ކޮންމެ އަހަރެއްގެވެސް މާރޗްމަހުގެ 8 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަސް ފާހަގަކުރުމަށް އދ. އިން ކަނޑައަޅާފައިވާ ޝިއާރަކީ "ޑިޖިޓަލް އޯލް: އިނޮވޭޝަން އެންޑް ޓެކްނޮލަޖީ ފޯރ ޖެންޑަރ އިކުއެލިޓީ" އެވެ.
ކޮންމެ އަހަރެއްގެވެސް މާރޗްމަހުގެ 8 ވަނަ ދުވަހަކީ އިޤްތިޞާދީ، ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ދަޢުރު ފުޅާކުރުމާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ އިތުރުން އެމީހުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ އަންހެނުންގެ ދުވަހެވެ. ތާރީޚަށް ބަލާއިރު މިދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރަންފެށީ 1911 ވަނަ އަހަރުއެވެ.
އަންހެނުންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމެވެ. އަދި އެކި ދާއިރާތަކުން އަންހެނުން ކޮށްފައިވާ، ކުރަމުން އަންނަ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމާއި ކުރިއަށްއޮތް ޖީލުތަކުގެ އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކާއި މުޖުތަމައުގައި އެމީހުންނަށް ހައްޤުވާ މަޤާމު ހޯދައި ދިނުމަށް ބާރުއެޅުމެވެ. މީގެ އިތުރުން އަންހެނުންނަށް ކުރާ ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ހުއްޓުވުމަށް މަސައްކަތްކުރުމެވެ.
އަންހެނުންގެ ދުވަސް މިއަދު ރާއްޖޭގައި ފާހަގަކުރަމުންދާއިރު، ރާއްޖޭގައި އަންހެނުންނަށް ކުރާ ޤަދަރާއި، މިންތީގެ ހަމަހަމަކަން ޤާއިމް ކުރުމަށް ކުރާ މަސައްކަތްތަކާއި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތް ފާހަގަކޮށްލަން ޖެހެއެވެ.
ރާއްޖެއަށް ބަލާއިރު މީގެ ކުރިން ވަޒީފާގެ ބާޒާރުގައި އަންހެނުންނާއި ފިރިހެނުންގެ ތަފާތުކުރުންތަކެއް ހުއްޓަސް މިއަދު ފެންނަމުން ދަނީ ދެ ޖިންސުގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކެވެ. ސިޔާސީ މައިދާނުގައްޔާއި ސިޔާސަތު ކަނޑައަޅާ ވަޒީފާތަކުގައި އަންހެނުންގެ ޢަދަދު މަދުނަމަވެސް، ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތައް ހެދިފައި ހުރި ގޮތުން، އަންހެނަކަށް ވީތީ ސިޔާސީ މަޤާމުތަކަށް ވާދަކުރުމުގެ ހައްޤުން މަހްރޫމްކުރެވިފައެއް ނޯވެއެވެ.
ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަޤާމުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމާއި ލޯކަލް ކައުންސިލްތަކުގެ މެންބަރުންކަމަށް ކުރިމަތިލުމުގައި ވެސް އަންހެނުންނަށް އެއްވެސް ހުރަހެއް ނެތެވެ. އަދި ކުރިއާ އަޅާ ބަލާއިރު މިފަދަ މަޤާމުތަކަށް އަންހެނުން ކުރިމަތިލާ މިންވަރު މަދެއްވެސް ނޫނެވެ. މިކަމަށް އިތުރަށް ބާރު އެޅުއްވުމުގެގޮތުން މިސަރުކާރުންވަނީ ލޯކަލް ކައުންސިލްތަކުގެ %33 އަންހެނުންނަށް ޚާއްސަކޮށް ޤާނޫނަކުން އެފުރުސަތު ފަހިކޮށްދެއްވާފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ރަސްމީކުރައްވައި އެކޮމިޓީތަކުގެ މެމްބަރުންނަށް މުސާރަދެއްވަން ވަނީ ފަށްޓަވާފައެވެ.
ވަޒީފާގެ މައިދާނުގައިވެސް އަންހެނުންނަށް އިތުރު ފުރުސަތުތައް ހޯދައިދީ، ގޭގައި ހުރެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތުތައްވެސް ސަރުކާރުން ވަނީ އަންހެނުންނަށް ފަހިކޮށްދެއްވާފައެވެ. މީގެ އިތުރުން އެކި ކަހަލަ ވިޔަފާރިތައް ފެށުމަށް ސަރުކާރުން އަންނަނީ ކުދި ލޯންތައްވެސް ތަޢާރަފްކޮށް ފޯރުކޮށްދެމުންނެވެ. މިކަމުގެ ނަތީޖާވެސް އަންނަނީ ފެންނަމުންނެވެ. ޚާއްސަގޮތެއްގައި ވިޔަފާރި ލޯނުގެ އެހީގައި ވިޔަފާރިތައް ފަށާ އެތައްބަޔަކު އަންނަނީ އެއިން ނަފާވެސް ހޯދަމުންނެވެ.
ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ހިއްސާ ކުރަނީ އަންހެނުންނެވެ. އަދި ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަންގެ ތަފާސްހިސާބުތަަކަށް ބަލާއިރު، ސިވިލް ސަރވިސް ޚިދުމަތުގައި ފިރިހެނުންނަށްވުރެ ގިނައީ އަންހެނުންނެވެ. މަތީ ތަޢުލީމަށް ކިޔަވާ މީހުންގެ ތެރެއިންވެސް ނިސްބަތުން އަންހެނުން ގިނަކަން ފާހަގަކުރެވެއެވެ. ވަޒީފާގެ މާހައުލުގައި އަންހެނުންގެ ދައުރު އިތުރުނަމަވެސް އެމީހުންނަށް އަދިވެސް އޮތް އެންމެ ބޮޑު އެއް ތަކުލީފަކީ ދަރިން ދޫކޮށްފައި ވަޒީފާއަށް ދާންޖެހުމެވެ. އެހެންނަމަވެސް މިހާރު ބައެއް އޮފީސްތަކުގައި މުވައްޒަފުންގެ ދަރިން ބެލޭނެ ޑޭކެއަރތައްވެސް އަންނަނީ ހުޅުވަމުންނެވެ.