ޚަބަރު

މެސީ ކުޅޭ އިންޓަ މިއާމީގެ ކޯޗުކަމާ އާޖެންޓީނާގެ "ކިލީ" ގޮންޒާލޭޒް ހަވާލުވެއްޖެ


  • އޭނާއަށް ދިނީ ޖޫން 2028 ގެ ނިޔަލަށް އޮތް އެއްބަސްވުމެއް

މެސީ ކުޅޭ އިންޓަ މިއާމީގެ ކޯޗުކަމާ އާޖެންޓީނާގެ 'ކިލީ' ގޮންޒާލޭޒް ހަވާލުވެއްޖެއެވެ. އާ ކޯޗު ޓީމްގެ ތަމްރީނުތަކަށް ނިކުތީ އަންގާރަ ދުވަހުއެވެ.

ކްރިސްޓިއަން 'ކިލީ' ގޮންޒާލޭޒް އަކީ މެސީގެ ގައުމު އާޖެންޓީނާ ކޯޗެކެވެ. އޭނާ ޓީމާ އިންޓަ މިއާމީއާ ހަވާލުވާކަން ކްލަބުން މިދިޔަ މަހު އިއުލާނު ކުރި ނަމަވެސް, ޓީމާ ހަވާލުވުން ލަސްވީ އެމެރިކާގެ ވޯކްޕާމިޓް ހަމަޖެހުން ލަސްވުމުންނެވެ. އޭނާ އިންޓަ މިއާމީއާ ހަވާލުވީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އާ ކޯޗު ޓީމާ ހަވާލުވިއިރު އިންޓަ މިއާމީ އޮތީ ރަނގަޅު ހާލަތެއްގައެއް ނޫނެވެ. ސީޒަންގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން މޮޅުވީ އެއް މެޗުންނެވެ. މެސީއާއި ކަސެމީރޯ ފަދަ ދުނިޔޭގެ އެންމެ މަޝްހޫރު މޮޅު ކުޅުންތެރިންނާއެކު އިންޓަ މިއާމީއަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދިނުމަކީ ގޮންޒަލޭޒް އަށް އޮތް ޕްރެޝަރެކެވެ. ގޮންޒާލޭޒް އަކީ ކުރިން އާޖެންޓީނާ ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް އޭނާ 56 މެޗު ކުޅުނެވެ. އެއީ 1995 ން 2005 އާ ދެމެދުއެވެ. ކުޅުންތެރިއެއްގެ ގޮތުގައި އިންޓަރ މިލާނާއި, ވެލެންސިޔާއަށް ކުޅުނެވެ. 2020 ވަނަ އަހަރު ކޯޗިންގ ކެރިއަރު ފަށާ މަސައްކަތްކުރީ އާޖެންޓީނާ ކްލަބްތަކުގައެވެ.

އިންޓަ މިއާމީގެ ކޯޗުގެ މަގާމް ހުސްވީ ހަވިއޭ މަޝެރާނޯ އެޕްރީލް މަހު އިސްތިއުފާ ދިނުމުންނެވެ. އޭނާ ޓީމް ދޫކޮށްލީ އަމިއްލަ ސަބަބަކާހުރެ އެވެ. އޭގެފަހުން ޓީމަށް އިރުޝާދުދިނީ ޓެކްނިކަލް ޑައިރެކްޓަރު ގިލެރްމޯ ހޯޔޯސް އެވެ.

އާކޯޗާއެކު އިންޓަ މިއާމީގެ ފުރަތަމަ މެޗަކީ ބުދަ ދުވަހު ކެމްޕެއޯނެސް ކަޕްގައި މެކްސިކޯގެ ސީޑީ ކުރޫޒް އަޒުލްއާ ދެކޮޅަށެ ކުޅޭ މެޗެވެ.