ހދ. ހިރިމަރަދޫގެ ރައްޔިތުން އެއަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްވަރާތައް ވަރަށް ކާމިޔާބުކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.ވަޒީރު ވަނީ ހދ. ހަނިމާދޫއަށް ވަޑައިގެން އެރަށު ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ.
ހދ. ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި އެކަމުގެ މަޝްވަރާތައް ފަށްޓަވައި، ސަރުކާރުން މިހާރު ވަނީ ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވާފައެވެ.
މިކަމާއި ގުޅޭގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ހދ. ހިރިމަރަދޫ ރައްޔިތުން އެދުނުގޮތަށް، އެރަށުގެ ރައްޔިތުން އެއަތޮޅު ހަނިމާދޫއަށް ބަދަލުކުރުމުގެ މަޝްވަރާތައް ފެށި، އެ ދެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައިވާކަމަށެވެ. އަދި މި ބައްދަލުކުރެއްވުމުން ދެ ރަށުގެ ރައްޔިތުންގެވެސް ފުރިހަމަ އެއްބާރުލުން ލިބިފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ހދ. ހިރިމަރަދޫގެ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލު ކުރުމުގެ މަޝްވަރާތައް މިވަނީ ފެށިފައި.
— Adam Shareef Umar (@Adamshareefz) February 28, 2025
ހދ. ހިރިމަރަދޫއާއި ހދ. ހަނިމާދޫ ކައުންސިލާއި ރައްޔިތުންނާ މިވަނީ ބައްދަލު ކުރެވިފައި. ހުރިހާ ބައްދަލުވުންތައް ވެސް ވަރަށް ކާމިޔާބު.
ހިރިމަރަދޫގެ ރައްޔިތުން ތިބީ ކެތް މަދުވެފައި.… pic.twitter.com/1CnogobqT7
ވަޒީރުގެ ދަތުރުފުޅުގައި ހދ. ހަނިމާދޫއަށް ވަޑައިގެން އެރަށު ކައުންސިލާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ. މިބައްދަލުވުމުގައި ހަނިމާދޫ ކައުންސިލުން ވަނީ ހަނިމާދޫގައި ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރުމާ ބެހޭގޮތުން ވަޒީރާއެކު މަޝްވަރާކުރައްވާފައެވެ. ހިރިމަރަދޫ ކައުންސިލްގެ މެންބަރުންގެ އިތުރުން އެރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވެއެވެ.
ވަޒީރުގެ މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ހިރިމަރަދޫ ރައްޔިތުން އެހެންރަށަކަށް ބަދަލުކުރާ އިރު، އެރަށުގެ ރައްޔިތުންގެ ވިސްނުމާއި ޚިޔާލު ވީހާވެސް ސާފުކޮށް އެނގި، ގާތުން އެ ރަށުގެ ރައްޔިތުންނާ މަޝްވަރާކުރެއްވުމެވެ.
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ރަސްމީ ދަތުރުފުޅެއްގައި ހދ. ހަނިމާދޫއަށް ވަޑައިގެން އެރަށު ކައުންސިލާ ބައްދަލުކުރައްވައިފި. ހަނިމާދޫ ކައުންސިލްގެ އިދާރާގައި މިއަދު ބޭއްވުނު މި ބައްދަލުވުމަކީ ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރެއްވުމާ ބެހޭގޮތުން ހަނިމާދޫ ކައުންސިލާ… pic.twitter.com/XkPahcT3vC
— Ministry of Cities, Local Government, Public Works (@MoCLPmv) February 28, 2025
ހދ. ހިރިމަރަދޫގައި އާބާދީ ކުޑަވުމުގެ ސަބަބުން ރަށަށް އެކަށީގެންވާ ތަރައްޤީ ނުލިބެއެވެ. ރަށުގައި އާބާދީގައި 500 އެއްހާ މީހުން ތިބިއިރު އޭގެ ތެރެއިން ބޮޑު އިންސައްތައެއް މިހާރުވެސް ދިރިއުޅެނީ ރަށުން ބޭރުގައެވެ. އެ ރަށުގައި މިހާރު ދިރިއުޅޭ އެންމެންގެވެސް އެދުމަކީ ރައްޔިތުންގެ ތަރައްޤީއާއި ހިތްހަމަޖެހުމަށް ރަށުގެ އާބާދީ، އާބާދީ ބޮޑު އެހެން ރަށަކަށް ބަދަލުކޮށްދިނުމެވެ.
ރަށުގައި ދިރިއުޅޭ އާބާދީ ކުޑަވުމުގެ ސަބަބުން ހިރިމަރަދޫގެ ކުދިބޮޑު އެންމެން އެކަމާ ކަންބޮޑުވެއެވެ. ރަށުގައި ޒުވާން އާބާދީއަށްވުރެ ދޮށީ އުމުރުގެ މީހުންގެ އާބާދީ ދަނީ އިތުރުވަމުންނެވެ. ރަށުގެ އެކި ކަންކަމުގައި ބިދޭސީންނަށް ބަރޯސާވާންޖެހޭ ހާލަތަށް ރަށުގެ ކަންކަން ވަނީ ގޮސްފައެވެ. މިއީ ރަށުގައި ދިރިއުޅޭ ދޮށީ އުމުރުގެ ރައްޔިތުން އެކަމާ ނުހަނު ކަންބޮޑުވާ ކަމެކެވެ.
ރަށުގެ ރައްޔިތުން އެދެނީ ވީހާވެސް އަވަހަށް ރަށުގެ އާބާދީ ބަދަލުކޮށްދިނުމަށެވެ. މީގެ ސަބަބުން އެކި ގޮތްގޮތުން ރަށުގެ ރައްޔިތުންނަށް ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ހިރިމަރަދޫގެ ރައްޔިތުން ދެކެއެވެ.