ރާއްޖެއަށް މުޅިން އައު ބާވަތެއްގެ ދަނޑުވެރިކަމެއްކަމަށްވާ އެގްރޯފޮރެސްޓްރީގެ ޕައިލެޓް ޕްރޮޖެކްޓް ގއ.ކޮނޑޭގައި ހިންގަން ނިންމާފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިއީ ރާއްޖެއަށް އައު ބާވަތެއްގެ ދަނޑުވެރިކަމެކެވެ.
އެގްރޯފޮރެސްޓްރީއަކީ ރަށްރަށުގެ ގަސްކަރައިގައި ދިގަށް ހެދޭ ބޮޑެތި ގަސްތައް ކަނޑާނުލާ، އެފަދަ ސަރަހައްދުތަކުގައި ކުރާ ދަނޑުވެރިކަމެވެ. މިއީ ރާއްޖެއަށް މުޅިން އަލަށް އާލާކުރަން މަސައްކަތް ކުރާ ދަނޑުވެރިކަމުގެ ބާވަތެކެވެ.
މިހާރު އާއްމުކޮށް ރާއްޖޭގައި ދަނޑުވެރިކަން ކުރާ ގޮތަކީ، ރަށްރަށުގައި ވައު ހެދިފައި އޮންނަ ސަރަހައްދުތަކުގެ ގަސްތައް މުޅިން ކަނޑާ، ބިން ސާފުކޮށްގެން ކުރާ ދަނޑުވެރިކަމުގެ ބާވަތެވެ.
އެގްރޯފޮރެސްޓްރީއަށް ހޭޅި ނުވަތަ ރަށުގެ ގަސްކަރަ އާލާކުރުމޭވެސް ކިޔައެވެ. މިއީ އެތަނެއްގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓޭނެ ދަނޑުވެރިކަމުގެ ބާވަތެކެވެ.
ރާއްޖޭގައި މިޕްރޮގްރާމްގެ ޕައިލެޓް ޕްރޮޖެކްޓް ހިންގުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ނިންމާފައިވާ ފުރަތަމަ ރަށަކީ ގއ.ކޮނޑޭއެވެ. ކުރިން މިމަސައްކަތް ތ.ކަނޑޫދޫގައިވެސް ކޮންމެވެސް ވަރަކަށް ތަޖުރިބާކުރިނަމަވެސް، ދެމެހެއްޓެނިވިގޮތެއްގައި ގެންދެވޭގޮތެއް ނުވެއެވެ.
ކޮނޑޭގައި އެގްރޯފޮރެސްޓްރީ ޕްރޮގްރާމް ހިންގުމަށް ނިންމާފައިވާއިރު، ބިން ބޮޑެތި ރަށްތަކުގައި ދަނޑުވެރިކަން ކުރިއަރުވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި އެއް ރަށަކީ ގއ.ކޮނޑޭއެވެ. ކޮނޑޭއަކީ 118 ހެކްޓަރުގެ ބޮޑު ރަށެކެވެ. މިފަދަ ރަށްތަކުގައި ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ސިނާޢަތެއްގެ ގޮތުގައި ދަނޑުވެރިކަން ކުރިއެރުވުމަކީ ސަރުކާރުގެ އެއް އަމާޒެވެ.
އެގްރޯފޮރެސްޓްރީ ޕްރޮޖެކްޓްގެ އެއް ބޭނުމަކަށްވަނީ، ރަށްރަށުގެ ބިންތަކުން ތިމާވެއްޓާ ރައްޓެހި ގޮތްތަކުން މަންފާ ހޯދާ، އެތަންތަން ރައްކާތެރިކުރުމެވެ. ކޮނޑޭގައި މިޕްރޮޖެކްޓް ފެށުމަށް ތައްޔާރުވަމުންދާއިރު، އެކަމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ބަޔަކު ހޯދުމަށް މިހާރު ވަނީ ގެޒެޓުގައި އިޢުލާނުކޮށްފައެވެ. ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.
އެގްރޯފޮރެސްޓްރީއަށް އެރަށުން 10000 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސާފައެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ފައްކެޔޮ، ޖަޕާނު ރުއް އަދި ގްރާސްޓެޑް މެންގޯގެ މުޑުވަށް ހޯދުމަށްވެސް ހިމަނާފައެވެ. އަދި ގަސް ކާނާއާއި ގަސްތަކަށް ފެން ދިނުމަށް ބޭނުންވާ ސާމާނު ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ.
އެގްރޯފޮރެސްޓްރީގައި ބަނބުކޭލާއި މިދިލިފަދަ ބޮޑެތިކޮށް ހެދޭ ގަސްތައްވެސް އިންދާނެއެވެ. މިޕްރޮގްރާމްގައި ހައްދާ ގަސްތަކަކީ މާބޮޑު ބެލެހެއްޓުންތަކެއް ބަލަހައްޓަން ނުޖެހި ދިގު މުއްދަތަކަށް ހައްދާ ގަސްގަހުގެ ބާވަތްތަކެވެ.
ކޮނޑޭގައި ޕްރޮގްރާމް ފަށާއިރު ރަށުގެ ރައްޔިތުންނާ ކައުންސިލަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދޭނެއެވެ. އާބާދީގައި 600އެއްހާ މީހުން ހިމެނޭ ކޮނޑޭގައި ދިރިއުޅޭ އާބާދީއަކީ 300 މީހުންނެވެ.
އެރަށުން މިއަހަރު ވަނީ ދަނޑު ހެއްދުމަށް ގިނަ ބިންތަކެއްވެސް ދޫކޮށްފައެވެ.