ޚަބަރު

4 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ހެދުމަށް ބަޔަކާއި ޙަވާލުކޮށްފި


  • ކުނި ކޮށި އަޅަން ހަމަޖެހިފައިވާ 4 ރަށަކީ ހިމަންދޫ، ފެރިދޫ، ތޮއްޑޫ އަދި ކާށިދޫ

  • މި މަސައްކަތް ޙަވާލުކޮށްފައިވަނީ ސަނީލޭންޑް އިންވެސްޓްމަންޓާ

4 ރަށެއްގައި ކުނިމެނޭޖްކުރާ މަރުކަޒުތައް ހެދުމަށް ބަޔަކާއި ޙަވާލުކޮށްފިއެވެ. ތިމާވެއްޓާބެހޭ ވުޒާރާއިން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ސަނީލޭންޑް އިންވެސްޓްމަންޓާއެވެ.

ރަށު ފެންވަރުގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމަށް ޙަވާލުކުރި 4 ރަށަކީ އއ. ހިމަންދޫ، އއ. ފެރިދޫ، އއ. ތޮއްޑޫ އަދި ކ. ކާށިދޫ އެވެ. މިއީ އެ ވުޒާރާއިން ކުރިއަށްގެންދާ ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ޒޯން 3 ގެ ރަށްތަކުގެ ތެރޭގައި ހިމެނޭ 4 ރަށެއެވެ.

މިކަމާގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެރަށަކަށް އެކަށޭނެ ކުނި މެނޭޖްކުރާނެ ނިޒާމެއް ޤާއިމްކޮށްދިނުންކަމަށެވެ. އެގޮތުން މިހާރު ކުރަމުން މިދަނީ އެ މަސައްކަތްކަމަށައި އަދިވެސް އިތުރު ރަށްތަކުގައި ކުނި މެނޭޖްކުރާ މަރުކަޒުތައް އެޅުމަށް ޙަވާލުކުރެވިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ލަސްނުކޮށް ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތައް ރަށްރަށަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އަދި މިހާރުވެސް ބައެއް ރަށްރަށަށް އާލަތްތައް ފޯރުކޮށްދީފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ޤާއިމްކުރުން. ޤަބޫލްކުރަން ކުންފުނިތަކުން ލަސްނުކޮށް ސައިޓް ހަވާލުކުރުމުން މަސައްކަތް ފަށާނެކަމަށް." ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވަނީ ކުނިމެނޭޖްކުރާ މަރުކަޒުތައް ޤާއިމްކުރާ ރަށްރަށުގެ ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިލައްވާފައެވެ.

ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި، އެހެނިހެން ބޭރުގެ އެހީދޭ ފަރާތްތަކުގެ ހިލޭ އެހީއާއި ލޯނުއެހީ ހިމެނޭ ގޮތަށް އެ ވުޒާރާއިން ހިންގާ ޕްރޮޖެކްޓެކެވެ.

މިޕްރޮޖެކްޓްގެ މައިގަނޑު މަޤްޞަދަކީ ޒޯން 3 (ކ. އއ. އދ. އަދި ވ.އަތޮޅު) ގެ ރަށްތަކުގައި ދެމެހެއްޓެނިވި އަދި ވަށާޖެހޭ އުސޫލަކުން ކުންޏާއި ވަސީލަތްތައް މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުމެވެ.