އުރީދޫގެ އަހަރީ ދުވަހާއި ގުޅުވައި ކަސްޓަމަރުންނަށް އައު ޚިދުމަތްތަކެއް އުރީދޫ އިން ތަޢާރަފްކޮށްފިއެވެ.
އުރީދޫން އަލަށް ތަޢާރަފް ކުރި ޚިދުމަތްތަކާއި ގުޅޭގޮތުން އެކުންފުނިން ބުނީ، އުރީދޫގެ 19 ވަނަ އަހަރީ ދުވަސް އޮގަސްޓް 1 ވަނަ ދުވަހު ފާހަގަކުރަން ފެށުމާއެކު، ޒަމާނީ ޓެކްނޮލޮޖީއާއި އިނޮވޭޓިވް ސޮލިއުޝަންތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުން ގުޅާލުމަށް ދެ އަހަރު ވަންދެން ކުރަމުން އަންނަ މަސައްކަތުގެ ކައުންޓްޑައުން ފެށޭނެކަމަށެވެ. އެގޮތުން ކަސްޓަމަރުން ޑިޖިޓަލް ދިރިއުޅުން ފުރިހަމަކުރުމަށް އައު އަދި އިތުރު ޚިދުމަތްތަކެއް އެކުންފުނިން ވަނީ ތަޢާރަފްކޮށްފައެވެ.
އެގޮތުން އައު ގިނަ ޕްރޮޑަކްޓެއް އެކުންފުނިން ލޯންޗު ކޮށްފައިވެއެވެ. މީގެ ތެރޭގައި އުރީދޫގެ ފައިވް-ޖީ ކަވަރޭޖް ޚިދުމަތް ފުޅާކުރުން އެކުންފުނުން ފާހަގަކުރެއެވެ.
އުރީދޫން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރ ޙުސެއިން ނިޔާޒް ވިދާޅުވީ މިހާރު ރާއްޖޭގެ 60 އިންސައްތައަށް ފައިވް-ޖީ ކަވަރޭޖް ދެމުންދާކަމަށެވެ.
"އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަން މިހާރު 60 އިންސައްތައަށް ކަވަރޭޖް ދެވޭކަން. އަދި ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖެއަށް މި ޚިދުމަތް އަވަށް މުސްތަޤުބަލެއްގައި ފުޅާ ކުރެވިގެންދާނެ." ނިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ނުޖޫމް-ލޯޔަލްޓީ ޕްރޮގްރާމުގެ ނަމުގައި ޤަތަރުގައިވެސް އެކުންފުނިން ބޭނުންކުރަމުންދާ ލޯޔަލްޓީ-ޕްރޮގްރާމެއް އެކުންފުނިން ވަނީ ތަޢާރަފްކޮށްފައެވެ. މި ލޯޔަލްޓީ ޕްރޮގްރާމުގައި ބައިވެރިވާން ޖެހެނީ ހަމައެކަނި އުރީދޫ ކަސްޓަމަރެއްގެ ގޮތުގައި ދެމިހުންނާށެވެ. މިގޮތުން ޕްރޮގްރާމުން ލިބޭ ޕޮއިންޓްތައް އުރީދޫގެ ޚިދުމަތްތައް ހޯދާށާއި އަދި އުރީދޫ ޕާޓްނަރުންގެ ޚިދުމަތްތަކަށް ބޭނުން ކުރެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
މީގެ އިތުރުން އެކުންފުނީގެ އާޗާ ޕެކޭޖުތައް ބްރޯޑްބޭންޑު ޚިދުމަތައްވެސް އެކުންފުނިން ވަނީ އިތުރުކޮށްފައިވާއިރު، އޭއައި ޕޯސްޓް ޕެއިޑް ޕެކޭޖާއެކު ބޮޑެތި އެލަވެންސްތައް ލިބޭ ޑޭޓާ ޕެކޭޖެއް އުރީދޫއިން އަހަރީ ދުވަހާއި ގުޅުވައި ވަނީ ތަޢާރަފްކޮށްފައެވެ. މީގެ އިތުރުން އެކުންފުނިން އަލަށް ތަޢާރަފް ކުރި ކަންކަމުގައި ތެރޭގައި މުނިފޫހިފިލުވުމަށް ޚާއްސަ ޕްލެޓްފޯމެެއް ހިމެނެއެވެ.
އުރީދޫ ނޭޝަންގެ މުބަރާތަކާއެކު އެކުންފުނިން ވަނީ މިފަހަރުގެ އަހަރީ ދުވަސް ކުލަގަދަކޮށް އެކުންފުނިން ފާހަގަކުރާނެއެވެ. އުރީދޫން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ޚިދުމަތްތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުން ކުރިއެރުވުމަށް ކަމަށެވެ.