ޚަބަރު

އެންސްޕާއިން ކުއްޔަށް ނެގި އޮފީސް އިމާރާތް ދޫކޮށްލުމަށް ނިންމައިފި


  • މި މުޢަމާލާތައި ގުޅިގެން ހަޤީޤަތާއި ޚިލާފު އެތައް ވާހަކައެއް މީޑިއާތަކުން ދައްކާކަމަށް އެންސްޕާއިން ވިދާޅުވޭ

  • އެއްބަސްވުން ނިމުމަކަށް ގެނައުމުގެ އިޖުރާޢީ މަސައްކަތް ދަނީ ކުރަމުން

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ ހިންގުމަށް ތަނެއް ކުއްޔަށް ނެގުމަށް ހެދި އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެ އެޖެންސީން ނިންމައިފިއެވެ.

މި އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމެވީ އެތަން އެންސްޕާއިން ކުއްޔަށް ދިން ކުންފުނީގެ އެދުމުގެ މަތީންކަމަށް އެންސްޕާއިން ވިދާޅުވެއެވެ.

އެންސްޕާ ހިންގުމަށް ކުއްޔަން ތަނެއް ނެގުމަށް ނިންމީ އެއިދާރާ ހިންގަމުން އައި "މޫކައި ސުއިޓްސް" އިމާރާތް މަރާމާތުކުރުމަށް ހުސްކުރުމަށް އެންގުމުންނެވެ. މިކަމާއި ގުޅިގެން އެންސްޕާ ހިންގާނެ ތަނެއް ހޯދުމަށް މާލީ ވުޒާރާގެ ހުޅުވިފައިވާ ބީލަމުގެ ދަށުން، ކަނޑައެޅިފައިވާ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން މޯލްޑިވްސް މީޑީއާ ހައުސް ނަމަކަށް ކިޔާ ކުންފުންޏެއްގެ ތަނެއް ކުއްޔަން ހިފުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް އެންސްޕާއިން ވިދާޅުވިއެވެ.

ނަމަވެސް މިމުޢާމަލާތާއި ގުޅިގެން މޯލްޑިވްސް މީޑީއާ ހައުސްގެ އަގުވައްޓާލައި ހަޤީޤަތާއި ޚިލާފު އެތަކެއް ވާހަކަތަކެއް ދައްކަމުން ދިއުމުން އެކުންފުނިން އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެދިފައިވާކަމަށް އެންސްޕާއިން ވިދާޅުވެއެވެ. އަދި އެގޮތަށް ނިންމެވީ އެކުންފުންޏަށް މާއްދީގޮތުންނާއި މަޢުނަވީ ގޮތުން ލިބުނު ގެއްލުމުގެ ސަބަބުންކަމަށްވެސް އެންސްޕާއިން ވިދާޅުވެއެވެ.

އެހެންކަމުން އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމާ، މާލީ ވުޒާރާއާއެކު އެކަމާއި ގުޅޭ އިޖުރާޢަތްތަކުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެންސްޕާއިން ވިދާޅުވިއެވެ.

އެންސްޕާ ހިންގުމަށް އިމާރާތެއް ހޯދުމުގެ މުއާމަލާތަކީ، އެކަން ކުރުމަށް ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން މާލީ ވުޒާރާއާއެކު ކުރެވިފައިވާ މުއާމަލާތެއް ކަމަށް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި އެހެން އެއްވެސް ފަރާތަކާއެކު އެކަމާއި ގުޅޭގޮތުން މުއާމަލާތެއް ކޮށްފައި ނުވާނެކަމަށްވެސް އެންސްޕާއިން ވިދާޅުވިއެވެ.

އެންސްޕާއިން ވަނީ އެ އެޖެންސީއާ ގުޅުވައިގެން ދެކެވޭ ހަގީގަތާ ޚިލާފު ވާހަކަތަކާ ގުޅިގެން ފުރިހަމަ، މިނިވަން ތަހުގީގެއް ހިންގައިދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގައި އެދިފައެވެ. އަދި ތަހުގީގު ނިންމައި، އެކަމާއި ގުޅޭ ރިޕޯޓް އެ އިދާރާއާ ވީހާވެސް އަވަހަކަށް ހިއްސާކުރުމަށްވެސް ވަނީ އެދިފައެވެ.