އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމްގެ ތެރެއިން މިއަހަރު 738 އިމާމުންނަށް ތަމްރީންދީފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމް ކުރިއަށްގެންގޮސްފައިވާއިރު، މާލެ ސަރަޙައްދުގެ އިމާމުންނަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ޖުމުލަ 738 އިމާމުންނަށް ތާޒާކުރުމުގެ ޕްރޮގްރާމް ހިންގާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ އަންނަ އަހަރު މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއާ ގުޅިގެން އިތުރު ތަމްރީނަށް އިމާމުން މިޞްރަށް ފޮނުވޭނެކަމަށާއި ޢަރަބި ބަސް ކިޔެވުމަށް މޮރޮކޯއަށް ދިއުމުގެ ފުރުޞަތުވެސް އިމާމުންނަށް ފަހިކޮށްދެވޭނެ ކަމަށެވެ. މިދިޔަ އަހަރު ވެސް ސަޢުދީ، ބުރޫނާއި، އިންޑޮނޭޝިޔާ، މެލޭޝިޔާއިން ޖުމުލަ 100 އަށްވުރެ ގިނަ ފުރުޞަތުގައި އިމާމުން ބޭރަށް ފޮނުވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މާލެ ސަރަޙައްދުގެ އިމާމުންނަށް ކުރިއަށް ގެންދިޔަ ތާޒާކުރުމުގެ ތަމްރީނު ޕްރޮގްރާމް މިރޭ ވަނީ ނިންމައި ސެޓްފިކެޓް ދީފަ. މި އަހަރު ވަނީ 738 އިމާމުންނަށް ތާޒާކުރުމުގެ ޕްރޮގްރާމް ހިންގިފަ. އަލްޙަމްދު ލި ﷲ. މިއަންނަ އަހަރު މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއާ ގުޅިގެން އިތުރު ތަމްރީނަށް… pic.twitter.com/l0MCSvb4fy
— Mohamed Shaheem Ali Saeed (@Mohamedshaheem1) November 30, 2025
އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި 11 ސަރަޙައްދަކަށް ބަހާލައިގެން މުޅި ރާއްޖޭގެ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 9 މާއްދާއެއް ހިމަނައިގެންނެވެ. އެގޮތުން ޤުރްއާނާއި ތަޖުވީދުގެ ޢިލްމާއި ތަފްސީރާއި ފިޤުހާއި ޙަދީޘްގެ އިތުރުން އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމުންނަށް ބޭނުންވާ މުހިއްމު ކަންކަން އުނގަންނައިދެއެވެ.
ރާއްޖޭގައި ގާތްގަނޑަކަށް 700 އެއްހާ ދާއިމީ އިމާމުން އުޅެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ހުރިހާ ދާއިމީ އިމާމުން ތަމްރީންކޮށް ނިންމުމެވެ.