ޚަބަރު

ފޭސް ރެކޮގްނިޝަން މެދުވެރިކޮށް މިހާރު އަމިއްލައަށް އީފާސް ވެރިފައިކުރެވޭނެ


ފޭސް ރެކޮގްނިޝަން ޓެކްނޯލޮޖީ މެދުވެރިކޮށް ކޮންމެތާކު، ކޮންމެ ވަގުތެއްގައިވެސް އަމިއްލައަށް އީފާސް ވެރިފައިކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އީފާސްއަކީ ސަރުކާރާއި ދައުލަތުގެ ބައެއް މުވައްސަސާތަކުން އޮންލައިންކޮށް ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ބޭނުންކުރަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެވެ.

އެން.ސީ.އައި.ޓީއިން ބުނީ އީފާސް ނިޒާމު ގެ އައު ވެބް ވަރޝަނެއް ތައާރަފްކޮށް އޮންލައިންކޮށް، އީފާސް ވެރިފައިކުރެވޭނެ ގޮތް މިހާރު ހަދާފައިވާކަމަށެވެ.

އޮންލައިން ވެރިފިކޭޝަންގެ ހިދުމަތް ތައާރަފު ކުރުމުގެ ކުރިން، އީފާސް ވެރިފައިކުރަން ބޭނުންވާ ފަރާތްތަކުން އެކަން ކުރަމުން އައީ، ވެރިފައިކުރުމުގެ ހިދުމަތްދޭ ސަރުކާރުގެ އިދާރާތަކުގެ ކައުންޓަރުތަކަށް ހާޒިރުވެގެންނެވެ. ނަމަވެސް އަލަށް ތައާރަފުކުރި ވެބް ވާރޝަންއިން ފޭސް ރެކޮގްނިޝަން ޓެކްނޯލޮޖީ މެދުވެރިކޮށް ކޮންމެ ތާކު، ކޮންމެ ވަގުތެއްގައިވެސް އަމިއްލައަށް އީފާސް ވެރިފައި ކުރެވޭނެކަމަށް އެންސީއައިޓީން ބުނެއެވެ.

އީފާސް ވެރިފައިކުރުމުން، އީފާސް ނިސްބަތްވާ މީހާގެ އީފާސްކަން ކަށަވަރު ކުރެވޭއިރު އޮންލައިންކޮށް ހިދުމަތްދޭ ފަރާތްތަކަށް، ހިދުމަތް ދެވެނީ ސައްހަ މީހާއަށްކަން ދެނެގަނެވޭނެކަމަށް އެންސީއައިޓީން ބުނެއެވެ.

މިއަދު މިގެނެވުނު ބަދަލާއެކު، އީފާސްގެ ވެބް އެޕް ވަނީ އިތުރަށް ތަރައްޤީކުރެވިފައެވެ. މި ވެބް އެޕް މެދުވެރިކޮށް އީފާސް ވެރިފައިކުރުމުގެ ހިދުމަތް ތައާރަފު ކުރުމުގެ އިތުރުން، އީފާސް ބޭނުން ކުރެވެމުން ދާގޮތުގެ މައުލޫމާތު ފަސޭހައިން ބަލާލެވޭނެ ގޮތަށް ވަނީ ފަރުމާކޮށްފައެވެ. މީގެ ތެރޭގައި އީފާސް ބޭނުން ކޮށްގެން ލޮގިން ކޮށްފައިވާ ޕޯޓަލްތަކާއި، އެޕޯޓަލްތަކާއި ހިއްސާކޮށްފައިވާ ޒާތީ މައުލޫމާތު ހިމެނެއެވެ. އަދި އެމީހެއްގެ އީފާސް ބޭނުންކޮށްގެން ކުރާ ކޮންމެ ކަމެއްގެ މައުލޫމާތު މި ވެބް އެޕް މެދުވެރިކޮށް ބަލާލެވޭނެއެވެ.

އީފާހަކީ ސަރުކާރާއި ދައުލަތުގެ އޮންލައިން 61 ޕޯޓަލެއް މެދުވެރިކޮށް ފޯރުކޮށްދޭ 460 އަށްވުރެ ގިނަ ހިދުމަތް ލިބިގަތުމަށް 137 ހާހަށްވުރެ ގިނަ މީހުން ބޭނުންކުރަމުންދާ، ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެވެ.

މިދިޔަ އަހަރު އީފާސްގެ ނިޒާމް މެދުވެރިކޮށް 5.1 މިލިއަން ފަހަރު، އެކިއެކި ހިދުމަތްތައް ހޯދުމަށް ވަނީ ބޭނުންކޮށްފައެވެ. އީފާސް އަކީ 2012 އަހަރުން ފެށިގެން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީން ތަރައްގީކޮށް ބަލަހައްޓަމުން އަންނަ ނިޒާމެކެވެ.

އީފާސް ވެރިފައިކުރުމަށް ބޭނުންވާ ފަރާތްތަކުން efaas.egov.mv އަށް ލޮގިން ކޮށްގެން ފަސޭހަކަމާއި އެކު ވެރިފައި ކުރެވޭނެއެވެ. އަދި މިކަމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެން.ސީ.އައި.ޓީގެ ހެލްޕް ޑެސްކް 3345050 އަށް ރަސްމީގަޑީގައި ގުޅުވުމުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.