ސޫރިޔާގެ ދެކުނުގައިވާ ރަށަކަށް ޔަހޫދީ ފައުޖުން ނިރުބަވެރި ހަމަލާތަކެއްދީ، ޢާންމުންގެ ބަޔަކު ޒަޚަމުކޮށްލައިފިއެވެ. ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ، ޔަހޫދީ ފައުޖުގެ ހަމަލާ އަމާޒުކޮށްފައި ވަނީ ވެރިރަށް ދިމިޝްޤުގެ ރަށްބޭރުގައި އޮތް ބެޔިތު ޖިންނަ އަވަށުގައި ދަތުރު ކުރަމުންދިޔަ ކާރަކަށް ކަމުގައެވެ. އޭގައި ތިބީ ޢާންމުން ކަމަށާއި، މި ހާދިސާގައި ޢާންމުންގެ ބަޔަކު ޒަޚަމުވި ކަމުގައި އެ ވުޒާރާއިން ބުނެއެވެ. ސޫރިޔާގެ ދައުލަތުގެ މީޑިއާއިން ބުނީ، މި ހަމަލާގައި ޒަޚަމުވެފައި ވަނީ އެކަކަށް ކަމުގައެވެ.
ހަމަލާތައް އަމާޒުކޮށްފައި ވަނީ "ނިރުބަވެރިއެއްގެ" ފުށުން ޔަހޫދީ ސިފައިންގެ ފުރާނައަށް ނުރައްކާވުމާ ގުޅިގެން ކަމުގައި ޔަހޫދީން ބުނި ނަމަވެސް، ހަމަލާ އަމާޒުކޮށްފައި ވަނީ ޢާންމު ރައްޔިތުންނަށް ކަން ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ކަށަވަރު ކޮށްދެއެވެ. އެ މީހުންނަށް ހަމަލާދިނުމަށް ޔަހޫދީ ސިފައިން ބޭނުންކޮށްފައި ވަނީ ކޮން ބާވަތެއްގެ ހަތިޔާރެއް ކަން ސާފެއް ނޫނެވެ. ހުސްވި ހަފުތާގައި ޔަހޫދީ ފައުޖުން ސޫރިޔާގެ ހުޅަނގުއުތުރުގައި އޮންނަ އަސްކަރީ ވައިގެ ބަނދަރަކަށް ހަމަލާދިނުމާ ގުޅިގެން މަސްރަޙު ވަނީ ހޫނުވެފައެވެ. މި ކަމާމެދު އެމެރިކާއިން ސޫރިޔާއަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު، ޓޮމް ބަރާކް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި، އެ ހަމަލާއަކީ "ބޭނުމެއް ނެތް" ހަމަލާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ސޫރިޔާގެ ސިޔާދަތަށް އަރައިގަތުމުގެ ނަތީޖާއަށް ޔަހޫދީން ޒިންމާވާން ޖެހޭނެ ކަމުގައި ބުނެ، ސޫރިިޔާގެ ޚާރިޖީ ވުޒާރާއިން ވަނީ އިންޒާރު ދީފައެވެ. ސޫރިޔާގެ ދެކުނުގެ ބައެއް ސަރަޙައްދުތައް އަދިވެސް އޮތީ ޔަހޫދީންގެ ނިރުބަވެރި ސިފައިން އަތްދަށުގައެވެ. އެ މީހުން ސޫރިޔާގެ ދެކުނަށް އަރައިގަނެ، ހުޅަނގުދެކުނުގެ ބައެއް ބިންތައް ފޭރިގަނެފައި ވަނީ، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ވައްޓައިލުމާ ގުޅިގެންނެވެ.