިޕުން ލިބޭނެ ކަމަށެވެ.
އެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ޓައުންޝިޕް މަޝްރޫޢަކީ ރާއްޖޭގެ ޓެކްސް ބޭސް ފުޅާކޮށް، އާމްދަނީ ސަރުކާރަށް ވައްދައިދޭނެ ބިޔަ މަޝްރޫޢެއްކަމަށެވެ. އަދި މިއީ ރާއްޖޭގައި ތިބެގެން ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓާލިޓީ ސްކޫލެއްގައި ތަމްރީނުވެ، ޒުވާނުންނަށް އޭގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ގެނެސްދޭނެ މަޝްރޫޢެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެސްއީޒެޑްގެ ޤާނޫނަށް އިޞްލާޙު ގެނައި ފަހުން ފުރަތަަމަ ފަހަރަަށް ދެމެހެއްޓެނިވި ޓައުންޝިޕްއެއް ތަރައްޤީކުރުމުގެ ހުއްދަ ބޭރުގެ ބަޔަކާ ރަސްމީކޮށް ހަވާލުކުރީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. އެއީ ކްރިސްޓަލްސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުނީގެ ފަރާތުން ވަނީ ޤާނޫނުތައް އިޞްލާޙުކޮށް އިންވެސްޓަރުންނަށް ހޯދައިދިން ފަހި ލުއިތަކާއެކު ރާއްޖޭގައި އިންވެސްޓްކުރުމުގެ ދޮރު ވަރަށް ބޮޑަށް ހުޅުވިފައިވާކަން ފާހަގަކުރައްވާފައެވެ.
ކްރިސްޓަލް ހޯލްޑިންގްސްގެ ފަރާތުން ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ދެމެެހެއްޓެނިވި ޓައުންޝިޕް ތަރައްޤީކުރާނީ ނ. އަތޮޅުގައެވެ. މި މަޝްރޫޢު ނިންމާލުމަށް އަމާޒު ހިފާފައިވަނީ 2028 ވަނަ އަހަރުގެ ނިޔަލަށެވެ.