ޚަބަރު

ދިވެހި ހުރިހާ ޙައްޖުވެރިން ބޮޑު ޖަމްރާއަށް ހިލައުކައި، އިހްރާމް ކަނޑައިފި


  • މިއަދު ކޮންމެ ޙައްޖުވެރިއަކު ވަނީ ބޮޑު ޖަމްރާއަށް 7 ހިލަކޮޅު އުކާފައި

  • ކުރިއަށް އޮތް ދެދުވަހުވެސް ތިން ޖަމްރާއަށް ހިލައުކުން ކުރިއަށްދާނެ

ދިވެހި ޙައްޖުވެރިން ބޮޑު ޖަމްރާ ނުވަތަ ޖަމްރަތުލް އަޤްބާއަށް ހިލަ އުކުމަށްފަހު އިހުރާމް ކަނޑައައިފިއެވެ.

ޙައްޖުގެ އަޅުކަމުގެ މަނާސިކްތަކުގެ ތެރެއިން ތިން ޖަމްރާއަށް ހިލަ އުކުމަކީ އެންމެ މުހިންމު އެއް މަނާސިކެވެ. ޖަމްރާތަކަށް ހިލައުކަން ޖެހެނީ އިބިލީސް ފައްސާލުމަށް ސަލާމްލެއްވި އިބްރާހީމްގެފާނު ހިލަ އުއްކެވުމުން އެކަން ހަނދާން ކުރުމުގެ ގޮތުންނެވެ.

ކީރިތި ރަސޫލާ މުހައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ޙައްޖަތުލްވަދާއުގައި އެކަލޭގެފާނުވަނީ އިބްރާހީމްގެ ފާނަށް އިގްތިދާވުމުގެ ގޮތުން ތިން ފަހަރު ހިލަ އުއްކަވާފައެވެ. މިއާއެކު ޙައްޖުވެރިންގެ ތެރެއިން ކޮންމެ ޙައްޖުވެރިއަކުންވެސް 21 ހިލަކޮޅު ތިން ޖަމްރާއަށް އުކަން ޖެހެއެވެ.

ތިން ޖަމްރާއަކީ އިބްރާހީމްގެފާނު އިބްލީސް ފައްސާލުމަށްޓަކައި ހިލަ އުއްކެވި ތިންތަނެވެ. އިބްލީސް ފެނުނު ތިންތަނަކީ ޖަމްރާތައް މިހާރު ހުރި ތިން ތަންތަނެވެ. އެއީ މިނާގެ އަލްއަޤަބާ ސަރަޙައްދެވެ. ޢީދު ދުވަހު ޙައްޖުވެރިން ހިލަ އުކާނީ ހަމައެކަނި ޖަމްރަތުލް އަޤަބާ އަށް އެކަންޏެވެ. ޢީދު ދުވަހަށްފަހު ދެން އަންނަ އައްޔާމުއްތަޝްރީޤުގެ ތިން ދުވަހުގައި ޙައްޖުވެރިން ތިން ޖަމްރާއަށްވެސް ހިލައުކާނެއެވެ.

މިގޮތުން ޙައްޖުވެރިން މިއަދު ޖަމްރަތުލް އަޤްބާއަށް ހިލަ އުކާފައިވާއިރު، މާދަމާ އަދި އޭގެ އަނެއްދުވަހު ތިން ޖަމްރާއަށް ހިލައުކާނެއެވެ.

ޙައްޖުވެރިން ވަނީ ޖަމްރާއަށް ހިލައުކުމަށްފަހު އިހްރާމް ކަނޑާފައެވެ. އެގޮތުން ފިރިހެނުން ވަނީ ބޯ ތުނިކޮށް ކޮށައި ނުވަތަ ބޯ ބާލާފައެވެ. މީގެ އިތުރުން ޙައްޖުވެރިންގެ ފަރާތުން ޙައްޖު ކޯޕަރޭޝަނުންވަނީ ހަދްޔު ކަތިލުންވެސް ކުރިއަށް ގެންގޮސްފައެވެ.

ދިވެހި ޙައްޖުވެރިން މައްކާއަށް އެނބުރި ދާނީ، ކުރިއަށް އޮތް ދެދުވަހު ޖަމްރާތަކަށް ހިލަ އުކުމަށްފަހުއެވެ.