ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ޖަހާ ވެކްސިން ޖެހުމަށްފަހު ދެ ހަފްތާ ވަންދެން ކަސްރަތުކުރުން ހުއްޓާލުން އެދިވިގެންވާކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮފް އިމިއުނައިޒޭޝަންގެ ޗެއާޕާސަން އަދި ކުޑަކުދިންގެ ޙާއްސަ ޑރ. އަހުމަދު ފައިސަލް އެދިވަޑައިގެންފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޑރ. ފައިސަލް ވިދާޅުވީ ވެކްސިން ޖެހުމުގެ ސަބަބުން ސައިޑް އިފެކްޓްސް ފެންނާނެކަމަށާއި، އެހެންކަމުންވެކްސިން ޖެހުމަށްފަހު ދެ ހަފްތާ ވަންދެން ގަދައަށްކުރާ ކަސްރަތުތަކުން ދުރުހެލިވުމަކީ މުހިންމުކަމެއްކަމަށެވެ. އެގޮތުން ދުވުމާއި ބޮޑީ ބިލްޑް ކުރުންފަދަ ކަސްރަތުތައް ހިމެނޭކަންކަމުން ދުރުހެލިވުމަށް ޑރ. ފައިސަލް އިލްތިމާސްކުރެއްވިއެވެ.
ވެކްސިންޖެހުމަށްފަހު 2 ހަފްތާ ވަންދެން ގަދައަށް ކަސްރަތުކުރުން މެދުކަނޑާލުން އެދެވިގެންވޭ.
— Ahmed Faisal (@Faisalnaifaru) January 24, 2022
ކޯވިޑްއިން ދިފާއުވުމަށް ޖަހާ ވެކްސިންގެ އެންމެ ބޮޑު އެއް ބޭނުމަކީ ބަލިން ދިފާއުވުމަށްޓަކައި މީހާގެ ދިފާޢީ ނިޒާމު ތައްޔާރު ކުރުމެވެ. އެގޮތުން މާ ގަދަޔަށް ކަސްރަތު ކުރުމުގެ ސަބަބުން މަދުން ނަމަވެސް މަޔޯކާޑިއަލް ޑިޒީޒް ފަދަ ކަންތައްތައް ކުރިމަތިވެފައި އެބަހުރިކަމަށްވެސް ޑރ. ފައިސަލް ވަނީ ވިދާޅުވެފައެވެ. މަޔޯކާޑިއަލް ޑިޒީސްގެ ސަބަބުން ހިތުގެ ޕަންޕް ކުރާ ރޭޓް ދައްވުމާއި ބްލަޑް ޕްރެޝަރ ދައްވުންފަދަ ކަންކަން ދިމާވާނެކަމަށްވެސް ފައިސަލް ވިދާޅުވިއެވެ،
ބައެއް ޤައުމުތަކުގެ ސިއްޙީ އިދާރާތަކުން އިލްތިމާސްކޮށްފައިވަނީ ވެކްސިން ޖެހުމަށްފަހު އެއް ހަފްތާއަށް ކަސްރަތު ކުރުން ހުއްޓާލުމެވެ. އެހެންނަމަވެސް އެންމެ އެދެވިގެންވަނީ ދެ ހަފްތާއަށް ގަދަޔަށް ކުރާ ކަސްރަތުތައް މެދުކަނޑާލުންކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އެހެންނަމަވެސް އާންމު ދިރިއުޅުމުގައި ކުރާ ކަންތައްތައް ކުރުމަށް ހުރަހެއް ނެތް ކަމަށްވެސް ވަނީ ވިދާޅުވިއެވެ.
ވެކްސިންގެ ސައިޑް އިފެކްޓްސް އާންމު ގޮތެއްގައި ފެންނާނީ ފުރަތަމަ ތިން ދުވަސް ތެރޭގައެވެ. އެގޮތުން ފުރަތަމަ ތިން ދުވަހު އެއްވެސް ކަހަލަ ލުއި ކަސްރަތެއްވެސް ނުކުރުމަށް ޑރ. ފައިސަލް އިލްތިމާސްކުރެއްވިއެވެ. އެހެން ނަމަވެސް ތިން ދުވަސް ފަހުން ލުއި ކަސްރަތެއް ކަމުގައިވާ ހިނގާލުން ފަދަ ކަމެއް ކުރެވިދާނެކަމަށް ފައިސަލް ވިދާޅުވިއެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ކޯވިޑްގެ ކޭސްތައް ފެންނަމުންދާ ވެކްސިން ޖެހުމަކީ މިކަމުން އަރައިގަތުމަށް ކުރެވޭނެ އެންމެ މުހިއްމު މަސައްކަތްކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. ރާއްޖޭގައި ކޯވިޑް ވެކްސިން ޕްރޮގްރާމް ކުރިއަށްދާއިރު، ދެ ޑޯޒް ޖެހުމަށްފަހު ބޫސްޓަރ ޑޯސް ޖަހަން ޝަރުތު ހަމަވާ ފަރާތްތަކުން އަވަހަށް ބޫސްޓަރ ޑޯސް ޖަހަން ސިއްހީ މާހިރުން ވަނީ ލަފާދެއްވާފައެެވެ.