ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢު ރާވާފައިވާގޮތަށް، ކުރިއަށްގެންދަވާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫޢު ކުރިއަށްގެންދިއުމަށް ދިމާވާ ދަތިތައް ހާމަކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ.
ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގައެވެ. އެހެންނަމަވެސް މިމަސައްކަތް ކުރިއަށްނުގޮސް ދިގުލައިގެންވަނީ ގޮސްފައެވެ. މިމަސައްކަތް ލަސްވާ މައިގަނޑު ސަބަބަކީ އެއަރޕޯޓުގައި ތަރައްޤީކުރާ މައި މަގު ހެދުމަށް އެ ސަރަހައްދުގެ ބައެއް ތަންތަން ހުސްނުކުރުމެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫޢުގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ ޢިމާރާތެއް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ހުސްނުކުރެވުމުގެ ސަބަބުން އެބިން ކޮންޓްރެކްޓަރާއި ހަވާލުނުކުރެވި މަސައްކަތް ލަސްވަމުންދާކަމަށެވެ.
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ ޢިމާރާތެއް ހުސްނުކުރެވި އެ ބިން ކޮންޓްކްޓަރާއި ޙަވާލުނުކުރެވުމުގެ ސަބަބުން ޕްރޮޖެކްޓް ނިންމަންޖެހޭ މުއްދަތަށް ނިންމުމަށް ދަތިވެ، އޭގެ ސަބަބުން ކޮންޓްރެކްޓަރަށް…
— Abdulla Muththalib (@muththo) April 7, 2025
އަދި ޢިމާރާތް ހުރި ބިން މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ހުސްކުރެވިއްޖެނަމަ އެމަސައްކަތް މިހާރުވެސް މަޝްރޫޢު ރާވާފައިވާގޮތަށް ކުރިއަށްދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެގޮތަށް އެބިން ހުސްނުކުރެވިއްޖެނަމަ، ބިން ހުސްކުރެވުނުހާ އަވަހަކަށް ވަކި މަޝްރޫޢެއްގޮތަށް އެމަގުގެ މަސައްކަތް ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން ވަޒީރުވަނީ ދެއްވާފައެވެ.
ވަޒީރު ވިދާޅުވީ މިގޮތަށް ނިންމަންޖެހުނީ، މިމަޝްރޫޢަކީ ވަކި މުއްދަތަކަށް ނިންމަންޖެހޭ މަޝްރޫޢުއެއްކަމުން އެމުއްދަތުގެ ތެރޭގައި މަސައްކަތް ނުނިމޭނަމަ ދައުލަތަށް މާލީ ގެއްލުންވާނެތީކަމަށެވެ. އެހެންކަމުން އެއިމާރާތް ހިމެނޭ ސަރަޙައްދުގެ މަގު ހެދުމުގެ ބައި ޕްރޮޖެކްޓުން އުނިކުރުމަށް ނިންމާ އެކަން ކޮންޓްރެކްޓަރަށް އެނގުމަށް، އެއަރޕޯޓު ހިންގަމުން އަންނަ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެބިމުގައި ހުރި އީކުއޭޓަރ ވިލެޖްގެ ވެރިފަރާތުން އެބިން ހުސްކުރުމަށް ދެކޮޅު ހަދަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ
ވަޒީރު ވަނީ މިހާރުކުރަމުންދާ މަސައްކަތުން މިމަޝްރޫޢުގެ މަސައްކަތް ރާވާފައިވާގޮތަށް ކުރިއަށްގޮސް ނިންމާލެވޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް ވިދާޅުވެފައެވެ.
އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކޮށްގެންނެވެ. މިމަޝްރޫޢު ހަވާލުކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހާއި ހަމައަށް މަސައްކަތް ނިންމާ ހަވާލުކުރާގޮތަށެވެ. އެހެންނަމަވެސް އައްޑޫ އެއަރޕޯޓުގެ މަސައްކަތުގެ ތެރެއިން ވަށައިގެންވާ ރިންގް ރޯޑުގެ މަސައްކަތާއި ޓަރމިނަލްގެ މަސައްކަތް އަދި ނުނިމެއެވެ. މިއީ އިންޑިއާ އެގްޒިމް ބެންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިއީ 28.5 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.