ކެންސަރަށް ފަރުވާ ހޯދަމުންދާ މީހަކަށް އެންސްޕާއިން އެހީ ހަމަޖައްސައި ނުދެއްވިކަމަށް ބުނެ ދެކެވޭ ވާހަކަތައް އެންސްޕާއިން ދޮގުކޮށްފިއެވެ.
ކެންސަރަށް ފަރުވާ ފަރާތަކަށް އެންސްޕާއިން އެހީ ހަމަޖައްސައިނުދިންކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތައް ދޮގުކޮށް އެންސްޕާއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ އެހީއަށް އެދުނު ފަރާތުން، އެކަމަށް އެދި ހުށަހެޅި ކޮންމެ ފަހަރަކުވެސް އެހީ ހަމަޖައްސާދީފައިވާނެކަމަށެވެ. އެގޮތުން ކެންސަރަށް ފަރުވާ ހޯދަމުންދާ މީހާ އާސަންދަ އަދި ވެލްފެއަރ އެހީއަށް އެދި ހުށައެޅީ 9 ފަހަރުކަމަށާއި އެ ހުރިހާ ފަހަރަކުވެސް އެހީ ހަމަޖައްސާދީފައިވާކަމަށް އެންސްޕާއިން ވިދާޅުވެއެވެ. އެގޮތުން އެ މީހާ އެހީއަށް ފުރަތަމަ ފަހަރަށް ހުށައަޅާފައިވަނީ 2023 ވަނަ އަހަރުކަމަށާއި، އަދި އެންމެފަހުން އެހީ ހަމަޖައްސާދީފައިވަނީ މިދިޔަމަހުކަމަށްވެސް އެންސްޕާއިން ވިދާޅުވެއެވެ.
އެންސްޕާއިން ބުނީ އެހީއަށް އެދުނު ފަހަރުތަކުގައި ވެލްފެއަރ ކޭސްގެ ދަށުން ފައިސާ ހަމަޖައްސައިދިނުމުގެ އިތުރުން ޓިކެޓް ފައިސާވެސް ދެއްވާފައިވާކަމަށެވެ.
އެންސްޕާއިން ވިދާޅުވީ އަމިއްލައަށް ނެގި ޓިކެޓުގެ ރިއިމްބާސްމަންޓުގެ ގޮތުގައި ދެވުނު ފައިސާ ފިޔަވައި ކޮންމެ ފަހަރަކުވެސް ފައިސާގެ އެހީގެ ގޮތުގައި ދީފައިވަނީ 200 ޑޮލަރާއި 250 ޑޮލަރަށްވާ ދިވެހި ރުފިޔާކަމަށެވެ. އެހެންނަމަވެސް ކުރީ ސަރުކާރުކާރުގައި ބަލިމީހާއަށް އެހީގެ ގޮތުގައި 1000 ޑޮލަރު ދިންކަމަށް ބުނުމުގެ ސަބަބުން އެންސްޕާއިން ވަނީ އެކަން ބަލާފައެވެ. އެގޮތުން އެކަމާބެހޭގޮތުން އޮޅުން ފިލުވުމުން ކޭސް އަވަސްކުރުމުގެ ގޮތުން އޭރު އާސަންދަ ހިންގެވުމަށް ހުންނެވި އިސްބޭފުޅާއަށް ގުޅުމުން އެކަން ހަމަޖައްސާދީ، ފައިސާ ލިބުނުކަމަށް ގަނޑެއްގައި ސޮއިކުރިކަމަށް އެމީހާ އެއްބަސްވެފައިވާކަމަށް އެންސްޕާއިން ބުނެއެވެ.
ނަމަވެސް އޭރު ދިންކަމަށް ބުނާ 1000 ޑޮލަރު ދީފައިވާކަަން އެއްވެސް ލިޔުމަކުން އަދި ސިސްޓަމަކުންވެސް ފެންނާކަށް ނެތްކަމަށްވެސް އެންސްޕާގެ ބަޔާނުގައިވެއެވެ. އެހެންކަމުން އެއްވެސް ލިޔެލިޔުމަކުން ފެންނަން ނެތް ފައިސާއެއް ދޫކޮށްފައިވާކަމަށްވާނަމަ އެއީ އެހީ ހަމަޖައްސައިދެވޭ އުޞޫލާއި މިންގަނޑުތަކާ ޚިލާފުކަމެއްކަންވެސް އެންސްޕާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.