ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށްޓަކައި ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާއިން ލ.ގަމުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން "ވޭސްޓް ޓު އާޓް"ގެ ނަމުގައި ސާފުކުރުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މިހަރަކާތުގައިވަނީ ލ.ގަމުގެ ގޮނޑުދޮށުން 200 މީޓަރަށް ވުރެ ބޮޑު ސަރަޙައްދެއް ސާފުކުރެވިފައިވާ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ތިމާވެއްޓާ ބެހޭ ވުޒާރާ އާއި ޕާލޭ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ " ވޭސްޓް ޓު އާޓް" ހަރަކާތުގައި އެވުޒާރާގެ އިތުރުން ގިނަ މުއައްސަސާތަކަކުން ބައިވެރިވެފައިވެއެވެ. މިއަދު ހެނދުނު 6:30 އިން 9:00 އަށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި ލ.އަތޮޅު ކައުންސިލުގެ އިތުރުން އެމްއެންޑީއެފް، އެމްޓީސީސީ، ލ.ގަން ކައުންސިލްގެ އިތުރުންވެސް އެކި މުއައްސަސާތަކުން ޖުމްލަ 220އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ސާފުކުރުމުގެ މިހަރަކާތުގެ ތެރެއިން 987.2 ކިލޯގެ ޕްލާސްޓިކާއި އަދި އެހެނިހެން ކުނިތައް ނަގާފައިވާކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން ނެގި ކުނި ރީސައިކަލްކޮށް، އާޓްވޯކްތަކެއްވަނީ ތައްޔާރުކޮށްފައެވެ. އަދި އެއާޓްވޯކްތަކުން ވަނަވަނަވެސްވަނީ ހޮވާފައެވެ.
މިހަރަކާތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ތިމާވެއްޓާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު ވިދާޅުވީ، މިހަރަކާތުގެ މައިގަނޑު މަޤްސަދަކީ ތިމާވެށްޓަށް ގެއްލުންލިބޭފަދަ ކުނި އެޅުމުން ލިބޭނެ ގެއްލުންތަކާމެދު ކުދިން ހޭލުންތެރިކޮށް އެކަން ހުއްޓުވުންކަމަށެވެ.
"އަޅުގަނޑުމެން ފާހަގަކުރަމުން މިގެންދަނީ ދުނިޔޭގެ ތިމާވެށީގެ ދުވަސް. މިއަދުގެ ޝިޢާރާ ގުޅުވައިގެން އަޅުގަނޑުމެން ކުރިއަށްގެންދާ އެއް ހަރަކާތް މިއީ ޕްލާސްޓިކާބެހޭ ގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުވުން". ތިމާވެއްޓާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު ވިދާޅުވިއެވެ.
މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ މި ހަރަކާތަށް އާންމުންގެ ފަރާތުންވެސް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ.