އައިވަރީ ކޯސްޓްގެ ޔާން ޑިއޮމޮންޑަކީ އޭނާ ބޭނުންވެގެން ކުޅުންތެރިން ގެނައި ކުޅުންތެރިއެއް ނޫން ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ޒުވާން ތަރި ޑިއޮމޮންޑް ރެއާލަށް ގެނައީ ޖަރުމަނުގެ އާރުބީ ލައިޕްޒިގަށް 117 މިލިއަން ޑޮލަރު ދީފަ އެވެ. އެއީ ވޯލްޑް ކަޕުގައި އޭނާ ދެއްކޮ މޮޅު ކުޅުމާއެކުގަ އެވެ. އޭނާއާ ބެހޭ ގޮތުން ސުވާލު ކުރުމުން މޮރީނިއޯ ބުނީ ޑިއޮމޮންޑް ގެނައުމަށް އެއްވެސް ވަރަކަށް ކުލަބުގައި އެދިފައި ނުވާނެ ކަމަށެވެ.
"ނޫން. އަހަރެން ނޭދެން އޭނާ ގެންނާކަށް. އެއީ މެނޭޖްމަންޓުގެ ނިންމުމެއް. އެކަމަކު އަހަރެން އޭނާގެ ދެކެ ގަޔާވޭ. އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް،" މޮރީނިއޯ ބުންޏެވެ.
ކޯޗުގެ މި ވާހަކަތަކަށް ފަހު ޑިއޮމޮންޑް ބުނީ މޮރީނިއޯ އަކީ ކޮންމެ ކުޅުންތެރިއަކު ވެސް މަސައްކަތް ކުރަން ބޭނުންވާނެ ކޯޗެއް ކަމަށެވެ.
"އަހަރެން ވަރަށް އުފާވޭ އޭނާއާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމުން. އަހަރެން މިހުރީ އޭނާއަށްޓަކައި މަރުވާން ވެސް ތައްޔާރަށް. އޭނާ އަކީ ކާމިޔާބު ކޯޗެއް. އަދި ކާމިޔާބު ހޯދައިދޭން އެނގޭ ކޯޗެއް،" ނިމިގެންދިޔަ ސީޒަނުގައި ބުންޑެސްލީގާގައި 12 ލަނޑު ޖެހި ޑިއޮމޮންޑް ބުންޏެވެ.
މޮރީނިއޯ ބުނީ ރެއާލް މެޑްރިޑުގެ ކޯޗަކަށް އޭނާ ހުރީ ކޮންމެ ކުޅުންތެރިއަކު ވެސް ކުރިއަށްވުރެ މޮޅު މީހަކަށް ހަދައިދޭން ކަމަށެވެ. އަދި މިހާރު ރެއާލްގައި އޮތް ސްކޮޑަކީ ކާމިޔާބު ހޯދޭ ވަރުގެ ކުޅުންތެރިން ތިބި ސްކޮޑެއް ކަމަށެވެ.
ރެއާލްގެ ކޯޗު ކަމަށް މޮރީނިއޯ ގެނައީ ޖެހިޖެހިގެން ދެ ސީޒަނުގައި ތަށްޓެއް ނުލިބި ދިއުމުންނެވެ.