މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 18،400އަށްވުރެ ގިނަ ޓަނުގެ މުދާ އުފުލާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު، އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނި އެމްއޭސީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ 2ވަނަ ކުއާޓަރުގެ ތެރޭގައި އެއެއާޕޯޓުން ވަނީ 18،457 ޓަނުގެ މުދާ އުފުލާފައެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެއެއާޕޯޓުން އުފުލި މުދާގެ އަދަދާ އަޅާ ބަލާއިރު 2 އިންސައްތަ އިތުރު އަދަދެކެވެ.
2ވަނަ ކުއާޓަރުގެ ތެރޭގައި ވެލާނާ އެއާޕޯޓުން އެންމެ ގިނަ އަދަދަކަށް އުފުލާފައިވަނީ އިންބައުންޑް ނުވަތަ ރާއްޖެއަށް އެތެރެކުރި މުދާއެވެ. އެއީ މުޅި ޖުމުލަ 13،542 ޓަނުގެ މުދާއެވެ. އަދި މި މުއްދަތުގެ ތެރޭގައި އައުޓްބައުންޑް ނުވަތަ ރާއްޖެއިން ބޭރަށް ފޮނުވި 4،915 ޓަނުގެ ކާގޯވެސް އުފުލާފައިވާ ކަމަށް އެމްއޭސީއެލުން ފާހަގަކުރެއެވެ.
Velana in Numbers
— Velana Airport (@VelanaAirport) August 20, 2026
Cargo
Q2 - 2026 pic.twitter.com/IHeeKS9p15
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ 2ވަނަ ކުއާޓަރުގައި އެއެއާޕޯޓުން ވަނީ 3،650 ޓަނުގެ ޓްރާންޝިޕްމެންޓް މުދާވެސް އުފުލާފައެވެ. މިއީ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު 26 އިންސައްތައިިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި އެއަރ-ޓު-އެއަރ މެދުވެރިކޮށް އުފުލި 3،116 ޓަނުގެ ކާގޯ އަދި ސީ-ޓު-އެއަރ މެދުވެރިކޮށް އުފުލި 534 ޓަނުގެ މުދާ ހިމެނެއެވެ.
މި މުއްދަތުގެ ތެރޭގައި ފްރެއިޓަރ މޫމެންޓުވެސް ވަނީ އޭގެ ކުރީ ކުއާޓަރާއި އަޅާ ބަލާއިރު 12 އިންސައްތަ އިތުރުވެ، 94އަށް އަރާފައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މުދާ ޚިދުމަތް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަޞައްވުރެކެވެ. އެގޮތުން މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ މެދުތެރޭ އައު މުދާ ޓާމިނަލުގެ ޚިދުމަތް ފަށާފައިވާއިރު، މިހާރު އެތަނުގެ ކެޕޭސިޓީއަކީ 120،000 ޓަނެވެ. ސަރުކާރުގެ އަމާޒަކީ އެތަނުގެ ޚިދުމަތް ފުޅާކޮށް 300،000 ޓަނަށް ހޭންޑްލިން ކެޕޭސިޓީ އިތުރުކުރުމެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާގޯ ޚިދުމަތް ފުޅާކޮށްފައިވާއިރު އެމްޕީއެލްއާއި އެމްއޭސީއެލް ގުޅިގެން ދަނީ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ދެމުންނެވެ. މި ޚިދުމަތާއި 11 އެއަރލައިން ގުޅިފައިވާއިރު، 3 ޤައުމަކުން މިހާރު މުދާ އެތެރެކޮށް ވައިގެ މަގުން ދަނީ އެކްސްޕޯޓް ކުރަމުންނެވެ.