ކޯވިޑް-19 ގެ ނުރައްކާ އަނެއްކާވެސް ބޮޑުވެ ބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު މަތިވާން ފަށައިފިއެވެ.
ކޯވިޑްގެ އާވޭރިއަންޓް "އޮމިކްރޯން" އާއިއެކު ކޯވިޑް ފެތުރޭ ނިސްބަތްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިއްޔެ އެކަނިވެސް ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 1،500 އިން މައްޗަށް އަރާފައެވެ. މީގެ ތެރެއިން 40 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. މިމަހުގެ ކުރީ ކޮޅު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ މީހުންގެ އަދަދު ހުރީ 15 އިން ދަށުގައެވެ.
ބަލި ޖެހޭ މީހުންގެ ނިސްބަތް އެއްދުވަހުން އަނެއް ދުވަހަށް މައްޗަށްދާއިރު، މީގެ ކުރިން ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންނަށްވުރެ މިފަހަރު ޕޮޒިޓިވްވާ މީހުންގެ އަދަދު އުފުލުމަކީ ގާތްކަމެއްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ކޯވިޑުގެ މިވޭރިއަންޓުގައި އޮތް ނުރައްކަލަކީ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ބޮޑެތި ބަލިތަކާއި، އުމުރުން ދުވަސްވީ މީހުން ބައްޔަށް ޕޮޒިޓިވްވާ ރޭޓު މަތިވެ ފަރުވާދޭންޖެހޭ އަދަދު އިތުރުވުމެވެ.
ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރު ވެފައިވާއިރު، މިވަގުތުވެސް 8،000 އަށްވުރެ ގިނަ މީހުން އަންނަނީ ބައްޔަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންނެވެ. މިއަދަދު މިމަހުގެ ކުރީ ކޮޅު ހުރީ 2،000 ގައެވެ. ކޯވިޑްގެ މި ވޭރިއަންޓަކީ ބާރަށް ފެތުރޭ ވޭރިއަންޓަކަށްވުމުން ރައްކާތެރިވުމަށް މީގެ ކުރިން ދިން ސަމާލުކަމަށްވުރެ މާބޮޑު ސަމާލުކަމެއް ދޭންޖެހޭކަމަށް ޑޮކްޓަރުންވެސް އަންނަނީ ވިދާޅުވަމުންނެވެ.
ރާއްޖެއިން ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތު ކަމަށްވާ "ރެޑް އެލާޓް" ނެރެފައިވާއިރު، ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައްވެސް ވަނީ ވަރުގަދަކޮށްފައެވެ. ކޯވިޑްގެ އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ރާއްޖޭގައިވެސް ފެތުރެމުން އަންނާތީ ކޯވިޑުން ދިފާޢުވުމަށް އަޅާ ފިޔަވަޅުތަކަށް ސަމާލުވުމަކީ މުހިއްމުކަމެކެވެ. އެގޮތުން ބަލީގެ ޢަލާމާތްތައް ހުރި މީހެއްނަމަ ވީއެންމެ އަވަހަކަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން މީހުންގެ ތެރެއަށް ނިކުމެ ނޫޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ. އަދި ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކުއެޅުމަށާއި ގައިދުރުކަން ކަށަވަރުކުރުމަކީ މުހިއްމު ކަމެކެވެ.