ޚަބަރު

ވަގުތީ ޖަލެއް އެޅުމަށް ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ބިން ހަމަޖައްސައިފި


  • ވަގުތީ ގޮތުން އަޅާ ޖަލަކީ ޕްރީ ފެބްރިކޭޓެޑް ޖަލެއް

  • ގާތްގަނޑަކަށް 8 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭ

ވަގުތީ ޖަލު އެޅުމަށް ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ހުސް ބިން ހަމަޖައްސައިފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ބިމާމެދު ގޮތެއް ނިންމުމަށް މާލެ ސިޓީ ކައުންސިލާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާއި ކަރެކްޝަންސާއެކު މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި މިމަޝްވަރާތަކަށް ފަހު ވަގުތީ ގޮތުން ޖަލެއް އެޅުމަށް އެތަން ކަރެކްޝަންސަށް ދޫކުރުމާއި ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު އިޙްސާން ވިދާޅުވީ، އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ސެންޓްރަލް ޖަލުގެ މަސައްކަތް ނިންމުމަށް ގާތްގަނޑަކަށް 3 އަހަރުވަރު ނަގާނެކަމަށެވެ. އެހެންކަމުން މިހާރު ޖަލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ވަގުތީ ޖަލެއް އެޅުމަށްޓަކައި މިބިން ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. އަދި މިއިމާރާތަކީ ޕްރީ ފެބްރިކޭޓްކޮށް ހަދާ ތަނެއްކަމުން 8 މަސް ދުވަހުގެ ތެރޭގައި މިތަނުގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ގައިދީން ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވިސްނުންފުޅަކީ، މިހާރު އެކި ރަށްރަށުގައި ވަކިވަކިން ހިންގަމުން އަންނަ ޖަލުތައް އެއްކޮށްލައި، މައި އެއް ޖަލަކުން ހުރިހާ ޚިދުމަތްތައް ދެވޭނެ ގޮތަށް ނިޒާމު ބައްޓަންކުރެއްވުންކަމަށް ވަޒީރުވަނީ މީގެކުރިން ވިދާޅުވެފައެވެ. އެއާއެކު ޖަލުތަކުގެ ޚަރަދުތައް ބޮޑުތަނުން ކުޑަކުރެވޭނެކަމަށްވެސްވަނީ ވިދާޅުވެފައެވެ.

އެގޮތުން މިހާރު ގައިދީއެއްގެ ބޮލަކަށް ޖެހޭ 27000 ރުފިޔާ ގާތްގަނޑަކަށް 17000 ރުފިޔާއަށް ކުޑަކުރެވޭނެކަމަށް ސަރުކާރުން އަންދާޒާކުރައްވައެވެ. އަދި ސެންޓްރަލް ޖަލުން ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ފަރުވާއާއި ރިހެބިލިޓޭޝަން ފަރުވާ ދެވޭނެކަމަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.