ޖަޕާނު ސަރުކާރުގެ އެހީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސޯލާ ޕީވީ އަދި އެން.އޭ.އެސް ބެޓަރީ ސްޓޯރޭޖް ވޯޓަރ ޑީސެލިނޭޝަން ޕްލާންޓުގެ ތަންފީޒީ މަސައްކަތްތަކާގުޅޭގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޖަޕާނުގެ ސަފީރު ތަކެއުޗި މިދޯރިއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
ޖަޕާނު ސަރުކާރުގެ އެހީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސޯލާ ޕީވީ އަދި އެން.އޭ.އެސް ބެޓަރީ ސްޓޯރޭޖް ވޯޓަރ ޑީސެލިނޭޝަން ޕްލާންޓުގެ މަޝްރޫޢުގެ ބޭނުމަކީ ރާއްޖޭގެ ފެނުގެ ރައްކާތެރިކަން އިތުރުކުރުމެވެ. މި މަޝްރޫޢުގެ ތަންފީޒީ މަސައްކަތްތައް އަވަހަށް ފެށުމަށް މަސަކަތްކަތްކުރަން އެއްބަސްވާކަމަށާއި، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ފެނުގެ ރައްކާތެރިކަން އިތުރުވެ، ތިމާވެށްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރޭކަމަށް ހަކަތާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.
މި މަޝްރޫޢުއާގެ ތަފްސީލާ ގުޅޭގޮތުން ސަފީރު ތަކެއުޗި މިދޯރި ވިދާޅުވީ މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ޖަޕާނު ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެއް ކަމަށެވެ. އަދި މުސްތަޤުބަލުގައިވެސް މިފަދަ މަޝްރޫޢުތަކުގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ސަފީރު ތަކެއުޗި މިދޯރި ވަނީ ދެއްވާފައެވެ.
މިފަދަ މުހިންމު މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ޖަޕާނު ސަރުކާރުން ދެއްވާ އެހީތެރިކަމަށްޓަކައި ވަޒީރު ޠާރިޤް ވަނީ ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރެއްވާފައެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށްވެސް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއެވެ.
Minister @Thoriqibrahim met with Japanese Ambassador to Maldives H.E. Takeuchi Midori to discuss implementation plans for the Japanese government-supported solar PV and NAS battery storage water desalination plant, aimed at enhancing water security. pic.twitter.com/chRozhshGv
— Min. of Climate Change, Environment and Energy (@MoEnvmv) October 13, 2024
20 ރަށެއްގެ ސޯލާ ޕީވީ ނިޒާމުގައި ހަކަތަ މެނޭޖުކުރާ ނިޒާމު ޤާއިމްކުރަން ޗައިނާގެ ސައިނޯޝޯރ ހައިބުރިޑް ޓެކްނޮލޮޖީއާ ހަވާލުކޮށްފައިވަނީ ޖުލައި މަހުގެތެރޭގައެވެ.
20 ރަށުގެ ސޯލަރ ޕީވީ ނިޒާމުތަކުގައި ހަކަތަ މެނޭޖުކުރާ ނިޒާމު ޤާއިމްކުރުމަށް 1،166،582 އެމެރިކާ ޑޮލަރު ޚަރަދުވާނެކަމަށް ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ފަށާތާ 4 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ޤައުމަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުން އުފައްދާ ކަރަންޓަށް ބަދަލުކުރުމެވެ. މިހާތަނަށް ރާއްޖޭގައި 67.5 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ވަނީ ޤާއިމްކޮށްފައެވެ. މިއީ ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ ގާތްގަނޑަކަށް 6 އިންސައްތައެވެ.