ބަންގްލަދޭޝްގެ ކުރީގެ ރައީސް ސިއްޙީ ސަބަބުތަކަށްޓަކައި ދަޢުރު ހަމަވުމުގެ ކުރިން އިސްތިޢުފާ ދެއްވުމާ ގުޅިގެން، ވެރިކަންކުރާ ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ، މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރް އެ ޤައުމުގެ އައު ރައީސްކަމުގެ މަޤާމަށް ޤާނޫނުހަދާ މަޖިލީހުން އިންތިޚާބު ކޮށްފިއެވެ.
ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ އުމުރުން 78 އަހަރުގެ އާލަމްގީރް މި މަޤާމަށް އިންތިޚާބުވެވަޑައިގަތީ ބުރާސްފަތި ދުވަހު ޤާނޫނުހަދާ މަޖިލީހުގައި ނެގުނު ވޯޓަކުންނެވެ. މި އިންތިޚާބު އޭނާ ކާމިޔާބު ކުރެއްވީ 255 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ޗެއާމަން އަދި ޖަމާއަތު އިސްލާމީ އިސްވެ އުފައްދާފައިވާ 11 ޕާޓީގެ އިދިކޮޅު އިއްތިިޙާދުގެ ކެންޑިޑޭޓް، ރިޓަޔަރޑް ކާނަލް އޮލީ އަޙްމަދު އަށް ލިބިވަޑައިގަތީ 88 ވޯޓެވެ.
މި ކާމިޔާބީއާ ގުޅިގެން، ދައުލަތުގެ ނިއުސް އޭޖެންސީ ބީއެސްއެސް އަށް ދެއްވި ބަސްދީގަތުމެއްގައި އާލަމްގީރް ވިދާޅުވީ، އޭނާގެ އުއްމީދަކީ ބާކީކުރެވިފައިވާ މުޖުތަމަޢުތަކާއި، މަސައްކަތްތެރިންނާއި، ދުވަހު އުޖޫރައަށް މަސައްކަތްކުރާ މީހުންނަށް އުފާވެރި، ފާގަތި އަދި ލާބަޔާއި މަންފާއަށް އިސްކަންދޭ ދައުލަތެއް ބިނާކުރުން ކަމަށެވެ.
ބަންގްލަދޭޝްގެ ވެރިކަމުގެ ނިޒާމު އޮންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ މައިގަނޑު ގޮތެއްގައި ރަމްޒީ މަޤާމެއް ނަމަވެސް، އެއީ ދައުލަތުގެ އެންމެ މަތީ ވެރިޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ޒިންމާ އަދާކުރައްވާނީ ރައީސެވެ.
އާލަމްގީރް ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވީ، ޑާކާ ޔުނިވަރސިޓީގައި އިޤްތިޞާދީ ދާއިރާއިން ކިޔަވާވިދާޅުވަމުންނެވެ. އެގޮތުން 1969 ވަނަ އަހަރު ޕާކިސްތާނުގެ އަސްކަރީ ވެރިކަމާ ދެކޮޅަށް ހިންގި ޙަރަކާތުގައި ދަރިވަރުންގެ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު، ބީއެންޕީއާ ގުޅިވަޑައިގަތީ 1990 ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. އޭނާ ވަނީ ލޯކަލް ގަވަރމަންޓް ވަޒީރުކަމުގެ އިތުރުން ދަނޑުވެރިކަމާއި، އޭވިއޭޝަން އަދި ފަތުރުވެރިކަމާބެހޭ ވަޒީރުކަން ވެސް ކުރައްވާފައެވެ.
ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާގެ ވެރިކަމުގައި އިދިކޮޅު އިސް ލީޑަރެއްގެ ގޮތުގައި ހުންނަވައި، ސިޔާސީ އެކި ދައުވާތަކުގައި އެތައް ފަހަރަކު އާލަމްގީރް ވަނީ ހައްޔަރުކޮށް، ބަންދުކޮށްފައެވެ.
މި އިންތިޚާބު ބާއްވަން ޖެހުނީ 2023 ވަނަ އަހަރު އަވާމީ ލީގުގެ ވެރިކަމުގައި ރައީސްކަމަށް އިންތިޚާބުވި، އަދި ޙަސީނާގެ އަރިސް ބޭފުޅެއް ކަމަށްވާ މުޙައްމަދު ޝަހާބުއްދީން، އިދިކޮޅު ފަރާތްތަކުގެ ފިއްތުންތަކާ ގުޅިގެންނާއި ސިއްޙީ ޙާލަތު ހުރި ގޮތުން މިދިޔަ ޖުލައި މަހުގެ 24 ގައި އިސްތިޢުފާ ދެއްވުމުންނެވެ. ބަންގްލަދޭޝްގެ ޤާނޫނުއަސާސީ ބުނާގޮތުން ރައީސް އިސްތިޢުފާ ދެއްވާތާ 90 ދުވަހުގެ ތެރޭގައި އައު ރައީސަކު އިންތިޚާބު ކުރަންޖެހެއެވެ.
ޒުވާނުން އިސްވެ 2024 ވަނަ އަހަރު ހިންގި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން ޝެއިޚް ޙަސީނާގެ ސަރުކާރު ވެއްޓި، އޭނާ ވަނީ ޤައުމު ދޫކުރައްވައި އިންޑިއާއަށް ވަޑައިގެންފައެވެ. ނަމަވެސް އަންނަ ޑިސެމްބަރު މަހު އެނބުރި ވަޑައިގަންނަވާނެ ކަމަށް ޙަސީނާ ވަނީ ވިދާޅުވެފައެވެ.
މިދިޔަ ފެބްރުއަރީ 12 ގައި ބޭއްވުނު އާންމު އިންތިޚާބުގައި ބީއެންޕީން ވަނީ ޕާލަމެންޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ހޯދައި، ޠާރިޤް ރަޙްމާންގެ ބޮޑުވަޒީރުކަމުގައި ސަރުކާރު އެކުލަވާލާފައެވެ.