ޚަބަރު

ވިކްޓްރީ މެޗުން ފެނިގެންދިޔައީ ތަޖުރިބާގެ ތަފާތު: މޫސަ


  • ވިކްޓްރީ އަތުން ދިއްދޫ ބަލިވީ 3-2 ގެ ނަތީޖާއަކުން

  • މިހާރުގެ ޓާގެޓަކީ ބިސްބުރު ބަލިކޮށް ބްރޭކަށް ދިޔުން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކުލަބް އަތުން 3-2 ގެ ނަތީޖާއަކުން ބަލިވިޔަސް ނަތީޖާއާ މެޗު ހިތްހަމަ ޖެހޭ ކަމަށާއި، މި މެޗުގައި ފެނިގެންދިޔައީ ތަޖުރިބާގެ ތަފާތު ކަމަށް ދިއްދޫ ސްޕޯޓްސް ކުލަބްގެ ކޯޗު މޫސާ އިބްރާހީމް ބުނެފިއެވެ.

ލީގުގައި ދިއްދޫން ކުޅުނު ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން ބުރު ސްޕޯޓްސް ކުލަބްގެ މައްޗަށް ވަނީ ކުރިހޯދައިފައެވެ. އެ މެޗުގައި ވެސް އަދި ވިކްޓްރީ މެޗުގައިވެސް ދިއްދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

މެޗަށްފަހު "ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން ދިއްދޫގެ ކޯޗު މޫސަ ބުނީ، މި މެޗުގެ ފުރަތަމަ ހާފުގައި 3-0 ގެ ލީޑެއްގައި ވިކްޓްރީ އޮތް ނަމަވެސް ދެވަނަ ހާފުގައި މުޅި ދިއްދޫ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ހިތްވަރުކޮށް ނަތީޖާ ނެރެން މަސައްކަތް ކުރިތަން ކަމަށެވެ.

މޫސަ ބުނީ ދިއްދޫން މި ކުޅެނީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ލިގުގައި ކަމަށް އަދި ވިކްޓްރީއަކީ އެންމެ މަތީ ފަންތީގެ ވަރުގަދަ ކުލަބެއް ކަމަށާއި، މިވަރުގެ ޓީމަކާ ކުޅޭއިރު ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ ބަދަލުވެދާނެކަން މި މެޗުން ފެނިގެންދިޔަކަން މޫސަ ފާހަގަކުރިއެވެ.

މޫސަ ބުނީ މި މެޗުން ފެނިގެންދިޔައީ ތަޖުރިބާގެ ތަފާތުކަން ކަމަށެވެ. އަދި ވިކްޓްރީ ޓީމުގައި އެ ތިބީ މަތީ ފަންތީގެ ޓްރެއިނިންގ ލިބި، ގައުމީ ޓީމުގެ ކުޅުންތެރިން ކަމަށާއި، މި މެޗުގެ ތަފާތަކީ އެއީ ކަމަށެވެ.

މޫސަ ބުނީ ދިއްދޫ ކުޅުންތެރިންނަށް ކުރިއަށް ހުރި މެޗުތަކުގައި ތަޖުރިބާލިބި މަތީ ފަންތީގައި ރަނގަޅު ނަތީޖާތަކެއް ނެރޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ބިސްބުރު މެޗު ނެގުން އެއީ މިހާރު އެންމެ ބޮޑު ޓާގެޓްކަން މޫސަ ފާހަގަކުރިއެވެ.

ދިއްދޫން ބިސްބުރާ ދެކޮޅަށް ނުކުންނާނީ އަންނަ އާދީއްތަ ދުވަހުގެރެޔެވެ.