ނޭޝަނަލް ޑިޒާސްޓަރ މޭނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭ އިން ހއ. ކެލާގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމާއި ކުއްލި ހާލަތުގައި ހަރަކާތްތެރިވާނޭ މީހުން ތަމްރީން ކުރުމަށް މަސައްކަތު ބައްދަލުވުންތަކެއް ބާއްވައިފިއެވެ.
މިމަހުގެ 16 އިން 20 އަށް ކުރިއަށް ގެންދިޔަ މި ބައްދަލުވުންތަކުގައި ކެލާ ކައުންސިލާއި ރަށުގައި ހިމެނޭ ހުރިހާ މުއައްސަސާތަކާއި އާންމު ރައްޔިތުންގެ ތެރެއިން ބޭފުޅުން ރަށުގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭ އެކުލަވާލުމުގައި ބައިވެރިވި ކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ.
މަސައްކަތު ބައްދަލުވުމުގެ ފުރަތަމަ 3 ދުވަސް ހާއްސަކުރީ ރަށުގެ ޑިޒާސްޓަރ މޭނޭޖްމަންޓް ޕްލޭ އެކުލަވާލުމަށެވެ. އެގޮތުން ރަށަށް މިހާރު ދިމާވާ އަރައްކާތަކާއި، އެކަމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަނެ، ކާރިސީ ހިރާސް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް އެ އޮތޯރިޓީއިން ވިދާޅުވިއެވެ.
ފަހު 2 ދުވަސް ހާއްސަކުރީ، ކެލާގައި ކުއްލި ހާލަތުގައި ހަރަކާތްތެރިވާނޭ މީހުން ތަމްރީން ކުރުމަށް ކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ. އަދި ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމްގައިވެސް ރަށުގެ ހުރިހާ މުއައްސަސާތަކުގެ ބޭފުޅުންނާއި އާންމު ރައްޔިތުން ހިމެނޭ ކަމަށް އެ އޮތޯރިޓީއިން ވިދާޅުވިއެވެ. އެގޮތުން ތަމްރީންގެ ފަހު ދުވަހު، އެމަރޖެންސީ ހާލަތެއްގައި މަސައްކަތް ކުރާނެ ގޮތް ދަސްކޮށްދިނުމަށް އެމަރޖެންސީ ރެސްޕޮންސް އެކްސަސައިޒެއްވަނީ ކުރިއަށް ގެންގޮސްފައެވެ.
މަސައްކަތު ބައްދަލުވުން ނިމަވާލެއްވުމަށްފަހު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް އައިޝަތު ސަފޫރާ ވިދާޅުވީ، މި މަަސައްކަތަކީ ރަށްރަށުގެ ކާރިސީ ހިރާސްކުޑަކޮށް، ވިލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިއްމު ބޮޅެއް ކަމަށެވެ.
"މިއީ ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ތަސައްވުރު ހާސިލްކުރުމަށް އެޅިގެން ދިޔަ އިތުރު އިންވެސްޓްމަންޓް ބޮޅެއް. އުއްމީދަކީ ހުރިހާ ރަށެއްގެ މުއައްސަސާތަކާ ގުޅިގެން މި މަސައްކަތް ރަށްރަށުގައި ކުރިއަށް ގެންދިއުން". ސްޓޭޓް މިނިސްޓަރ ސަފޫރާ ވިދާޅުވިއެވެ.
މަސައްކަތު ބައްދަލުވުމުގައި ކައުންސިލްގެ ބޭފުޅުންނާއި ރަށުގައި ހިމެނޭ މުއައްސަސާތަކާއި އެކި ދާއިރާތަކުން 30 ވުރެ ގިނަ ބޭފުޅުން ބައިވެރިވިއެވެ. އަދި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ ޔޫއެންޑީޕީއާއި ޔުނިސެފްގެ އެހީތެރިކަމާއެކު ކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ.
ހއ. ކެލާގައި ކުރިއަށްދިޔަ މި ތަމްރީނަށްފަހު އިތުރު ރަށްރަށުގައި ވެސް މި ތަމްރީން ކުރިއަށް ގެންދިއުމުގެ މަސައްކަތް އެންޑީއެމްއޭއިން ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.
ރަށުގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމާއި، ކުއްލި ހާލަތުގައި ހަރަކާތްތެރިވާނޭ މީހުން ތަމްރީންކުރުމަކީ ރަށު ފެންވަރުގައި ވިލުންތެރިކަން އިތުރުކޮށް، ކާރިސާތަކަށް ތައްޔާރުވެ، އަދި ހޭލުންތެރި މަޖުތަމައެއް ބިނާކުރުމަށް ރަށު ފެންވަރުގައި އެންޑީއެމްއޭ އިން ކުރިއަށް ގެންދާ ކޮމިއުނިޓީ ރެސިލިއަންސް ބިލްޑިންގ، ސީބީއާރުބީ ޕްރޮގްރާމްގައި ހިމެނޭ މުހިއްމު ތަމްރީނެކެވެ.