ޚަބަރު

"މޯލްޑިވްސް 2.0ގެ މަޤްސަދަކީ އީވޯޓިންގ ނިޒާމެއް ގެނައުމެއް ނޫން، ހާމަކަން ބޮޑު ނިޒާމެއް ގެނައުން"


  • މޯލްޑިވްސް 2.0އާއެކު ދައުލަތުގެ ހިންގުމުގައި ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރެވޭނެ

  • ޚިދުމަތް ހޯދުމުގައި ތަކުރާރުކޮށް އެއްމަޢުލޫމާތު ދޭންޖެހޭގޮތް ބަދަލުވެގެންދާނެ

  • ސައިބަރ ނުރައްކަލަށް ކުރިމަތިލެވޭނެފަދަ ނިޒާމެއްކަން ކަށަވަރުކުރެވޭނެ

"މޯލްޑިވްސް 2.0"ގެ މަޤްސަދަކީ ރާއްޖޭގައި ދެފުށް ފެންނަ ހާމަކަންބޮޑު ހިންގުމުގެ ނިޒާމެއް ޤާއިމުކުރުން ކަމަށާއި އެއީ އެއްވެސް މާނައެއްގައި އީ-ވޯޓިންގ ގެނައުމަށް ކުރެވޭ މަސައްކަތެއް ނޫންކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިހްސާންވަނީ މޯލްޑިވްސް 2.0 އާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވާ މިމަޝްރޫޢުގެ ޙަގީގީ މަޤްސަދު ހާމަކޮށްދެއްވާފައެވެ.

ރާއްޖެ ޤައުމީ ފެންވަރުގައި ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ކުރިއަށްދާ "މޯލްޑިވްސް 2.0" ސަމިޓު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ "މޯލްޑިވްސް 2.0"އަކީ ދައުލަތުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ.

ވަޒީރު ވިދާޅުވީ މިހާރު މިއޮތް ނިޒާމަކީ ދައުލަތުގެ އިދާރާތަކަށް ޚިދުމަތް ހޯދަން އަންނަ ރައްޔިތުން އެއް ޚިދުމަތަކަށް އެދި އެކި އިދާރާތަކަށް ދާންޖެހޭ އަދި އެކި ފަހަރުމަތިން ފޯމުތައް އެކި އިދާރާތަކުގެ ޕޯޓަލްތަކަށް އަޕްލޯޑުކުރުމުގެ ނިޒާމެއް ކަމަށެވެ. މީގެ ސަބަބުން ޚިދުމަތް ހޯދަން ދާ މީހާއާ ގުޅުން އޮންނަ ނުވަތަ ދަންނަ މީހުންނާއި ފައިސާއަށް ޚިދުމަތް އަވަސްކޮށްދިނުމުގެ ސަގާފަތެއް ރާއްޖޭގައި ޤާއިމުވެފައިވާކަމަށެވެ. ނަމަވެސް "މޯލްޑިވްސް 2.0"އާއެކު އެސަގާފަތް ބަދަލުވެގެންދާނެކަމަށެވެ. އަދި މިއީ އޯގާތެރި ދައުލަތެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި މިއީ އީވޯޓިންގއަށް ސަރުކާރުން ތައްޔާރުކުރަމުންދާ ނިޒާމެއްކަމަށް ބުނެ އިދިކޮޅު ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވައި ވަޒީރު އިޙްސާންވަނީ އެފަދަ ކަމެއް ހިނގަމުން ނުދާކަމުގެ ޔަގީންކަން ދެއްވާފައެވެ.

"މޯލްޑިވްސް 2.0"ގެ އެއްވެސް މަޤްސަދެއްގައި އަދި ފޮރުވިފައިވެސް އަދި ހާމަކަމާއެކުގައިވެސް އީވޯޓިންގެ އެއްވެސް ވާހަކައެއް ދެކެވިފައެއް ނޯންނާނެ." ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ "މޯލްޑިވްސް 2.0"ގައި ސަރުކާރުން ޤާއިމުކުރާނީ ހާމަކަން ބޮޑު ނިޒާމެއްކަމަށެވެ. މިނިޒާމުގެ ދަށުން އެއްވެސް ފަރުދެއް އަދި ރަށެއް ބާކީނުކޮށް، ޚިދުމަތްދެވޭ ސިސްޓަމްތަކެއް ޤާއިމުކުރެވޭނެކަމަށެވެ. އަދި ދައުލަތުގެ ހުރިހާ އިދާރާއެއް އެއް ވިއުގައަކުން ގުޅިފައިވާ އަދި ތަކުރާރުކޮށް އެއްމަޢުލޫމާތުތަކެއް އިދާރާތަކަށް ހުށައަޅަން ނުޖެހޭނެ ފަދަ ނިޒާމަކަށް މިނިޒާމުވެގެންދާނެކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ. އަދި މިނިޒާމަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ، ސަލާމަތީގޮތުން ވަރުގަދަ ސައިބަރ ނުރައްކަލަށް ކުރިމަތިލެވޭފަދަ ނިޒާމެއްކަމަށާއި އަދި ޒިންމާދާރުކަމާއެކު ނަތީޖާ ނެރެވޭ އަދި ޚަރަދު ކުޑަ ނިޒާމަކަށް މިނިޒާމުވެގެންދާނެކަމުގެ ޔަގީންކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންވަނީ ދެއްވާފައެވެ.