ޚަބަރު

ނަތީޖާއާމެދު ހިތްހަމަޖެހޭ، ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި: ޝިޔާޒް


  • ދިއްދޫ މެޗުން މޮޅުވީ 3-2 ގެ ނަތީޖާއަކުން

  • މެޗު ފަސޭހަކުރުމުން ބައިކޮޅަށް ފަސޭހަ ގޯލުތަކެއް ވަން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކުލަބުން ދިއްދޫ ސްޕޯޓްސް ކުލަބްގެ މައްޗަށް 4-3 ގެ އުނދަގޫ މޮޅެއް ހޯދި މެޗުގެ، ނަތީޖާއާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، އެކަމަކު ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށް ވިކްޓްރީގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ވިކްޓްރީން ތިން ގޯލުގެ ލީޑެއް ނެގި ނަމަވެސް ދެވަނަ ހާފުގައި ދިއްދޫން ވަނީ ތިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ވިކްޓްރީން ދެވަނަ ފަހަރަށް ލީޑު ހޯދީ މެޗުގެ ފަހު ފަސް މިނިޓްގައެވެ.

މެޗަށްފަހު "ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން ޝިޔާޒް ބުނީ މެޗުގެ ނަތީޖާއާމެދު ހިތްހަމަ ޖެހޭ ކަމަށެވެ. އެކަމަކު ފުރަތަމަ ހާފުގައި ތިން ގޯލުގެ ލީޑެއްގައި އޮތުމުން ދެވަނަ ހާފުގައި ކުޅުންތެރިންނަށް މެޗު ފަސޭހަ ކުރެވުނުކަން ފާހަގަ ކުރެވުން ކަމަށް ޝިޔާޒް ބުންޏެވެ.

"ނަތީޖާއާމެދު ހިތްހަމަ ޖެހޭ. މީގަ މުހިންމީ މޮޅުވުން. ދެން މެޗަށް ނުކުތްއިރު ވެސް އެނގޭ މި މެޗު ފަސޭހަ ނުވާނެކަން. އެކަން ފެނިގެން އެދިޔައީ" ޝިޔާޒް ބުންޏެވެ.

ލީގުގައި ކުރިއަށް ހުރި މެޗުތަކަށް ނުކުންނައިރު، ވިކްޓްރީން ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަން ޝިޔާޒް ފާހަގަކުރިއެވެ. އެގޮތުން ލީގުގައި އެއްވެސް މެޗެއް ލީޑުގައި އޮވެގެންވެސް ފަސޭހަކޮށްނުލާ މެޗު ނިމެންދެން ކުޅެން ޖެހޭނެކަން ޝިޔާޒް ފާހަގަކުރިއެވެ.

ދިއްދޫ މެޗުގައި ވިކްޓްރީ ކޮޅަށް ވަން ބައެއް ގޯލުތަކަކީ މެޗު ފަސޭހަކޮށްލައިގެން ތިބުމުން ވަން ގޯލުތަކެއް ކަމަށް ޝިޔާޒް ބުންޏެވެ. ޝިޔާޒް ބުނީ ލީގު ބްރޭކަށް ދާއިރު، ދެ މެޗުން މޮޅެއް ލިބުމުން އެކަމާ ހިތްހަމަ ޖެހޭ ކަމަށެވެ.

ލީގު ތާވަލުގައި ވިކްޓްރީއަށް ހަ ޕޮއިންޓް ވަނީ ލިބިފައެވެ. އެއީ 5-1 ގެ ނަތީޖާއިން ޓީސީ ބަލިކޮށް ހޯދި ތިން ޕޮއިންޓާ، ދިއްދޫ މެޗުން ހޯދި ތިން ޕޮއިންޓާއެކުގައެވެ.