ޚަބަރު

އެސްއީޒެޑްގެ ފުރަތަމަ ހުއްދަ، ފްލޯޓިން ސޯލާ ޕެނަލް މަޝްރޫއަށް ދީފި


  • މި ހުއްދަ ދޫކޮށްފައިވަނީ ކެނެޑާގެ އެބްރަކްސަސް ޕަަވަ ކޯޕަރޭޝަން ކުންފުންޏަށް

  • މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓަކީ 187 މިލިއަން ޑޮލަރު

ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑް ގާނޫނުގެ ދަށުން ހިންގާ ފުރަތަަމަ މަޝްރޫޢު، ފްލޯޓިން ސޯލާ ޕެނަލް ހަރުކުރުމުގެ ބިޔަ މަޝްރޫއަށް ހުއްދަ ދީފިއެވެ.

އަވިން 100 މެގަވޮޓުގެ ކަރަންޓު އުފައްދައި ނޭޝަނަލް ގްރިޑަށް ފޯރުކޮށްދިނުމަށް މާލެ އަތޮޅުގެ ފަޅެއްގައި ޕްލޯޓިން ސޯލާ ޕްރޮޖެކްޓެއް ހިންގުމަށް މި ޕާމިޓް ދޫކޮށްފައިވަނީ ކެނެޑާގެ އެބްރަކްސަސް ޕަަވަ ކޯޕަރޭޝަން ކުންފުންޏަށެވެ. މިމަޝްރޫއު ހިންގުމުގެ ފުރަތަަމަ މަރުހަލާގެ ހުއްދަ އެ ކުންފުންޏަށް އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ދީފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެ ޕްރޮޖެކްޓުގެ ޓެކްނިކަލް ޕާޓްނަރަކީ ސަންގްރޯ ޕަވަ ސަޕްލައި ކޯއެވެ.

އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ މި އަހަރުގެ އޭޕްރިލް މަހުގެ ކުރިން މި ޕްރޮޖެކްޓް މޮބިލައިޒްކޮށް، 2027 ވަނަ އަހަރަށް ނިންމާލެވޭނެކަމަށެވެ. މި މަޝްރޫޢުގައި އަވިން ހަކަތަ އުފައްދާ ނިޒާމު ބެހެއްޓުމާއި ބެޓެރި ސިސްޓަމް އަދި މި ނިޒާމު ރަށްތަކާ ގުޅާލުމަށް ބޭނުންވާ އިންޓަކަނެޝަން ވިއުގަ ޤާއިމުކުރާނެއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކޮށް އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލްވުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮޖެކްޓް ސޯލާ ސިޓީ ތަރައްގީކުރުމަށް މަގު ފަހިވެގެން ދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ. އިޔާދަކުރަނިވި ހަކަތައިގެ ކޮމްޕޯނެންޓަށް ކުރާ 100 މިލިއަން ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމަންޓަކާއެކު، މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓަކީ 187 މިލިއަން ޑޮލަރެވެ.

ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ %33 އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ. މީގެ ސަބަބުން ކޮންމެ އަހަރަކު ތެލަށް ކުރާ ހަރަދުން 42 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށް ވަނީ ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ.