އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރުގެ ނަން އިންފޮމޭޝަން ކޮމިޝަނަރަކަށް ޢައްޔަންކުރުމަށް ފޮނުވާފައިވަނީ، މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދުގެ މަޤާމުގެ މުއްދަތު އަންނަ މަހަށް ހަމަވާތީއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމެވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވަވާފައެވެ. އަދި އެ މައްސަލަ ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވެއެވެ.
ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު އުފެދުމަށް ފަހު އެންމެ ފުރަތަމަ އިންފޮމޭޝަން ކަމިޝަނަރަކަށް ޢައްޔަންކުރެއްވި ބޭފުޅާއެވެ. އެ މަޤާމަށް އޭނާ ޢައްޔަންކުރެއްވީ 22 ޖުލައި 2014 ގައެވެ. އެ މަޤާމުގައި އޭނާ ހުންނެވީ 22 ޖުލައި، 2019އާ ހަމައަށެވެ.
ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް އަދާކުރެއްވުމުގެ އިތުރުން، ބަހުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިވަގުތު ހުންނެވީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގައެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ބޭފުޅެކެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި 2014 ގައި އުފައްދަވާފައިވާ އޮފީހެކެވެ.